ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅައިފައިވާ ދަނޑިވަޅުގައި ރައްޔިތުން އަތުން ނަގާ ޓެކްސް ފައިސާ ޚަރަދު ކުރަމުންދާ ގޮތް ބެލުން މުހިންމު ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަހުމަދު ނަސީމު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވަނީ 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅުއްވާފައެވެ. މި ބަޖެޓަށް ބަހުސްކުރެވެމުން މީކާއިލް ވިދާޅުވީ މިއަދުގެ ޙާލަތަށް ބަލާއިރު، ރައްޔިތުން ދައްކާ ޓެކްސް ފައިސާއިން ސަރުކާރުން ކުރާ ޚަރަދު އެނގުން މަނާ ކަމެއްގެ ގޮތުގައި ސަރުކާރުން ދެކޭ ކަމަށެވެ.
”ރައްޔިތުންގެ އަތުން ނަގާ ފައިސާ ޚަރަދުކުރެވެނީ ކިހިނެއްކަން އެނގުމަކީ ރައްޔިތުންގެ އަސާސީ ޙައްޤެއް. އެކަމަކު މިއަދުގެ ސަރުކާރުން މިކަން ވަނީ ފޮރުވާފައި,“ މީކާއިލް ވިދާޅުވިއެވެ.
މީގެއިތުރުން، މީކާއިލް ފާހަގަކުރެއްވި ގޮތުގައި ސަރުކާރުގެ ޚަރަދުތައް ދުވަހެވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، އެ ޚަރަދުތަކުގެ ތަފްޞީލު ހާމަކުރުމަށް ސަރުކާރުން އިންކާރުކުރަމުންދާ ކަމަށެވެ.
ސަޕްލިމެންޓަރީ ބަޖެޓާ ގުޅޭގޮތުން ކުރިއަށްދާ ބަހުސް އަދިވެސް ދަނީ ކުރިއަށެވެ. ގިނަ މެންބަރުން ވަނީ ސަރުކާރުގެ ޚަރަދުތަކާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
“ 2024 ވަނަ އަހަރަށް ލަފާކުރާ ސްޕްލްމެންތްރީ ބަޖެޓް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅިގެން މިދާ ދަނޑިވަޅުގައި ރައްޔިތުންގެ ފައިސާ ޙަރަދު ކުރެވެނީ ކިހިނެއްތޯ އަޅުގަނޑުމެން ބަލާލަށް ޖެހޭނެ، މިއަދުގެ ހާލަތަކީ ރައްޔިތުންނަށް ރައްޔިތުން ދައްކާ ޓެކްސް ފައިސާއިން ސަރުކާކުރުން ކުރާ ޙަރަދު، އެނގުން އެއީ މަނާ ކަމަކަށް މިހާރުގެ ސަރުކާރުން މިވަނީ ހަނދާ އެ ހަޤީޤަތް މި ރާއްޖޭގައި ޤާއިމްކޮށްފަ“ މީކާއީލު ވިދާޅުވިއެވެ.
މެންބަރު ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުގެ އެކިއެކި މުއައްސަސާތަކުގެ ސިޔާސީ މަޤާމުތަކަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ ފަރާތްތަކުގެ މަޢުލޫމާތު ހާމަކުރުމަށް އެމްޑީޕީން ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުމާ ގުޅިގެން، މަޖިލީހުގެ ގިނަ މެންބަރުންގެ ވޯޓުން އެ މައްސަލަ ބަލައިނުގަތް ކަމަށެވެ. މީގެ ސަބަބުން، ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު ހަރުދަނާކޮށް ހިންގުމަށް ރައްޔިތުންގެ މަޖިލިސް ހުރަހަކަށް ވެގެންދާކަން ފާހަގަކުރެއްވިއެވެ.
އިތުރަށް މެންބަރު ވިދާޅުވީ، ސަރުކާރުގެ އެކި މިނިސްޓްރީތަކާއި ކުންފުނިތަކުގައި ސިޔާސީގޮތުން ޢައްޔަންކުރެވިފައިވާ 228 އާ ގާތްކުރާ އަދަދެއްގެ ފަރާތްތައް ވަޒީފާއިން ވަކިކުރެއްވުމަށް ވިދާޅުދާޅުވެފައިވާ ކަމަށެވެ. ނަމަވެސް، މި ފަރާތްތައް ވަކިކުރައްވާ މިނިސްޓްރީތަކުގެ ތަފްޞީލު ރައްޔިތުންނަށް އެނގިފައިނުވާކަން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ސިޔާސީގޮތުން ޢައްޔަންކުރެވޭ ފަރާތްތަކަށް ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ދެވޭއިރު، އެ ފަރާތްތަކުގެ މަސްއޫލިއްޔަތުތަކާއި މަސައްކަތުގެ ދާއިރާ ރައްޔިތުންނަށް ސާފުކޮށް އެނގެން ޖެހޭނެކަމަށް މެންބަރު ވަރަށް ބޮޑަށް ބާރުއަޅުއްވައި ވިދާޅުވިއެވެ.

