”ޝަރުޢީ އަދި ޤާނޫނީ ދާއިރާގެ ނޫސްވެރިކަމުން އެވޯޑު ހާސިލުކޮށްފައިވާ ނޫސްވެރިޔާ ލައިޝާ އަޙްމަދު ޒަކީ (ލައި) ސަންގު ޓީމާ ގުޅުމަކީ ސަންގު ޓީމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
2022 ވަނަ އަހަރު ދިވެހިރާއްޖޭގެ އެންމެ މޮޅު ނޫސްވެރިޔާގެ މަޤާމަށް ނޮމިނޭޓްވި ލައިޝާ، ޢާންމުންގެ މެދުގައި މަޤްބޫލުކަން ހޯއްދަވާފައިވަނީ ޝަރުޢީ ކޯޓުތަކުގެ މައްސަލަތައް ކަވަރުކުރެއްވުމުގެ ދާއިރާއިންނެވެ.
ލައިޝާ ނޫސްވެރިކަމުގެ މައިދާނަށް ނިކުތީ 2018 ވަނަ އަހަރުއެވެ. އޭނާއަކީ ޝަރުޢީ ދާއިރާ އަދި ތަޙްޤީޤީ ނޫސްވެރިކަމާ ގުޅޭ ޚަބަރުތައް ކަވަރުކުރާ ޤާބިލު ނޫސްވެރިއެކެވެ. މީގެ އިތުރުން، ސިޔާސީ ދާއިރާއާއި ޕްރޮގްރާމްތައް ހުށަހެޅުއްވުމުގައިވެސް ޢާންމުންގެ މެދުގައި ފާހަގަކޮށްލެވޭ މަޤްބޫލުކަމެއް ހޯއްދަވާފައިވެއެވެ.
ނޫސްވެރިކަމަށް ހުރި ޝައުޤުވެރިކަމުގެ ބޮޑުކަމުން، 6 އަހަރު ކުރިން ލައިޝާ ހުރީ އުޖޫރައަކާ ނުލައިވެސް މި ދާއިރާ ދަސްކުރެއްވުމަށް ތައްޔާރަށެވެ. ލައިޝާ ބުނީ އޭނާގެ އަމާޒަކީ މި ދާއިރާއަށް އަލަށް ނިކުންނަ ޒުވާނުންނަށް ނަމޫނާއަކަށްވެ، ހިތްވަރު ލިބިގަންނަ ނޫސްވެރިއަކަށް ވުން ކަމަށެވެ.
މި ދާއިރާގައި ލިބޭ އެންމެ ބޮޑު ހިތްވަރަކީ ޢާއިލާ ކަމަށާއި، ޚާއްޞަކޮށް މައިންބަފައިންގެ ފަރާތުން އަބަދުވެސް އެއްބާރުލުން ލިބޭކަން ލައިޝާ ފާހަގަކުރިއެވެ.. އޭނާ ބުނީ އެންމެ އުފާވަނީ މަންމަގެ ފަރާތުން ލިބޭ ހިތްވަރު ކަމަށާއި، ކުރިއަށް ދިއުމުގެ އެންމެ ބޮޑު އެއް ސަބަބަކީ މަންމަ ދެކެ ވާ ލޯތްބާއި ކުރާ އިޙްތިރާމް ކަމަށެވެ.
ލައިޝާ ބުނީ މަންމައާއި ފިރިމީހާގެ ފަރާތުން ލިބޭ ހެޔޮ ބަސްތަކާއެކު، ހިތްވަރު ގެއްލުވައިނުލައި އަބަދުވެސް ކުރިއަށް ދެވޭ ކަމަށެވެ.
މަންމަ ބުނީ، މަންމަ ރާއްޖޭގެ ހަބަރުތަކައި ޕްރޮގްރާމްތައް ބަލަން ފެށީ ލައި ޓީވީއިން ފެންނަން ފެށި ހިސާބުންނޭ… އެއީ މި ދާއިރާގައި މިވީ ދުވަސްތަކުގައި މީހަކު މިހާތަނަށް ބުނި، އެންމެ ހިތްގައިމު، ލޯބިވާ އެއް ވާހަކަ..
ސަންގުޓީމާއި ގުޅި ލައިޝާ ބުނީ، ނޫސްވެރިކަމުގައި ބޭނުން ވަނީ އިތުރު ކާމިޔާބީތަކެއް ހޯދުމަށްކަމަށާއި އެ އުންމީދުތައް ސަންގުޓީމާއި އެކު ހާސިލު ކުރެވޭނެކަމުގެ އުންމީދު ކުރާކަމަށެވެ.
ލައިޝާ ސަންގުޓީމާއި ގުޅުމަކީ، މި ޓީމަށް ލިބިގެން ދިޔަ އިތުރު ހިތްވަރެކެވެ. އަދި ލައިޝާގެ ހުށަހެޅުންތައް ބެލުންތެރިންނާއި ހަމައަށް ގެނެސްދެވޭނެ އެވެ.
ސަންގުގެ ޓީމުން ލައިޝާއަށް އަބަދުވެސް އެދެނީ ކާމިޔާބަށެވެ.

