އިންޑިއާގެ ”ޔުނިފައިޑް ޕޭމަންޓް އިންޓަރފޭސް“ (ޔޫޕީއައި) ރާއްޖެއަށް ތަޢާރުފުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރިއަށްގެންދިއުމަށް ކެބިނެޓުގެ މަޝްވަރާގެ މަތީން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
އާދީއްތަ ދުވަހު އޮތް ކެބިނެޓު ބައްދަލުވުމުގައި ރައީސް، މިގޮތަށް ނިންމަވާފައި ވަނީ އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ހުށަހެޅި ކަރުދާހަށް މަޝްވަރާ ކުރެއްވުމަށް ފަހު އެވެ.
އެގޮތުން ޔޫޕީއައި ތައާރަފުކުރުމަށްޓަކައި، ކޮންސޯޓިއަމްއެއް ގާއިމުކުރުމަށް ރައީސް ނިމްމެވި އެވެ. އަދި މި ކޮންސޯޓިއަމްގައި، ރާއްޖޭގެ ބޭންކުތަކާއި، ޓެލެކޮމް ކުންފުނިތަކާއި، ސަރުކާރުގެ ކުންފުނިތައް އަދި ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ ފިންޓެކް ކުންފުނިތައް ހިމެނުމަށް އެމަނިކުފާނު ވަނީ ކަނޑައަޅުއްވާފައެވެ. އަދި މި ކޮންސޯޓިއަމް ލީޑް ކުރާނެ އޭޖެންސީއަކަށް އެމަނިކުފާނު ހަމަޖެއްސެވީ ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑެވެ.
މީގެ އިތުރުން ޔޫޕީއައި ގާއިމުކުރުމުގެ މަސައްކަތް ވިލަރެސްކުރުމަށް، އިކޮނޮމިކް މިނިސްޓްރީ އިސްވެ ހަރަކާތްތެރިވާ ގޮތަށް، ފިނޭންސް މިނިސްޓްރީ، ހޯމް މިނިސްޓްރީ އަދި މޯލްޑިވްސް މަނިތަރީ އޮތޯރިޓީ ހިމެނޭ އިންޓަރ އޭޖެންސީ ކޯޑިނޭޝަން ޓީމެއް އެކުލަވައިލުމަށްވެސް ރައީސް މުއިއްޒު ވަނީ ނިންމަވާފައެވެ.

