ހއ. ބާރަށުގެ ސިއްހީ މަރުކަޒުގައި މެޑިކަލް ވޭސްޓް މެނޭޖު ކުރަން ފެސިލިޓީއެއް ޤާއިމުކޮށްފިއެވެ.
ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީއީއެފް) ގެ މާލީ އެހީއާއި ޔުނައިޓަޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގެ އެހީތެރިކަމާއެކު، މިފެސިލިޓީ ޤާއިމުކޮށްފައި ވަނީ މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވުޒާރާއިން ކުރިއަށްގެންދާ “އެލިމިނޭޓިން ޕާސިސްޓަންޓް އޯގަނިކް ޕޮލިއުޓަންޓްސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް” (ޕޮޕްސް) މަޝްރޫޢުގެ ދަށުންނެވެ.
މިއީ ރާއްޖޭގެ ސިއްޙީ މަރުކަޒެއްގައި ފުރަތަމަ ފަހަރަށް ޤާއިމުކުރެވުނު ވޭސްޓް މެނޭޖް ކުރާ ފެސިލިޓީއެވެ. އެންވަޔަރަމެންޓް މިނިސްޓްރީން ބުނެފައިވަނީ ފެސިލިޓީގައި ޞިއްޙީ ދާއިރާއިން އުފެދޭ ކުނި ހަރުދަނާ އުސޫލުތަކާ އެއްގޮތަށް މެނޭޖުކުރުމަށް ރަށު ފެންވަރުގައި ނައްތާލުމަށް އެންމެ ރަނގަޅު ޓެކްނޮލޮޖީ އަދި ތިމާވެއްޓާ ރައްޓެހި އުސޫލުތައް ތަޢާރަފު ކުރިވިގެންދާނެ ކަމަށެވެ.
މީގެއިތުރުން ނޭދެވޭ ގޮތުގައި ކުނި ނައްތާލުމުން ޖައްވަށް ބޭރުވާ ވިހަ މާއްދާތައް މަދުކުރެވޭނެ ކަމަށާއި މިކަމުގެ ސަބަބުން ތިބާވެއްޓަށާއި ބާރަށުގައި ދިރިއުޅޭ ރައްޔިތުންގެ ޞިއްޙަތަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކުން ރައްޔިތުން ރައްކާތެރި ކުރެވޭނެ ކަމަށްވެސް ވަނީ ބުނެފައެވެ. މި މަޝްރޫއުގެ ދަށުން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ނުރައްކާތެރި ކެމިކަލް ހިމެނޭ ކުނި ސްޓޯ ކުރުމަށް އައްޑޫ ސިޓީގައި އިންޓެރިމް ހަޒާޑަސް ކެމިކަލް ވޭސްޓް ސްޓޯރޭޖް ފެސިލިޓީއަކާއި ރ. ވަންދޫގައި ހަޒާޑަސް ކެމިކަލް އެންޑް ވޭސްޓް މެނޭޖްމަންޓް ސިސްޓަމްއެއް ޤާއިމު ކުރުމަށް ވަނީ ނިންމައިފައެވެ.

