ދިވެހި ދައުލަތުގެ މާލިއްޔަތުގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އެޅުއްވި ހަރުދަނާ އަދި ހިތްވަރުގަދަ ފިޔަވަޅުތަކަށް ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީއިން މަރުހަބާ ކިޔައިފިއެވެ.
ރައީސް މުއިއްޒު ވަނީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ މުއްދަތަށް ޚަރަދު ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވާނެކަން އިއުލާން ކުރައްވާފައެވެ. މީގެ ތެރޭގައި ސިޔާސީ މުވައްޒަފުންނާއި ދައުލަތުގެ ވެރިންގެ މުސާރައިން 10 ޕަސެންޓް އުނިކުރުމާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިންނަށް އެންމެ ބޮޑުވެގެން ދެވޭނެ މުސާރަ 90،000 ރުފިޔާއަށް ކަނޑައެޅުން ހިމެނެއެވެ. ނަމަވެސް، 12،000 ރުފިޔާއަށްވުރެ ދަށުން މުސާރަ ލިބޭ ފަރާތްތައް މި ފިޔަވަޅުތަކުން އިސްތިސްނާ ވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، ރައީސް އަމިއްލަފުޅަށް ވެސް ވަނީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ މުސާރައިގެ 50 ޕަސެންޓް ދެ އަހަރު ވަންދެން ނުނަންގަވާނެކަމަށް ނިންމަވާފައެވެ.
މި ފިޔަވަޅުތަކަށް މަރުހަބާ ކިޔައި ޕީޕީއެމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރައީސް ނިންމެވި ނިންމެވުންތަކަކީ ހަރުދަނާ އަދި ހިތްވަރުގަދަ ނިންމެވުންތަކެއް ކަމަށެވެ. އަދި ފާއިތުވި ދެތިން އަހަރު ދައުލަތުގެ ޚަރަދުތައް އިންތިހާއަށް އިތުރުވެ، އާމްދަނީއާއި ޚަރަދުގެ ފަރަގު ބޮޑުވަމުން ދިޔައިރު، މިކަން އިޞްލާޙުކުރުމަށް ކުރީގެ ސަރުކާރުން އެއްވެސް ފިޔަވަޅެއް ނޭޅިކަން ފާހަގަކޮށްފައިވެއެވެ.
ޕީޕީއެމްގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، 2022 ވަނަ އަހަރު 9.8 ބިލިއަން ރުފިޔާގައި ހުންނާނެކަމަށް އަންދާޒާކުރި ބަޖެޓު ޑެފިސިޓް، އަހަރު ނިމުނުއިރު 11.3 ބިލިއަނަށްވުރެ އިތުރުވެފައިވާ ކަމަށެވެ. އަދި 2023 ވަނަ އަހަރު 8.6 ބިލިއަން ރުފިޔާގައި ބަޖެޓު ޑެފިސިޓް ހުންނާނެކަމަށް ލަފާކުރި ނަމަވެސް، އަހަރު ނިމުނުއިރު 13.5 ބިލިއަން ރުފިޔާއަށްވުރެ އިތުރުވެފައިވާ ކަމަށެވެ.
ޕީޕީއެމްއިން ވަނީ މިވަގުތު ދިވެހި ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ދިވެހި މާލިއްޔަތުގެ ދެމެހެއްޓެނިވިކަން ޔަޤީންކޮށްދެއްވުމަށް ރައީސް އަޅުއްވަން ނިންމެވި ފިޔަވަޅުތަކަކީ ސިޔާސީ ގޮތުން އުނދަގޫ ނަމަވެސް ޤައުމުގެ ޙައްޤުގައި ނިންމަވަންޖެހޭ ނިންމެވުންތަކެއް ކަމަށް ބުނެފައެވެ.

