ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓީޖީއެސްޓީ ދައްކާ ޓޫރިޒަމް ވިޔަފާރިތަކުން ބޭރު ފައިސާއާއި ބެހޭ ގަވައިދުގެ ދަށުން މި މަހު ރެޖިސްޓްރީ ވާން ޖެހޭ

ޗާންދަނީ މަގު ސަރަހައްދުގައި ހުރި ބޭރު ފައިސާގެ މުއާމަލާތް ހިންގާ ފިހާރައެއް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކުގެ ތެރެއިން ޓީޖީއެސްޓީ ދައްކާ ފަރާތްތަކުން ބޭރުފައިސާއާ ބެހޭ ގަވާއިދުގެ ދަށުން ވީހާވެސް އަވަހަށް ރެޖިސްޓްރީ ކުރުމަށް މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެދިއްޖެ އެވެ.

ބޭރު ފައިސާގެ ގަވައިދުގައި ވަނީ ދިވެހިރާއްޖޭގައި ކުރާ ހުރިހާ މުއާމަލާތެއް ކުރަންވާނީ ރުފިޔާއިން ކަމަށެވެ. އިސްތިސްނާ ވާ ހާލަތަކީ އޭގެ ތެރޭގައި ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިއަކުން ބޭނުންނަމަ މުސާރައާއި އިނާޔަތް ބޭރުފައިސާ އިން ދިނުމާއި ބައިނަލްއަގްވާމީ މުއާމަލާތްތަކާއި ފަތުރުވެރިންނަށް ވިއްކާ މުދަލާއި ހިދުމަތުގެ އަގު އަދި އެކްސްޕޯޓް ކުރެވޭ މުދަލާއި ހިދުމަތުގެ އަގުންނެވެ.

މި ގަވާއިދުގެ ދަށުން ބޭރު ފައިސާއިން ލިބޭ އާމްދަނީ ރާއްޖޭގައި ހިފެހެއްޓުން ހަރުދަނާކޮށް ބޭރު ފައިސާގެ ލިކުއިޑިޓީ އިތުރުކުރުމުގެ ގޮތުން ވެސް ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ.

ބޭރު ފައިސާއާއި ބެހޭ ގަވައިދުގެ ދަށުން، އެމްއެމްއޭގައި އޮކްޓޯބަރު 30 ގެ ކުރިން ރެޖިސްޓްރީ ކުރަން ޖެހެ އެވެ.

ރެޖިސްޓްރީއަށް https://extranet.mma.gov.mv/foreign-exchange ގައިވާ ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ އެވެ. އަދި މައުލޫމާތުތައް ސާފު ކުރުމަށް ބޭނުންވާ ފަރާތްތަކުން 301-2121 ގުޅައިގެން ނުވަތަ foreignexchange@mma.gov.mv އީމެއިލް ކުރުމުން ތަފްސީލު ލިބޭނެކަމަށް އެމްއެމްއޭ ބުންޏެވެ.

އެމްއެމްއޭ ބުނެފައިވާ ގޮތުން މި ފިޔަވަޅުތައް އަޅާފައިވަނީ ވިޔަފާރިތަަކަށް ވެސް މާލީ ބުރައަކަށް ނުވާނޭ ގޮތަށެވެ. އެގޮތުން ކެޓަގަރީ އޭގެ ގޮތުގައި ހިމެނޭ ޓުއަރިސްޓު ރިސޯޓުތަކާއި، އިންޓަގްރޭޓެޑް ޓުރިސްޓު ރިސޯޓުތައް އަދި ރިސޯޓު ހޮޓާތަކާއި، ޓޫރިސްޓު އުޅަނދުތައް އަދި އެ ނޫން ވެސް އެފަދަ ތަންތަނުން ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރުގެ ރޭޓުން މީލާދީ މަހެއްގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ބޭންކަކަށް ރުފިޔާއަށް މާރުކުރަން ޖެހޭ ގޮތަށް ގަވައިދުގައި ހިމަނާފަ އެވެ.

ކެޓަގަރީ ބީގެ ގޮތުގައި ހިމެނޭ ޓޫރިސްޓް ގެސްޓްހައުސްތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކުގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު އަދަދެއްގެ ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ތަންތަނުން ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން މީލާދީ މަހެއްގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ބޭންކަކަށް ރުފިޔާއަށް މާރުކުރަންވާނެއެވެ. ކެޓަގަރީ އޭ އަދި ބީގައި ހިިމެނޭ ފަރާތްތަކުން ވެސް ކޮންމެ މީލާދީ މަހެއް ނިމި އޭގެ ފަހުން ހިނގާ ތިން ވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ބޭރު ފައިސާ ބޭންކަށް މާރުކުރަންވެއެވެ.

ގަވައިދުގައި ވަނީ ވަކި ހާލަތްތަކެއްގައި މިއަށް ވުރެ މަދުން މާރުކުރުމުގެ ހުއްދައަށް އޮތޯރިޓީގައި އެދެވިދާނެ ކަމަށެވެ. އެއީ ބޭރުފައިސާ އިން ޓެކްސް ދެއްކުން، މާލީ އިދާރާއަކަށް ބޭރުފައިސާއިން ދަރަނި ދެއްކުން، ކޯޓު ހުކުމަކުން ކަނޑައަޅާފައިވާ ބޭރުފައިސާގެ އިލްތިޒާމްތަކާއި އަޮތޯރިޓީން ހުއްދަދޭ އެހެން ވެސް ބޭރު ފައިސާގެ އިލްތިޒާމްތައް އޮތުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: