ހުޅުމާލޭ ފޭސް 1 ގެ މާރުކޭޓުގެ 15 ގޮޅިއެއް ބަަލައި ބިދޭސީންތަކެއް އިމިގްރޭޝަންގ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ހިއްސާ ކުރެއްވި މައުލޫމާތުގައި ބުނެފައިވަނީ، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ ”ރަށު މާރުކޭޓު“ ގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް އަދި މަސައްކަތްކުރަމުންދިޔަ 23 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެ މާރުކޭޓުގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް އަދި މަސައްކަތްކުރަމުންދާ ބިދޭސީން ހޯދުމަށް ހާއްސަ ރެއިޑު އޮޕރޭޝަނެއް ހިންގާފައިވާ ކަމަށެވެ. އެތަނުން 15 ފިރެހެނަކާއި 8 އަންހެނުން ހިމެނޭހެން ޖުމްލަ 23 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންްގޮސްފައިވާ ކަމަށް ވަނީ މައުލޫމާތު ދެެއްވައިފައެވެ.
މި ރެއިޑު އޮޕަރޭޝަންގައި އިމިގްރޭޝަންގެ 30 އޮފިސަރުންނާއި ފުލުހުންގެ 24 އޮފިސަރުން ހަރަކާތްތެރިވި އެވެ. އަދި އޭގެ އިތުރުން ހެލްތް ޕްރޮޓެކްސްޝަން އޭޖެންސީ (އެޗްޕީއޭ) އާއި އިކޮނޮމިކް މިނިސްޓްރީއިން ވެސް ވަނީ ބައިވެރިވެވަޑައިގަތްފައެވެ. ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން، މިހާތަނަށް 4000 އަށް ވުރެ ގިނަ ބިދޭސީން ވަނީ ރާއްޖެއިން ޑީޕޯޓްކޮށްލައި ފައެވެ.
މީގެ އިތުރުން، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ކުރިއަށްގެންފާ ”އޮޕަރޭޝަން ކުރަނގި“ މުޅި ރާއްޖެއަށް ވަނީ ފުޅާކޮށްފައެވެ. އަދި މި އޮޕަރޭޝަނުގައި މިހާތަނަށް 6891 ބިދޭސީއެއްގެ ބަޔޯމެތްރިކް ޑޭޓާ އެއްކޮށްފައެވެ. ސަރުކާރުގެ އަމާޒަކީ 3 އަހަރުތެރޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ގެނެއުމެވެ. މި އޮޕްރޭޝަނުގެ ދަށުން 82 ރަށެއްގައި ދިރިއުޅޭ ބިދޭސީންގެ މަޢުލޫމާތު ވަނީ އެއްކޮށްފައެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ރިޕޯޓުކުރުމަށް އިމިގްރޭޝަނުން ވަނީ ”އިމިގްރޭޝަން ވޮޗް“ ގެ ނަމުގައި ޕްލެޓްފޯމެއް ވެސް އިފްތިތާހުކޮށްފަ އެވެ. ޕްލެޓްފޯމް މެދުވެރިކޮށް އަމިއްލަ އައިޑެންޓިޓީ ހާމަނުކޮށް، ”އެނޮނިމަސް“ ކޮށްވެސް ރިޕޯޓް ކުރުމުގެ ފުރުސަތު ލިބެ އެވެ. އިމިގްރޭޝަނުން ދެކޭ ގޮތުގައި މިކަމުގެ ސަބަބުން އިމިގްރޭޝަނާއި އާންމުން ގުޅިގެން ވަރަށް ފުރިހަމަ މަސައްކަތްތަކެއް ކުރުމުގެ ފުރުސަތު ލިބިގެންދެ އެވެ.

