މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ބަލައިގަންނަ ޓެކްސް އަދި އެހެނިހެން ފައިސާތަކުގެ ތެރެއިން ނުލިބިވާ ފައިސާ ހޯދުމުގެ ގޮތުން މީރާއިން އަމަލުކުރާ އުސޫލުތަކަށް ބަދަލުތަކެއްގެނެސް ޝާއިޢުކޮށްފައިވާ ކަމަށް މީރާއިން ބުނެފިއެވެ.
މީރާއިން ބުނެފައިވަނީ ބަދަލުތައް ގެނެސްފައި ވަނީ ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކާމެދު ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ ގޮތުގެ އާންމު އުސޫލުގެ އިތުރުން ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލާއި އަދި ބެންކު އެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓުމާއި، ބެންކު އެކައުންޓު ބެލުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލަށް ކަމަށެވެ.
ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކާމެދު ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ ގޮތުގެ އާންމު އުސޫލަށް ގެނެވުނު މައިގަނޑު ބަދަލަކީ ސުންގަޑީގެ ފަހުން ފޮނުވަމުންދާ ފުރަތަމަ ނޯޓިސް އަދި 2 ވަނަ ނޯޓިސްގެ މުއްދަތު 15 ދުވަހަށް ބަދަލު ކުރުން ކަމުގައި މީރާއިން މައުލޫމާތުދެއެވެ.
އަދި ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލަށް ގެނެވުނު މައިގަނޑު ބަދަލު ތަކަކީ ނަންހާމަކުރާއިރު ޓެކްސްދައްކާފަރާތުން ނުދައްކައިވާ އަދަދާއެކު ހާމަކުރެވިގެންދާނެކަމަށް ބަޔާންކުރުމާއި، ނަން ހާމަކުރުމުގައި މީރާއިން ބަލާ މިންގަނޑުތައް ތަފާތު ކޮށް، ނަން ހާމަ ކުރުމަށްފަހު، އެއް މަރުހަލާއިން އަނެއް މަރުޙަލާއަށް ދިއުމުގެ މުއްދަތު 5 ދުވަހުގެ މުއްދަތަކަށް ބަދަލުކުރުން ކަމުގައިވެސް މީރާއިން ވަނީ ބުނެފައެވެ.
މީގެ އިތުރުން ބެންކު އެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓުމާއި، ބެންކު އެކައުންޓު ބެލުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލަށް ގެނެވުނު ބަދަލަކީ، ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކާމެދު ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ ގޮތުގެ އާންމު އުސޫލަށް ގެނެވުނު ބަދަލާ އެއްގޮތް ކުރުމުގެ ގޮތުން ނޯޓިސް ދެވޭ މުއްދަތު ކުރުކޮށް އިސްލާހުކުރުން ކަމުގައި މީރާއިން ވަނީ ބުނެފައެވެ.

