ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގެ ތެރޭގައި، ގާނޫނުތައް ވުޖޫދުކޮށް ގެންނަ އިސްލާހުތައް ހިމެނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ދައުލަތުގެ ދަރަންޏާއި ބެހޭ ބިލާއި ސޮވެރިން ޑިވެލޮޕްމަންޓު ފަންޑުގެ ބިލު އަދި ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލެވެ. އަދި އަލަށް ހުށަހެޅި ބިލަކީ އެއާޕޯޓު ޑިވެލޮޕްމަންޓް ފީ ބޯޑު ކުރުމާއި، ޑިޕާޗާ ޓެކްސްއަށް ބަދަލު ގެނައުން އަދި ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ފީ ނެގުމާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމެވެ.
އެއާޕޯޓުތަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާއި ބެގޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ޑިޕާޗާ ޓެކްސް އެވެ. އެގޮތުން އިސްލާހުގައި ވަނީ އިކޮނޮމީ ކްލާސްގައި ބޭރަށް ފުރާ ދިވެހި ފަސިންޖަރުންގެ އަތުން 12 ޑޮލަރު އަދި ބިސީންގެ އަތުން 50 ޑޮލަރު ނެގުމަށެވެ. އަދި ބިޒްނަސް ކްލާހުގައި ފުރާ ފަސިންޖަރުންގެ އަތުން 120 ޑޮލަރު، ފަސްޓްކްލާހުގައި ފުރާ ފަސިންޖަރުންގެ އަތުން 240 ޑޮލަރު އަދި ޕްރައިވެޓް ޖެޓުތަކުން 480 ޑޮލަރު ނެގުމަށެވެ.
ބިލުގައި ކަނޑައަޅާފައިވާ މި ރޭޓުތަކުގައި ޓެކްސްތައް ނެގުމަށް ކަނޑައަޅާފައި ވަނީ ޑިސެމްބަރު މަހުން ފެށިގެންނެވެ.
މި އިސްލާހުތަކުގެ ސަބަބުން އާމްދަނީއަށް އަންނާނެ ކުރިއެރުންތައް ލަފާކޮށް ބިލުގައި ވަނީ 2025 ޑިޕާޗާ ޓެކްސްގެ ގޮތުގައި 762 މިލިއަން ރުފިޔާ އަދި 2026 ގައި އެ އަދަދު 895 އަށް އަރާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އެއާޕޯޓު ޑިވެލޮޕްމަންޓް ފީގެ ގޮތުގައި އަންނަ އަހަރު 809 މިލިއަން ރުފިޔާ އަދި 2026 ގައި 944 މިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މި ބަދަލާ އެކު ޖުމްލަ އާމްދަނީ އަށް 1.5 ބިލިއަން ރުފިޔާ އިތުރުވާނެކަމަށް ފިނޭންސް މިނިސްޓްރީން ލަފާކުރެ އެވެ.
ދައުލަތުގެ ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އިޔާދަކުރުމަށާއި ހާއްސަކޮށް ދައުލަތަށް ބޭރު ފައިސާއިން ލިބޭ އާމްދަނީ އިތުރު ކުރުމަށް މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުން ނަގަމުން އަންނަ ޓެކުހުގެ މިންވަރު އިތުރު ކުރުމަށް ސަރުކާރުން ދެން އިސްލާހު ހުށަހަޅާފައި ވަނީ ޓީޖީއެސްޓީ 17 ޕަސެންޓަށް ބޮޑު ކުރުމަށެވެ.
މީގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީއަށް 200 މިލިއަން ޑޮލަރުގެ އިތުރުވުމެއް އަންނާނެކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.
އިތުރު އިސްލާހެއް ހިމަނާފައިވާ، ގްރީން ޓެކްސް 50 އިންސައްތަ އިތުރު ކުރުމަށް ނިންމިއިރު، 50 ކޮޓަރިއަށް ވުރެ މަދުން ހިންގާ ޓުއަރިޒަމް ހިދުމަތް ދޭ ތަންތަން ނުވަތަ ގެސްޓްހައުސްތަކުން ތިން ޑޮލަރުގެ ބަދަލުގައި ހަ ޑޮލަރު ނަގާ ގޮތަށް ވަނީ ނިންމާފަ އެވެ.
ރިސޯޓުތަކުން ބޮލަކަށް ހަ ޑޮލަރުގެ ބަދަލުގައި، 12 ޑޮލަރު ނަގާ ގޮތަށް ހުށަހެޅި އިސްލާހަށް އަމަލު ކުރަން ފަށާގޮތަށް ހިމަނާފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ.
