ސަރުކާރުގެ މުއައްސަސާތަކުގެ ސިޔާސީ މަޤާމުތަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާފައިވާ ފަރާތްތަކުގެ މަޢުލޫމާތު ހާމަކުރުމަށް އެދި ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަތުމަށް ނިންމައި މައްސަލަ ބޭރުކޮށްލައިފިއެވެ.
މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަހުމަދު ނަސީމެވެ. މެންބަރު މީކާއީލު ވިދާޅުވި ގޮތުގައި، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ސަރުކާރުގެ އެކި މުއައްސަސާތަކާއި އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައެއް ފަރާތްތަކުގެ މުސާރަ ކުޑަކުރުމަށް ނިންމާފައިވާއިރު، ސިޔާސީ މުވައްޒަފުންގެ އަދަދު މިހާތަނަށް ހާމަކޮށްފައި ނުވެއެވެ.
މިއަދުގެ ޖަލްސާގައި މި މައްސަލައަށް ވޯޓުޓުލެއްވި މެންބަރުންގެ އަދަދަކީ ޖުމްލަ 67 އެވެ. އޭގެ ތެރެއިން މައްސަލަ ބަލައިގަތުމަށް ވޯޓުދެއްވީ 8 މެންބަރުންނެވެ. އަދި މައްސަލަ ބަލައިނުގަތުމަށް 59 މެންބަރުން ވަނީ ވޯޓުދެއްވާފައެވެ.
މެންބަރު މީކާއީލު ވިދާޅުވި ގޮތުގައި، ސިޔާސީ މުވައްޒަފުންގެ އަދަދާއި އެ ފަރާތްތަކުގެ މަޤާމުގެ މަސްއޫލިއްޔަތު ހާމަކޮށްދިނުމަށް ސަރުކާރަށް ގޮވާލައްވާފައިވެއެވެ. ނަމަވެސް، މަޖިލީހުގެ އަޣުލަބިއްޔަތުން މި މައްސަލަ ބަލައިނުގަތުމަށް ނިންމުމާ ގުޅިގެން، ސިޔާސީ މަޤާމުތަކުގެ މަޢުލޫމާތު ހާމަކުރުމުގެ މައްސަލަ ވަނީ މިވަގުތަށް ނިމުމަކަށް އައިސްފައެވެ.

