ތަރައްޤީގެ މަސައްކަތްތަކުގައި ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުން އިތުރުކުރުމަށް އަމަލީގޮތުން މަސައްކަތްކުރުމަށް ނައިބު ރައީސް، ޙުސައިން މުޙައްމަދު ލަޠީފު ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ 2024 ވަނަ އަހަރު ބާއްވާ ކޮމަންވެލްތު ހެޑްސް އޮފް ގަވަރމަންޓް ބައްދަލުވުމުގެ ކުރިން ބޭއްވި ކޮމަންވެލްތު ބިޒްނަސް ފޯރަމް: އައިލެންޑް ލީޑާސް ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ސިޑްސްގެ ޤައުމުތަކަށް ދިގު މުއްދަތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ފިޔަވަޅުތަކެއް އެޅުމަށާއި ސިޑްސްގެ ހުރިހާ ޤައުމަކަށް ތަނަވަސްކަން ހޯދައިދިނުމަށް މަސައްކަތްކުރުމަށް ކަންތައްތަކެއް ވަނީ ހުށަހެޅުއްވާފައެވެ. އެގޮތުން އެމަނިކުފާނު ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި ޕްރައިވެޓް ސެކްޓަރ ނުވަތަ އަމިއްލަ ފަރާތްތައް ޝައުޤުވެރިކުރުވުމަށް ފަހި މާޙައުލެއް ޤާއިމުކޮށްދިނުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ގުޅުން ބަދަހިކުރުމާއި، ވިޔަފާރިއާއި ވިޔަފާރީގެ މުޢާމަލާތްތައް އިތުރަށް ހަރުދަނާކުރުމަށް ޕްރައިވެޓް ސެކްޓަރ ހަރުދަނާކުރުމަށް މަސައްކަތްކުރެވިދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، ތަފާތު ތިމާވެށީގެ ނިޒާމުތަކަށް އަލިއަޅުއްވާލައްވަމުން، މޫސުމަށް އަންނަ ބަދަލުތަކާއި، މާލީ އެހީ ހޯދުމުގައި ރާއްޖެއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން ފާހަގަކުރެއްވިއެވެ. އެހެން ނަމަވެސް ރާއްޖެ އަކީ ނާޒުކުކަން މާނަކުރަން ދެކޮޅު ހަދާ ގައުމެއް ކަމަށާއި ރާއްޖެ އާއި އެހެނިހެން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) އަކީ އަމިއްލަ ކުރިމަގު އަމިއްލައަށް ބަލަހައްޓަން ޖެހިފައިވާ ގައުމެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، 2040 ވަނަ އަހަރުގެ ނިޔަލަށް ތަރައްޤީވެފައިވާ ޤައުމަކަށް ބަދަލުވުމުގެ ތަޞައްވުރާއެކު، މިހާރަށްވުރެ ހަރުދަނާ، ތަނަވަސް ދިވެހިރާއްޖެއެއް ޤާއިމުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހިތްވަރުގަދަ، އުއްމީދީ ތަޞައްވުރުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން އައި.ސީ.ޓީ، ފައިނޭންސް، އަދި އިއާދަކުރަނިވި ހަކަތަ ފަދަ ދާއިރާތައް ހިމެނޭ ގޮތަށް އިޤްތިޞާދު ސިންދަފާތު ކުރުމަށް ކުރަމުންދާ މަސައްކަތްތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޮމަންވެލްތުގެ ވިޔަފާރިވެރިން ރާއްޖެއަށް އެއްބާރުލުން ދިނުމުގެ މުހިންމުކަމުގެ މައްޗަށް ނައިބު ރައީސް އަލިއަޅުއްވާލެއްވިއެވެ. އަދި އެމަނިކުފާނު ވަނީ ދިވެހިރާއްޖެއާއެކު ޙިއްޞާކުރެވޭ ތަނަވަސްކަމަށް ދިއުމަށް ރާއްޖެއިން ކުރާ ދަތުރުގައި ބައިވެރިވެވަޑައިގަތުމަށް ކޮމަންވެލްތުގެ ވިޔަފާރިވެރިންނަށް ދަޢުވަތު ދެއްވާފައެވެ.

ނައިބު ރައީސް ސަމޯއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ކޮމަންވެލްތުގެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. ނައިބު ރައީސްގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.