ސަރުކާރުގެ ފަރާތުން ހުށަހަޅާ ސޮވެރިން ޑިވެލޮޕްމަންޓު ފަނޑުގެ ބިލުގެ ބޭނުމަކީ ދައުލަތުގެ ދަރަނި ކުޑަކޮށް ދައުލަތުގެ މުއްސަނދިކަން އަންނަން އޮތް ޖީލުތަކަށް ވާރުތަކޮށްދިނުމަށްޓަކައި ފަންޑެއް ގާއިމުކޮށް އެ ފަންޑު ހިންގައި ބެލެހެއްޓުމާއި ގުޅޭ އުސޫލު ކަނޑައެޅުމާއި ފަންޑާއި ގުޅުން ހުރި ދައުލަތުގެ ފަރާތްތަކުގެ މަސްއޫލިއްޔަތުތައް ބަޔާން ކުރުމެވެ. އަދި ފިސްކަލް ޒިންމާގެ ބިލުގެ ބޭނުމަކީ ދައުލަތުގެ ފިސްކަލް ކަންކަން ހިންގަނީ ފިސްކަލް ޑިސިޕްލިން ހާސިލު ކުރެވޭނެފަދައިން ދެމެހެއްޓެނިވި ދެފުށް ފެންނަ އަދި ޒިންމާދާރު ގޮތެއްގައިކަން ކަށަވަރު ކުރުމުގެ ގޮތުން ފައުލަތުގެ ފިސްކަލް ކަންކަމާއި ގުޅޭ ހަމަތަކާއި އަމާޒުތައް ބަޔާން ކުރުމެވެ.
ދަރަނީގެ ބިލު ހުށަހަޅާފައި ވަނީ، ދަރަނި ނަގައި ބަލަހައްޓައި މެނޭޖު ކުރުނީ ގައުމުގެ އިގްތިސާދަށާއި މުސްތަގުބަލުގެ ޖީލުތަކަށް ކުރާނެ އަސަރުތައް ވަޒަން ކުރެވިގެން އަދި ގައުމުގެ އިގްތިސާދީ ފުދުންތެރިކަމާއި ދައުލަތުގެ ފިސްކަލް އަދި މާލިއްޔަތު ނިޒާމު ދިގު މުއްދަތަކަށް ދެމެހެއްޓޭނެ ގޮތެއްގެ މަތީގައިކަން ކަށަވަރު ކުރުމެވެ. މިއާއި އެކު ދައުލަތުގެ ދަރަނި ނެގުމާއި ބެލެހެއްޓުން އަދި މެނޭޖު ކުރުމާއި ލޯކަލް ކައުންސިލްތަކާއި ދައުލަތުގެ ކުންފުނިތަކުން ނަގާ ދަރަންޏަށް ދައުލަތުން ސޮވެރިން ގެރެންޓީ ދޫކޮށް ދައުލަތުގެ ދަރަންޏާއި ގުޅޭ މައުލޫމާތުތައް ހާމަކޮށް މޮނީޓަރ ކުރުމާއި ގުޅޭ އުސޫލު ބިލުގައި ވަނީ ބަޔާންކޮށްފަ އެވެ.
ފިކްސަލް ޕޮލިސީގެ ހަމަތައް ބަޔާންކޮށް ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލުގައި ވަނީ ދައުލަތުގެ ފިކްސަލް ޕޮލިސީ ކަނޑައަޅަން ވާނީ ދައުލަތުގެ މާލިއްޔާއިން ކުރެވޭ އެންމެހައި ހޭދައެއް ހިމަނައިގެން އެ ގާނޫނަކަށްވާ ހާލަތެއްގައި ބަޔާން ކުރާ ގޮތުގެ މަތީންކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓުގެ ނިސްބަތުން ދައުލަތުގެ ޖުމްލަ ދަރަނި ދެމެހެއްޓެނިވި މިންގަނޑެއްގެ ތެރޭގައި ހިފެހެއްޓުމާއި، މެދުރާސްތާއެއްގައި ހިފެހެއްޓުމާއި، މެދުރާސްތާއެއްގައި އޯވަރޯލް ފިކްސަލް ބެލެންސް ދެމެހެއްޓެނިވި މިންގަނޑެއްގެ ތެރޭގައި ހިފެހެއްޓުން އަދި މެދުރާސްތާގައި އޯވަރޯލް ފިސްކަލް ބެލެންސް ދެމެހެއްޓެނިވި މިންގަނޑެއްގައި ހިފެހެއްޓެވި މިންގަނޑެއްގައި ހިފެހެއްޓުނެވެ. އަދި ފިސްކަލް ހިރާސްތައް ކުޑަވާނެ ގޮތެއްގައި މެނޭޖު ކުރުން ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.
