އަމިއްލަ ފަރާތްތަކުގެ ގެތަކުން ފްލޯތައް ކުއްޔަށް ނަގައިގެން ދައުލަތުގެ މުވައްސަސާތަކުގެ އޮފީސްތައް ހިންގަމުންދާ މައްސަލަ ހައްލު ކުރަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކް ވިދާޅުވެއްޖެއެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން ފޮނުވާފައިވާ، އެ އޮފީހުގެ 2025 ވަނަ އަހަރުގެ ބަޖެޓުގެ ތަފްސީލު ރިޕޯޓުގެ މާލިއްޔަތު ކޮމިޓީގެ ރިޕޯޓަށް ވާހަކަ ދައްކަވަމުން ހުސްނީ ވިދާޅުވީ އޮފީސްތައް ހިންގުމުގެ ހަރަދުގެ ގޮތުގައި ބޮޑުބައެއް ދައުލަތުގެ ބަޖެޓުން ހަރަދު ކުރަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ. އެގޮތުން އޮޑިޓު އޮފީސް ހިންގަމުންދާ އިމާރާތް ބައްދަލު ކުރަން ޖެހިދާނެކަމަށާއި މިހާރުވެސް ދެ އިމާރާތެއްގައި އޮފީސް ހިންގާއިރު ތަނުގެ ކުއްޔަށް ވެސް ކުރާ ހަރަދު ބޮޑުކަން އެނގިގެންދާކަމަށް ހުސްނީ ވިދާޅުވި އެވެ.
މިނިވަން މުވައްސަސާތަކާއި، އެކި އިދާރާތްތަކުގެ އޮފީސް ހިންގުމަށް އިމާރާތްތައް ކުއްޔަށް ނަގާފައިވާކަން ފާހަގަކުރައްވައި ހުސްނީ ވިދާޅުވީ ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ދާ މި މައްސަލަށް ހައްލެއް ގެނައުމަށް ކުރެވުނު އެއްވެސް މަސައްކަތެއް ފެންނަން ނެތްކަމަށެވެ. އަދި ގިނަ ފަހަރަށް އިދާރާތަކުން ހުށަހަޅާ ޝަކުވާތަކުގެ ތެރޭގައި އޮފީސް އިމާރާތް ބަދަލު ކުރަން ޖެހުމާއި، ތަނުގެ ކުއްޔަށް ކުރަން ޖެހޭ ހޭދަތަކުގެ ކަންބޮޑުވުން ހިމެނޭކަމަށް ވިދާޅުވި އެވެ.
އަޅުގަނޑު ފާހަގަކުރަން މިއުޅެނީ ދައުލަތުގެ ގިނަ އޮފީސްތަކެއް މިގޮތަށް، ކުއްޔަށް ނަގައިގެން ހިންގަން ޖެހުމުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ބޮޑު އެއްޗެއް ހަރަދުވެގެން އެބަދޭ.. މިކަމަށް އެއްވެސް ހައްލެއް ގެނައުމަށް މިވޭތުވެދިޔަ ތަނުގައި އެއްވެސް މަސައްކަތެއް ކުރެވިފައި ނެތް..
ދައުލަތުގެ އޮފީސްތަކާއި، ރައްޔިތުންނާއި ގުޅުން ހުރި މުވައްސަސާތައް އަމިއްލަ ބައެއްގެ އިމާރާތުން ފްލޯއެއް ކުއްޔަށް ނަގައިގެން ހިންގުމަކީ ވެސް އެންމެ ނަޒާހަތްތެރި ގޮތަކަށް ނުވާތީ ހުސްނީ ވިދާޅުވީ މި އޮފީސްތައް ދައުލަތުގެ އިމާރާތްތަކުގައި ހިންގޭނެ ނިޒާމެއް ގާއިމު ކުރަން ޖެހޭކަމަށެވެ.
ހުސްނީ ވިދާޅުވި ގޮތުގައި މިއީ ދައުލަތުގެ ބަޖެޓުން ކުއްޔަށް ކުރަން ޖެހޭ ހޭދަތައް ވެސް ކުޑަވެގެން ދާނެ ސަބަބެކެވެ.
މީގެއިތުރުން ހުސްނީ ވިދާޅުވީ މިފަދަ މައްސަލަތަކާއި އެކު ދެން އަންނަނީ ވަކި ބަޔަކަށް ނާޖާއިޒް ފައިދާ ނަގައިދިނުމުގެ ނިޔަތުގައި އިމާރާތެއް ކުއްޔަށް ނެގުން ކަމަށެވެ.
ދެން މިއާއި އެކު މި އަންނަނީ ކޮރަޕްޝަނާއި ގުޅުން ހުރި ކަންކަން.. މިވެނި މީހަކާއި ގުޅުން ހުރި ތަނަކުން ކުއްޔަށް ނަގައިގެން.. ހުޅުމާލެއިން ކުއްޔަށް ނަގައިގެން.. އޮފީސް ހިންގަމުންދާކަމާއި މި ހުރިހާ ކަންކަމެއް ވެސް އެބައާދޭ..
މިނިވަން މުވައްސަސާތަކާއި، އެކި ކޮމިޝަންތައް އާންމު ގެތައް ކުއްޔަށް ނަގައިގެން އޮފީސް ހިންގަމުންދާކަން ފާހަގަކުރެވެ އެވެ. އަދި ބައެއް އޮފީސްތައް ކައިރި ކައިރީގައި ބަދަލު ކުރަން ޖެހޭއިރު، މުވައްސަސާތައް އިމާރާތްތައް ކުއްޔަށް ނަގައިގެން ހިންގަމުން ދިއުމަކީ އެންމެ ރަނގަޅު ގޮތްތޯ އަބަދުވެސް ސުވާލު އުފައްދަ އެވެ.

