މާލެ ސަރަހައްދު ސާފުކުރުމާއި މަރާމާތުކުރުމުގެ ގިނަ މަސައްކަތްތަކެއް މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންގޮސްފިއެވެ.
މާލެ ސިޓީ ކައުންސިލުން އާންމުކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި ބަނދަރުތަކާއި ފަޅުތެރެ ސާފުކުރުމުގެ މަސައްކަތްތައް ހިމެނޭއިރު ކައުންސިލުންވަނީ އެ މަސައްކަތްތައް ކޮންމެ ދުވަހަކުވެސް ކުރަމުންދާންޖެހިފައިވާކަން ހިއްސާކޮށްފައެވެ. އެހެންކަމުން އެ ތަންތަން ސާފުކޮށް ބޭއްވުމަށްޓަކައި އެންމެހާ ރައްޔިތުންގެވެސް އެއްބާރުލުން ބޭނުންވާކަމަށާއި މަގުތަކާއި މޫދަށް ކުނި ނޭޅުމަށް ކައުންސިލުން އެދުނެވެ.
މާލެ ސަރަހައްދުގެ މަގުތައް އިތުރަށް އަލިކުރުމުގެ ގޮތުން، އަނދިރި ސަރަހައްދުތައް ދެނެގަނެ ލައިޓުތައް ހަރުކުރުމުގެ މަސައްކަތްތައް ވެސް ކުރިޔަށް ގެންދިޔަ އެވެ. އެގޮތުން މާލޭގެ ޕޯސްޓު ބިލްޑިންގް ސަރަހައްދުގެ އިތުރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައިވެސް އެ މަސައްކަތްތައް ކޮށްފައިވާ މަންޒަރުތައް ސޯޝަލްމީޑިއާގައި އާންމުކޮށްފައިވެއެވެ.
މާލޭގައި ހަލާކުވެފައިވާ މަގުތައް މަރާމާތުކުރުމުގެ މަސައްކަތްތައްވެސް ކައުންސިލުން ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން ގ ބުރުޒުމަގުގެ ކާނުތައް ހަލާކުވެފައިހުރި ސަރަހައްދުގެ ގައުތައް ނަގައި، އެ ތަންތަން ސާފުކުރުމުގެ މަސައްކަތްތައް ކޮށްފައިވާކަމަށާއި، އަލުން ވެލި އަޅައި އެތަން ލެވެލްކޮށް ގާއަތުރާ މަރާމާތުކޮށްފައިވާކަމަށް ކައުންސިލުން ބުނެފައިވެއެވެ. އަދި ދަރުމަވަންތަ ސުކޫލު ކުރިމަތީގައިވެސް މަރާމާތު މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފައިވާކަމަށް ބުނެފައިވެއެވެ.