މީގެއިތުރުން ދައުލަތުގެ ރިކަރަންޓު ހަރަދު އިތުރުވާ މިންވަރު ދައުލަތުގެ އާމްދަނީ އިތުރުވާ މިންވަރަށް ވުރެ ދަށުގައި ބެހެއްޓުމާއި، ދައުލަތުން ކުރާ ހަރަދާއި ހަރަދުތަކުން ހާސިލު ކުރެވޭ ނަތީޖާއާއި ބައްދަލުވުން ވެސް ބިލުގައި ހިމެނެ އެވެ.
ބިލުގައި ދެން އިތުރަށް ބަޔާންކުރާ ބައިތަކަކީ، މަރުކަޒީ ބޭންކުން އެޑްވާންސް ފައިސާ ނެގުމުގެ ހަމަތަކެވެ. އެގޮތުން ބިލުގައި ވަނީ ދައުލަތުގެ މަރުކަޒީ ބޭންކުން ސަރުކާރުން ދަރަންޏަށް ފައިސާ ނަގަންވާނީ ދައުލަތުގެ ކޭޝްފްލޯ މެނޭޖު ކުރުމަށް އަދި ގިނަވެގެން 91 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކައި ހަލާސްކުރާ ގޮތަށް އެޑްވާންސެއްގެ ގޮތުންނެވެ. އެގޮތުން އެ ފައިސާ ނެގޭނީ، މިދިޔަ ތިން އަހަރުގެ ތެރޭގައި ސަރުކާރަށް ލިބުނު ޖުމްލަ އާމްދަނީގެ މައްޗަށް ބިނާކޮށް އަހަރަކަށް ޖެހޭ އެވްރެޖު އާމްދަނީގެ 2.5 އިންސައްތަ އިތުރުވާނެ ގޮތެއްގެ މަތީންކަމަށް ވަނީ ބަޔާންކޮށްފަ އެވެ.
ރާއްޖޭގެ މާލީ ހާލަތު އިންތިހާއަށް ގޯސްވެފައިވާކަމުގެ އިންޒާރުތައް އެކި ފަރާތްތަކުން ދެމުންދާއިރު، ސަރުކާރުންވަނީ ދިވެހިރާއްޖޭގެ ދަރަނީގެ މައްސަލަ ހައްލުކުރުމުގެ ގޮތުން އަވަސް ފިޔަވަޅުތަކެއް އަޅާފައެވެ. ސަރުކާރުގެ ފަރާތުން މަޖިލީހުގެ ތަޅުމަށް ދަރަންޏާ ގުޅޭ ބިލު ހުށައެޅުއްވީ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހުއެވެ.
މި ބިލުގެ މަގުސަދަކީ ޕީއެސްއައިޕީ މަޝްރޫއުތަކަށް ފައިސާ ހޯދުމަށްޓަކައި ދަރަނީގެ ހިރާސްތަކަށް ރިއާޔަތްކުރެވިގެން ހަރަދު ކުޑަވާނެ ގޮތަށް އެކަން ކުރެވޭނެ ފަދައިން އެތެރެއިންނާއި ބޭރުން ދައުލަތުގެ ނަމުގައި ދަރަނި ނެގުމަށް ސަރުކާރު ބާރުވެރިކުރުންކަމަށް ބުނެފައިވެއެވެ.
ބިލު ހުށައެޅުމުގެ މަގުސަދުތަކުގެ ތެރޭގައި ދަރަނީ ނަގަނީ އިގްތިސާދާއި މުސްތަގުބަލުގައި ގައުމާއި ހަވާލުވާނެ ޖީލުތަކަށް އެކަމުން ކުރާނެ އަސަރުތައް ވަޒަންކުރެވިގެންކަން ކަށަވަރުކުރުން ހިމެނޭކަމަށާއި އެކަން ކުރެވެނީ ދެމެހެއްޓިނިވި އުސޫލުތަކެއްގެ މަތިންކަން ޔަގީންކުރުންވެސް ހިމެނޭކަމަށެވެ.
މި ބިލުގެ ދަށުން ދަރަނި ބެލެހެއްޓުމަށް އަހަރީ ޕްލޭނެ އެކުލަވާލުމަށް ކަނޑައެޅިފައިވާއިރު، ކުރިއަަށް އޮތް އަހަރުގެ ތެރޭގައި އެ މަސައްކަތްތަކަށް ހާއްސަ އޮފީހެއްވެސް ގާއިމުކުރުމަށް ހިމަނާފައިވެއެވެ. މި އޮފީސް ހިންގާނީ ފިނޭންސް މިނިސްޓްރީގެ ދަށުން ވަކި އިދާރާއެއްގެ ގޮތުގައި ކަމަށް ބިލުގައި ބުނެފައިވާއިރު، އެތަނުގެ މަސައްކަތްތަކާއި ގުޅޭގޮތުން މަޖިލީހަށް ޖަވާބުދާރީ ވާނީ މިނިސްޓަރުކަމަށްވެސް ބުނެފައިވެއެވެ.

