ބުޅާ މަސް އަޅައިިގެން ކާ ތަކެތި ތައްޔާރުކުރިކަމުގެ ތުހުމަތުކުރެވުނު ބިދޭސީ މީހާގެ ގެއިން ނެގި ސާމްޕަލްތަކުން އެފަދަކަމެއް ފާހަގަކުރެވިފައި ނުވާތީ މައްސަލައިގެ ތަހުގީގު ހުއްޓާލާފައިވާކަމަށް ފުލުހުން ބުނެފި އެވެ.
މިދިޔަ އޮގަސްޓު މަހު ފެންމަތިވި މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އަރަފާތު ހުސެއިން އެވެ.
ޖިނާއީ ތުހުމަތުތަކެއް ކުރި އަރަފާތަކީ ގަވައިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރި ކުރަމުން އައި މީހަތަކަށް ވީތީ އޭނާ ހުރީ މޯލްޑިވްސް އިމިގްރޭޝަނުގެ ބެލުމުގެ ދަށުގަ އެވެ.
އަރަފާތު ގެއަށް ބުޅާތައް ގެންދާއިރު، ދެ ދުވަހަކު އެއް ބުޅަލެއް ނުފެންނަކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދިޔައީ ބުނަމުންނެވެ. އަދި މާލޭގެ ޕާކިން ޒޯނުތައް ސަރަހައްދުގައި އުޅޭ ބުޅާތައް އޭނާ ގެންދާކަމަށް ވެސް ތުހުމަތުކޮށް އަޑުތައް ފެތުރުނީ އެ ގެއިން ނެރެފައި ހުންނަ ކުނިތަކުގެ ތެރެއިން ބުޅަލުގެ ބައިތައް ވެސް ފެންނަކަމަށެވެ.
މި ތުހުމަތުތަށް ކުރެވުމާއި އެކު އަރަފާތު ހައްޔަރު ކުރި ފަހުން އޭނާ ދިރިއުޅެމުން ދިޔަ ގޭތެރޭގެ ފޮޓޯއާއި ވީޑިއޯތައް އާންމުވިއެވެ. ތަނުގެ ތެރެއިން ބުޅަލާއި ގުޅުން ހުރި އެއްޗެއް ނުފެނުނު ނަމަވެސް، ކާބޯތަކެތި ތައްޔާރު ކުރުމުގައި ތަނުގައި އެއްވެސް ސާފުތާހިރުކަމެއް ނެތެވެ. އަދި ނަޖިސްކޮށް މުޑުދާރުކޮށް ހުރި އެތަނުގެ ތެރޭގައި، ގިނަ އަދަދެއްގެ މަސް ފިނިކޮށްފައި ހުއްޓެވެ.
މި މައްސަލައިގައި މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، އަރަފާތުގެ ގެއިން ނެގި ސާމްޕަލްތަކުން ބުޅާ ބޭނުންކޮށްގެން ކާބޯތަކެތި ތައްޔާރު ކުރިކަމަށް އެއްވެސް ހެއްކެއް ލިބިފައި ނުވާކަމަށާއި، އެ މައްސަލައިގެ ތަހުގީގު މިހާރު ހުއްޓާލާފައިވާކަމަށެވެ.
މާބޮޑު ހެއްކެއް ނެތި ބޮޑެތި ތުހުމަތުތަކެއް ކުރި އަރަފާތު މިހާރު ވަނީ ޑީޕޯޓުކޮށްލާފަ އެވެ.

