ލޮނުފެނުން މަސް ފިނި ކުރާ ނިޒާމު ހަރުކަށިކުރުމަށް އެހީވުމަށް މި ހަފތާގައި 5 ރަށެއްގައި މިނިސްޓްރީގެ ޓީމުތައް ހަރަކާތްތެިވާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.
މި މަސައްކަތާއި ގުޅޭގޮތުން ފިޝަރީޒް މިނިސްޓްރީން ބުނެފައި ވަނީ މަސްދޯނިފަހަރުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއާ ގުޅޭގޮތުން މަސްވެރިންނާއި ކައުންސިލްތަކަށް މައުލޫމާތު ދިނުމަށާއި ފެސިލިޓީއަށް ހުށައެޅުމަށް ބޭނުންވާ އޮޑިވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެސްޑީއެފްސީ ބޭންކާއި މިނިސްޓްރީގެ ޓީމުތައް މި ހަފްތާގައި ހަރަކާތްތެރި ވާނެ ކަމަށެވެ.
އެ ޓީމުތަކުން ހަރަކާތްތެރިވާ ރަށް ރަށަށް ބަލާއިރު ތ. ހިރިލަންދޫ، ވޭމަންޑޫ، ޅ. ނައިފަރު, ށ. ކޮމަންޑޫ އަދި ހއ. އިހަވަންދޫ ހިމެނެއެވެ.
އާރުއެސްޑަބްލިޔު ސިސްޓަމް ނުވަތަ ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ދޯނިތަކުގައި ހަރުކުރަން ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މި މަޝްރޫއުގެ ދަށުން 100 ދޯންޏަކަށް ލޯނު ދެވޭނެ ކަމަށް މިނިސްޓްރީއިން މީގެ ކުރިން ބުނެފައިވެއެވެ.
މި މަޝްރޫއާ ގުޅޭގޮތުން މަސްވެރިންނާއި އޮޑިވެރިންނާއެކު މަޝްވަރާތައް ކުރަމުންދާ ކަމަށާއި މި މަޝްރޫއުގެ ދަށުން 100 ދޯންޏެއްގައި މި ނިޒާމު ގާއިމުކުރުމަށް ސަރުކާރުން ލޯނު ދޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

