ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، ’މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024’ގެ އެންމެ ޝަރަފުވެރި އެވޯޑްތައް ހަވާލުކޮށްދެއްވައިފިއެވެ.
ރައީސް މި އެވޯޑްތައް ހަވާލުކޮށްދެއްވީ މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުން، ’މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024′ ގެ ނަމުގައި، ޒުވާނުންގެ މަރުކަޒުގައި ރޭ ބޭއްވި ޚާއްޞަ ޙަފްލާގައެވެ.
މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ލިބިވަޑައިގެންނެވި ދެ ބޭފުޅުންނަށް އިނާމު ހަވާލުކޮށްދެއްވާފައެވެ. މިއަހަރު ލައިފްޓައިމް އެވޯޑު ލިބިވަޑައިގެންފައިވަނީ އަލްމަރްޙޫމް އަޙްމަދު ޙާފިޒްގެ ހަނދާނަށާއި، ޢަބްދުއްސައްތާރު ޙަސަނަށެވެ.
މީގެ އިތުރުން ސްޕޯޓްސްވުމަން އޮފް ދި އިޔަރ- ގޯލްޑް ޙާސިލުކުރެއްވި ފާތިމަތު ދީމާ ޢަލީ އަށާއި، ސްޕޯޓްސްވުމަން އޮފް ދި އިޔަރ- ސިލްވަރ ޙާސިލުކުރެއްވި ފާތިމަތު ނަބާހާ ޢަބްދުއްރައްޒާޤަށާއި، ސްޕޯޓްސްވުމަން އޮފް ދި އިޔަރ- ބްރޮންޒް ޙާސިލުކުރެއްވި އާމިނަތު ނަބީހާ ޢަބްދުއްރައްޒާޤަށް އެވޯޑު ހަވާލުކޮށްދެއްވީ ރައީސްއެވެ.
އަދި ސްޕޯޓްސްމަން އޮފް ދި އިޔަރ- ގޯލްޑް ޙާސިލުކުރެއްވި މުޙައްމަދު ޝައްފާން އިސްމާޢިލަށާއި، ސްޕޯޓްސްމަން އޮފް ދި އިޔަރ- ސިލްވަރ ޙާސިލުކުރެއްވި އަޒްނީން ރަޝާދަށާއި، ސްޕޯޓްސްމަން އޮފް ދި އިޔަރ- ބްރޮންޒް‘ ޙާސިލުކުރެއްވި ނިބާލް އަޙްމަދަށްވެސް އެވޯޑު ހަވާލުކޮށްދެއްވީ ރައީސްއެވެ.
އެވޯޑު ހަވާލުކުރެއްވުމަށްފަހު ރައީސް ވަނީ މި ޙަފްލާގައި އެންމެ ޝަރަފުވެރި ދެ އެވޯޑު ޙާޞިލުކުރެއްވި ދެ ބޭފުޅުންނާއެކު ޚާއްޞަ ހަނދާނީ ފޮޓޯއެއް ނަންގަވައިފައެވެ.
މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްވެސް ބައިވެރިވެވަޑައިގެން، ބައެއް ޚާއްޞަ އެވޯޑުތައް ހަވާލުކޮށްދެއްވާފައިވެއެވެ. އަދި ކުޅިވަރު ދާއިރާގެ ކުރިއެރުމަށް ރާއްވަވާފައިވާ އަދި ފައްޓަވާފައިވާ މުހިންމު މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި، މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރާފިޢު ވަނީ މި ޖަލްސާގައި ވާހަކަފުޅު ދައްކަވައިފައެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އަކީ ކުޅިވަރުގެ ދާއިރާއިން ދިވެހިރާއްޖެއަށް ޚިދުމަތްކޮށްދެއްވާފައިވާ އަދި ޚިދުމަތްކޮށްދެއްވަމުންދާ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ޚާއްޞަކޮށްގެން ދިވެހިރާއްޖޭގައި ބާއްވަމުންދާ އެންމެ ޝަރަފްވެރި އިޙްތިފާލެވެ.

