ނައިބު ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދުނިޔެ ހޫނުވުމުގެ ސަބަ ސަބަބުން އެންމެ ނާޒުކު އާބާދީތަކަށް، ޚާއްޞަކޮށް ކޮމަންވެލްތުގެ އާބާދީތަކަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދެއެވެ. އެހެންކަމުން، މޫސުމީ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށް ދެމެހެއްޓެނިވި މާލީ އެހީ ފޯރުކޮށްދިނުމަކީ މުހިންމު ކަމެކެވެ.
ނައިބު ރައީސް ގޮވާލެއްވީ، ކްލައިމެޓް ފައިނޭންސިންގްގެ ކަންކަމަށް އަހަރެއްގެ މައްޗަށް އެހީގެ ގޮތުގައި ފޯރުކޮށްދިނުމަށް މީގެ ކުރިން އެއްބަސްވެފައިވާ 100 ބިލިއަން ޑޮލަރު އިތުރުކުރުމަށެވެ. އަދި އަހަރަކު 100 ބިލިއަން ޑޮލަރަށްވުރެ އިތުރު އަމާޒެއް ކަނޑައެޅުމަށާއި، މޫސުމީ ނޭދެވޭ ބަދަލުތަކުން ކުރިމަތިވާ ގެއްލުންތަކަށް އިޖާބަ ދިނުމާއި، ގެއްލުމުގެ އަސަރު ކުޑަކޮށް، އަދި ނޭދެވޭ ބަދަލުތަކަށް އަހުލުވެރިކުރުމުގެ ކަންކަމަށްވެސް އަމާޒުތަކެއް ކަނޑައެޅުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
ނައިބު ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ (ސިޑްސް) ތަރައްޤީއަށް ބޭނުންވާ ކަންކަން އިތުރަށް ފުރިހަމަކުރުމަށްޓަކައި، މިހާރު އޮތް ބައިނަލްއަޤްވާމީ މާލީ އެހީގެ ނިޒާމަށް ބަދަލުތަކެއް ގެންނަން ޖެހެއެވެ. އަދި ކުރިއަށް އޮތް ކޮޕް29 ގެ ބައްދަލުވުން ނިމިގެންދާއިރު، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ޤައުމުތަކަށް ބޭނުންވާ މާލީ އެހީގެ ކަންކަން ކަށަވަރުކޮށްދިނުމަށް، މިންކުރެވެނިވި އައު އަމާޒެއް ކަނޑައަޅައި އެއްބަސްވުމަކީ މުހިންމު ކަމެކެވެ.
ވާހަކަފުޅު ނިންމަވާލެއްވުމުގެ ކުރިން، ނައިބު ރައީސް ގްލޯބަލް ސްޓޮކްޓޭކް (ޖީއެސްޓީ)އަށް ރިޢާޔަތްކުރައްވައި، ޤައުމުތަކުން ހާސިލުކުރަންވީ ވަކިވަކި އައު އަމާޒުތަކެއް (އެންޑީސީޒް) ކަނޑައެޅުއްވުމަށް ގޮވާލެއްވިއެވެ. އަދި 1.5 ޑިގްރީގެ މަގަށް އެނބުރި ދިއުމަށާއި، އަންނަން އޮތް ޖީލުތަކަށާއި، ދުނިޔެއަށް ޓަކައި އަޅަންޖެހޭ ސާބިތު ފިޔަވަޅުތައް އެޅުމަށް ކޮމަންވެލްތުގެ މެންބަރުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

