ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު، އެންސްޕާއާއި އާސަންދަ އެކި ފަރާތްތަކަށް ދައްކަން ޖެހިފައިވާ ފައިސާއަކީ އެމްޑީޕީ ހިންގި ޖަރީމާއެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
2024 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދައުލަތުގެ ބަޖެޓަށް، 5.1 ބިލިއަން ރުފިޔާ ސަޕްލިމެންޓުކޮށް ހުށަހެޅުމުން އެމްޑީޕީގެ މެމްބަރުން އެކަމަށް ފާޑުވިދާޅުވެ ވާހަކަ ދެއްކެވި އެވެ. އަދި މިއީ މި ސަރުކާރަށް ހަރަދުތައް މެނޭޖު ނުކުރެވުނު ނަތީޖާކަމަށް ބުނެފައިވާތީ، ރައްދުގައި ޝުޖާއު ވިދާޅުވީ ބަޖެޓު ހުސްވެފައިވާކަމަށް އެމްޑީޕީން ރައްޔިތުންނަށް ދައްކަން އުޅުނުނަމެސް ހަގީގަތަކީ އެއީ ނޫންކަމަށެވެ.
ޝުޖާއު ވިދާޅުވީ ބަޖެޓުގެ ދިހަ ބިލިއަނާއި ގާތް ކުރާ އަދަދެއް ހުރިއިރު، ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ހަރަދުތައް އިތުރުވާނެކަމަށް އަންދާޒާ ކުރެވޭ ދާއިރާތަކަށް ދުރާލާ ތައްޔާރުވުމަށްކަމަށެވެ.
އޭނާ ވިދާޅުވީ، ސަޕްލިމެންޓަރީ ބަޖެޓަށް ހުށައަޅާފައިވަނީ ސަރުކާރުން ހަރަދުކޮށްކޮށް ބަޖެޓު ހުސްކޮށްލައިގެން ނޫންކަމަށާއި 2022 ވަނަ އަަހަރާއި 2023 ވަނަ އަހަރުގައި ބައިނަލްއަގުވާމީ މާލީ މުއައްސަސާތަކުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރަށް ހަރަދުތައް ކުޑަކުރުމަށާއި އާމްދަނީ އިތުރުކުރުމަށް ލަފާ އަރުވާފައިކަމަށެވެ.
ޝުޖާއު ވިދާޅުވީ، ހަރަދުތައް ކުރަމުންދާ ގޮތް އެކަށީގެން ނުވާކަމުގެ އިތުރުން އިސްރާފު ނުކުރުމަށް އިރުޝާދު ދިންކަން ލިޔެކިއުންތަކުން ފެނަން ހުންނާނެ ކަމަށެވެ. އަދި ވިދާޅުވީ، ހަރަދުތައް ކުޑަކުރުމަށް އެކި ފަރާތްތަކުން ލަފާ ދީފައިވާއިރު އެ ދެ އަހަރުގައިވެސް ބަޖެޓު ހުށައެޅިއިރު އެކަމަށް ރިއާޔަތްކޮށްފައި ނެތުމުން ކަންބޮޑުވާކަމަށެވެ.ވ
އޭނާ ވިދާޅުވީ، އެމްޑީޕީއިން ބުނާ ރަން ފަސް އަހަރުގައި މަސައްކަތްތައް ކުރަމުން އައީ ވަރަށް ބޮޑެތި ބަޖެޓުތައް ފާސްކޮށްގެންކަމަށާއި ރާއްޖޭގެ ތާރީހުގައި ކުރިން ނަގާފައިނުވާ މިންވަރަށް ލޯނުތައްވެސް ނެގިކަމަށެވެ. އެހެންނަމަވެސް ދިވެހި އެއްވެސް ރައްޔިތަކަށް އެކަންކަމުން މަންފާއެއް ހާސިލުކޮށްދެވިފައިނުވާކަމަށާއި އެކަމާއިމެދުވެސް ހިތާމަކުރައްވާކަމަށެވެ.
ޝުޖާއު ވިދާޅުވީ، ދިވެހި ރައްޔިތުން ރައީސް ޑރ މުއިއްޒު އިންތިހާބުކުރިއިރު އާސަންދައިން ރާއްޖެއިން ބޭރަށް 1.5 ބިލިއަން ދަރާފައި އޮތްކަމަށާއި އެންސްޕާއިންވެސް 1.6 ބިލިއަން ރުފިޔާ ދައްކަން ޖެހިފައިވާކަމަށެވެ. އޭނާ ވިދާޅުވީ، ދިވެހި ރައްޔިތުންގެ ސިއްހަތުގެ ބޭނުމުގައި ދައުލަތް އޮތީ ރާއްޖެއިން ބޭރަށް ދަރާފައިކަމަށާއި ރާއްޖޭގެ އެތެރޭގެ ކްލިނިކްތަކާއި ހޮސްޕިޓަލްތަކަށްވެސް 400 މިލިއަން ރުފިޔާ ދަރާފައި ހުރިކަމަށް މައުލޫމާތު ދެއްވިއެވެ. އޭނާ ވިދާޅުވީ، މިކަންކަމަކީ އެމްޑީޕީއިން ހިންގާފައިވާ ޖަރީމާތަކެއް ކަމަށް ގަބޫލުކުރައްވާކަމަށެވެ.

