ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ އޭވިއޭޝަން ދާއިރާ ތަރައްގީ ކުރުމަށް ހާއްސަ އިސްކަމެއް ދެއްވާކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ބިއޯންޑް އެއާލައިންގެ އެއް އަހަރު ފުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ، ރާއްޖެއަކީ ދުނިޔޭގެ އެންމެ ޕްރިމިއަމް ޓޫރިޒަމް މަންޒިލުތަކުގެ ތެރެއިން އެއް މަންޒިލު ކަމަށެވެ. އަދި ބިއޯންޑަކީ ރާއްޖޭގެ ބްރޭންޑާއި ގުޅޭ އެއާލައިނެއް ކަމަށެވެ. އަދި އެފަދަ ލަގްޒަރީ ޑެސްޓިނޭޝަނަކާ ގުޅޭ އެއާލައިނެއް އޮތުމަކީ ޓޫރިޒަމް އިތުރަށް ފުޅާކޮށް، އިތުރު ޓޫރިސްޓް މާކެޓަށް ހޯދުމަށް ލިބޭ ފުރުސަތެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، ބިއޯންޑް ފަދަ އެއާލައިންތަކުގެ ހިދުމަތް ފުޅާކުރުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ. އޭވިއޭޝަން ދާއިރާ ތަރައްގީކޮށް، ރާއްޖެ އޭވިއޭޝަން ހަބަކަށް ހެދުމުގައި ބިއޯންޑުން ބައިވެރިވެ، އޮޕަރޭޝަންތައް ފުޅާކުރުމަކީ އުއްމީދު ކުރައްވައި ކަމެއް ކަމަށް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން، އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީ، ބިއޯންޑަކީ ރާއްޖެ ފަދަ ލަގްޒަރީ ޓޫރިސްޓް މަންޒިލަކަށް މުހިންމު އެއާލައިނެއްކަމަށެވެ. އަދި ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުކުރުމަށް ސަރުކާރުން މަސައްކަތްކުރާއިރު، ލަގްޒަރީ އެއާލައިނެއްގެ ދައުރު މުހިންމުކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ބިއޯންޑަކީ ސިމްޑީ ގްރޫޕާއި ޔޫއޭއީގެ އަރަބެސްކް ކުންފުނި ގުޅިގެން ތައާރަފްކުރި ލަގްޒަރީ އެއާލައިނެކެވެ. މިދިޔަ އަހަރު އޮކްޓޯބަރުގައި ލޯންޗުކޮށް، ނޮވެމްބަރުގައި ހިދުމަތް ފެށި މި އެއާލައިނުގެ ދެވަނަ އެއާކްރާފްޓް މިއަދު ވަނީ ރާއްޖެ ގެނެސް އޮޕަރޭޝަނަށް ނެރެފައެވެ. މިވަގުތު މި އެއާލައިނުން ދަތުރުކުރަނީ 5 މަންޒިލަކަށެވެ.

