ސަރުކާރުން ބޭނުންވާ ހުރިހާ ބާރަކާއި، ސުޕަ މެޖޯރިޓީއެއް އޮވެމެ ނަތީޖާ ނުނެރެވެނީ ނާގާބިލުވުމުގެ ސަބަބުންކަމަށް ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިކްރާމް ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދިވެހި ރައްޔިތުންނަށް ވައުދުވީ އެމްޑީޕީ ސަރުކާރުގެ އެއްވެސް ޕްރޮޖެކްޓެއް ހުއްޓާނުލުމަށެވެ. އެހެން ނަމަވެސް އެ ވައުދާއި ހިލާފުވެ، ރައްޔިތުންނާއި މެދު މި ސަރުކާރުން އަމަލު ކުރަމުން ދަނީ ވަރަށް ނިކަމެތި ގޮތަކަށްކަމަށް އޭނާ ވިދާޅުވި އެވެ.
އިކްރާމް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ނަގައި، ކޮޅަށް ޖަހާނެކަމަށް ވައުދުވެ، އެކަން ތަންފީޒު ކުރުމަށް ރައީސް މުއިއްޒު ކުރެއްވި މަސައްކަތެއް ނެތްކަމަށެވެ. މި ސަރުކާރަށް މިހާތަނަށް އައިއިރު ދައުލަތުގެ ހައްގުގައި ކުރެވުނު މަސައްކަތެއް ނެތްއިރު، ފައިސާ ވަންނާނެ ރަނގަޅު މަގެއް ހޯދިފައި ނުވާކަމަށް ވެސް އިކްރާމް ވިދާޅުވި އެވެ.
އިކްރާމް ވިދާޅުވީ އިގްތިސާދުގެ ޒިންމާ ރައީސް މުއިއްޒަށް ނެގިފައި ނެގުމުގެ ސަބަބުން އެކަމުގެ ދަތިތަކާއި، ގެއްލުންތަކާ ކުރިމަތިލާން ޖެހެނީ ދިވެހި ރައްޔިތުންނަށްކަމަށެވެ.
މީގެއިތުރުން އިކްރާމް ވިދާޅުވީ އިންޑިއާއި އެކު އޮތް ޒަމާންވީ ގާތް ގުޅުމަށް ބުރޫއެރީ މި ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ކަމަށެވެ.
ރާއްޖެއިން ބޭރު ބަޔަކު ނާންނާނެ ގައުމާ ހަވާލުވާކަށް، މިއީ ޑިމޮކްރަސީ އެއް އަޅުގަނޑުމެން މި މައްސަލަ ހައްލުކުރަން ޖެހޭނީ. ދިވެހި ރައްޔިތުންގެ ޤައުމެއް މި ޤައުމަކީ. ވޯޓު ހޯދުމުގަ ކަނޑައެޅިގެން ވަނީ އޮޅުވާލާފަ.
ރާއްޖޭގެ މިސްރާބު ނުބައި މަގަކުން ދާއިރު، މީގެ ޒިންމާ ނަގަން ޖެހޭނީ ދިވެހި ރައްޔިތުންކަމަށް ފާހަގަކޮށް އިކްރާމް ވިދާޅުވީ މިކަމުގެ ޒިންމާ ނަގާނެ ބޭރުގެ ބަޔަކު ނާންނާނެކަމަށެވެ. ކެމްޕެއިންގެ ތެރޭގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަތަކަކީ ވެރިކަމުގެ ދަހިވެތިކަމުގައި ދެއްކެވި ވާހަކަތަކެއްކަމަށް ވިދާޅުވިއެވެ.
ވެރިކަން ކުރަން އެގިވަޑައިނުގަންނަވާނަމަ، އެންމެ ރަނގަޅުވާނީ އެއްފަރާތަށް ޖެހިވަޑައިގަތުންކަމަށް އިކްރާމް ވިދާޅުވިއެވެ. ދިވެހި ރައްޔިތުން ރައީސް މުއިއްޒުގެ ޒިންމާ ނަންގަވަން ނުޖެހޭނެކަމަށާއި، އެމަނިކުފާނުގެ ބަލަދު ރައްޔިތުން ނަގަން ނުޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ. ގައުމުގެ ހުރިހާ އާރަކާއި ބާރެއް މި ވަގުތު ރައީސް މުއިއްޒުގެ އަތުގައި އޮތްއިރު، އެމަނިކުފާނަށް ގައުމު ނުހިންގެނީ އެކަން ކުރާނެ ގޮތް އެނގިވަޑައިނުގަންނާތީކަމަށް އިކްރާމް ވިދާޅުވިއެވެ.

