އިޒްރާއީލުން ފަލަތީނުގައި ހިންގާ ގަތުލު އާންމާއިމެދު ކެރިގެން ފިޔަވަޅު އަޅާނެ އދ އެއް ދުނިޔެއަށް ބޭނުންވާކަމަށް ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ހަލީލް މިފަދައިން ވިދާޅުވީ އދ. އުފެއްދިތާ 79 އަހަރު ފުރުމުގެ މުނާސަބަތުގައި ދެއްވި ހިތާބެއްގައެވެ. ހަލީލް ވިދާޅުވީ ދައްކާ ވާހަކަތަކާއި އެއްގޮތަށް ފިޔަވަޅު އަޅާނެ އދ އެއް ބޭނުންވާކަމަށެވެ. އެގޮތުން އދ އިން ފިޔަވަޅު އަޅަން ޖެހޭ ކަންތައްތަކުގެ ގޮތުގައި މިނިސްތަރު ފާހަގަކުރެއްވީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ތިމާވެއްޓަށް ލިބެމުންދާ ގެއްލުމާއި، މީހުންގެ ހައްގުތައް ނިގުޅައި ގަތުމެވެ.
އދ އިން އިޒްރާއީލަށް ފިޔަވަޅު އަޅަންޖެހޭކަމަށް ފާހަގަކޮށް މިނިސްޓަރު ހަލީލް ވިދާޅުވީ، އދ އިން ގަބޫލުކުރާ ކަންތައްތަކާއި އެއްގޮތަށް އަމަލު ކުރަން ޖެހޭކަމަށެވެ. އދ އިން މީހުންގެ ހާލަތު ރަނގަޅުކޮށްދޭން ޖެހޭކަމަށް ހަލީލް ވިދާޅުވިއެވެ. އދ އިން އެންމެން ތަމްސީލު ކުރަން ޖެހޭކަމަށާއި، ދުނިޔޭގައި ހިނގާ ކަންކަމަށް އިޖާބަދޭންޖެހޭކަމަށްވެސް ވިދާޅުވިއެވެ.
ގައުމުތަކުން ގުޅިގެން މަސައްކަތްކުރާ މަލްޓިލެޓެރަލް ނިޒާމަކީ ރާއްޖެއިން އަބަދުވެސް ބަލައިގަންނަ ނިޒާމެއްކަމަށް މިނިސްޓަރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. ރާއްޖެއިން އދ އާއި ގުޅުނީ، 1965 ވަނަ އަހަރުކަމަށްވާއިރު، އދ.އަކީ ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ޖަޒީރާ ގައުމުތައް (ސިޑްސް)ގެ އަޑު އިއްވަން ފުރުސަތުދޭ މުހިންމު ޖަމާއަތެއްކަމަށްވެސް ހަލީލް ވިދާޅުވިއެވެ. ނަމަވެސް އދގެ މަސައްކަތްތަކަށް ގޮންޖެހުންތަކެއް ކުރިމަތިވާކަމަށް އޭޏާ ވިދާޅުވިއެވެ. އެގޮތުން ޒަމާންވީ ނިޒާމުތަކާއި ހަމަނުޖެހުންތަކާއި މޫސުމަށް އަންނަ ބަދަލުތަކާއި މާލީ ފަރަގުތައް ފާހަގަކުރެއްވިއެވެ.
މި ގޮންޖެހުންތަކާއިއެކުވެސް އދ އިން، އެ ޖަމިއްޔާގެ މަގްސަދު ހާސިލް ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖެއިން އދ ގައި އަދާ ކުރާ ރޯލާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން ހަލީލް ވިދާޅުވީ ސިޑްސްގެ ގައުމުތަކުގެ ފަރާތުން އދ.ގައި ރާއްޖެއިން އިސްކޮށް ހަރަކާތްތެރިވާކަމަށެވެ. އަދި މޫސުމީ ބަދަލުތަކާއި، އިންސާނީ ހައްގުތަކާއި ގުޅިގެންވެސް އަޑު އުފުލަމުން ގެންދާކަން ފާހަގަކުރެއްވިއެވެ.

