ދައުލަތުގެ ހިއްސާ އޮންނަ ކުންފުނިތަކުގެ މާލީ ހާލަތު ބެލެހެއްޓުމަށް ރަނގަޅު ނިޒާމެއް ގާއިމްކުރުމުގެ މަގްސަދުގައި އެސްއޯއީ ފައިނޭންޝަލް ކޮންސަލްޓެންޓެއް ހޯދަން އިއުލާން ކޮށްފިއެވެ.
މި މަގާމަށް ހުޅުވާލާ ފިނޭންސް މިނިސްޓްރީން ބުނީ އެކައުންޓިން ނުވަތަ ފައިނޭންޝަލް ދާއިރާއިން ތައުލީމް ހާސިލްކޮށް ތަޖުރިބާ ލިބިފައިވާ ބޭފުޅުންނަށް އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެކަމަށެވެ. މިއީ 30،000 ރުފިޔާގެ މުސާރައެއް ލިބޭ މަގާމަކަށްވާއިރު، އެކުލަވާލުމަށް ހަމަޖެހިފައިވަނީ އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެކެވެ.
އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) މެއިލް މެދުވެރިކޮށް މަގާމަށް އެދި ހުށައެޅޭނެކަމަށް މިނިސްޓްރީއިން ބުންޏެވެ.
މަގާމަށް ކުރިމަތިލުމުގެ ސުންގަނޑިއަކީ 29 އޮކްޓޯބަރު ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 އެވެ. މަގާމަށް އެދި ހުށައަޅާއިރު، އައިޑީ ކާޑު، ސީވީ އަދި ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީގެ އިތުރުން ވަޒީފާ އަދާ ކުރިކަމުގެ ލިޔުންތައް ހުށަހެޅުމަށެވެ. އިތުރު މައުލޫމާތު ހޯދުމަށް ބޭނުންވާކަމަށްވާނަމަ، މިނިސްޓްރީއަށް އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ އެވެ.
ވަޒީފާގެ ޝަރުތުތަކުގެ ތެރޭގައި ޕަބްލިކް ސެކްޓާގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ފައިނޭންޝަލް ޕާފޯމަންސް މޮނިޓަރިން އަދި އިވެލުއޭޝަންގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ. ސަރުކާރު ހިއްސާވާ ވިޔަފާރިތައް މޮނިޓާކުރުމާއި އިވެލުއޭޓް ކުރުމާ ގުޅޭ ގޮތުން ޕަބްލިކް ސެކްޓާގެ ތަޖުރިބާ ހުރުމާއި، މާލީ ނިންމުންތައް ނިންމުމުގެ ގާބިލުކަން ހުރުންވެސް ހިމެނެއެވެ.

