ފިރީންނަކީ މާތް ﷲ ވަރަށް މަތިވެރި އަމާނަތެއް ހަވާލުކުރެވިފައިވާ ބައެއް ކަމަށާއި އޭނާއަށް ހަވާލުކުރެވިފައިވާ އެންމެ ބޮޑު އަމާނަތަކީ އެ މީހެއްގެ އަނބި ދަރިން ކަމަށް ހުތުބާގައި ބުނެފި އެވެ.
މިއަދުގެ ހުކުރު ހުތުބާގައި ބުނެފައި ވަނީ ފިރީންނަކީ މާތް ﷲ ވަރަށް މަތިވެރި އަމާނަތެއް ހަވާލުކުރެވިފައިވާ ބައެއް ކަމަށާއި އޭނާއަށް ހަވާލުކުރެވިފައިވާ އެންމެ ބޮޑު އަމާނަތަކީ އޭނާގެ އަނބި ދަރިންކަމަށެވެ. އަދި އަނބިދަރިންނަށް ޙަރަދު ކުރުމަކީ ފިރިމީހާގެ މައްޗަށް ބާޖިބުވާ ކަމަކަށް ވާއިރު އެ ވާޖިބު އަދާކުުރުން މަތީ ދެމިތިބުމަކީ މަތިވެރި ސަވާބާއި ދަރުމަހުރި ކަމެއް ކަމަށް ޙުތުބާގައި ފާހަގަކުރި އެވެ. ނަމަވެސް ހިތާމައަކީ ހުތުބާގައި ބުނި ގޮތުގައި މިހާރަކަށް އައިސް ބައެއް ފިރީން އަނބިދަރީންނަށް ޙަރަދުނުކޮށް އެ ކަމަށް އިޙްމާލު ވަމުން ދިއުމެވެ.
ހުތުބާގައި ބުނީ ދެމަފިރީން ވަރިވުމަށް ފަހު ދަރީންނަށް ޙަރަދުނުދީ ފިލައިގެން މީހުން މުޖުތަމަޢުގައި މަދު ނޫން ކަމަށާއި ކޯޓު މެދުވެރިކޮށް ވެސް ދަރީންނަށް ދޭންޖެހޭ ޙަރަދު ނުދީ އުޅޭ މީހުންވެސް އަދުގެ މުޖުތަމައޫގައި ގިނަ ކަމަށެވެ. މިއީ އިންތިހާއަށް ހިތާމާއާއި ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށާއި، އެ އަމަލުތަކާއި މެދު ޤިޔާމަތް ދުވަހުން ސުވާލު ކުރެވޭނެކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ. ހުތުބާގައި އިލްތިމާސް ކުރީ، މިގޮތަށް ހަރަދުތައް ނުދީ ފިލައިގެން އުޅޭ ފަރާތްތަކާއި، ހަރަދު ދޭން ދެކޮޅު ހަދާ ފަރާތްތަކުން ވަގުތު ފާއިތުވުމުގެ ކުރިން ތައުބާވެ މާތްﷲ ގެ ރުހިވޮޑިގަތުން ހޯދުމަށް މަސައްކަތް ކުރުމަށެވެ.
މީގެއިތުރުން ހުތުބާގައި ބުނެފައި ވަނީ އަންހެނުންގެ ތެރެއިން، އެންމެ ޝަރަފުވެރި ބަޔަކީ އަނބިމީހާ ކަމަށެވެ. އަނބިދަރީންނަށް ހަރަދު ކުރުމާއި ގުޅޭ ގޮތުން ހާއްސަކޮށްފައިވާ ހުތުބާގައި ބުނެފައި ވަނީ އަނބިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް މާތްﷲ ފިރިންގެ މައްޗަށް އަމުރު ކުރައްވާފައިވާކަމަށެވެ. އަދި އަނބިމީހާއަށް ހެޔޮކޮށް ހިތައި، ރިވެތި އަހުލާގުން މުއާމަލާތް ކުރުމަށް ހުތުބާގައި އިލްތިމާސް ކުރި އެވެ.
ޙުތުބާގައި ބުނެފައިވަނީ، އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވައިފައިވާ ގޮތުން، ފިރިމީހާ އޭނާގެ އަނބިމީހާއަށް އަދި ބައްޕަ އެމީހެއްގެ ދަރީންނަށް ޙަރަދުކުރުމަކީ، ފިރިހެން މީހާގެ މައްޗަށް ވާޖިބެއް ކަމަށެވެ.
އަނބި ދަރީންނަށް ރިޒުޤު ތަނަވަސްކޮށްދިނުމަށްޓަކައި މަސައްކަތް ކުރުމަކީ ﷲގެ މަގުގައި ޖިހާދުކުރުން ފަދަ ސަވާބު މަތިވެރި ކަމެއް ކަމަށް ޙުތުބާގައި ވަނީ ބުނެފައެވެ. ސަދަގާތަކީ ފަޤީރުންނާއި މީސްކީނުންނަށް އެކަނި ދެވޭ އެއްޗެއް ކަމަށް ބައެއް މީހުން ދެކުން ނަމަވެސް ރަސޫލާ ހަދީޘް ކުރައްވައިފައިވަނީ، ހަމަކަށަވަރުން ﷲގެ ވަޖުހުފުޅު އަދައިގެން ތިބާ ހޭދަކުރާ ކޮންމެ ހޭދައަކީ ތިބާއަށް ދަރުމަ ލިބެނިވި ކަމެކެވެ. އަދި އެއީ ތިބާގެ އަނބިމީހާއަށް ކާންދޭ އެއްޗެއް ކަމުގައި ވިޔަސް މެއެވެ.
އަނބިދަރިންނަށް ހޭދަކުރުމަކީ ގިނަގުނަ ޘަވާބާއި ދަރުމަ ހުރި ކަމެއް ކަމަށް ޙުތުބާގައި ވަނީ ބުނެފައެވެ. ﷲ އެންގެވި ގޮތުގެ މަތިން އެކަނލާނގެ މަގުގައި ހޭދަކުރުމަކުން ތިބާއަށް އެއްވެސް ގެއްލުމެއް ނުވާނެ ކަމަށާއި އަދި މާތްﷲ އެކަމުގެ ބަދަލުދެއްވައި ތިބާގެ ތަނަވަސްކަން އިތުރުކޮށްދެއްވާނެ ކަމަށް ހުތުބާގައި ވަނީ ވިދާޅުވެފައެވެ.

