ހެޔޮވެރިކަމެއް ކުރިއެރުވުމަށާއި ޑިމޮކްރެޓިކް އުސޫލުތައް ހަރުދަނާ ކުރުމަށް ރާއްޖެއިން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ ކަމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ސަމޯއާގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ހެޑްސް އޮފް ގަވަރމަންޓް މީޓިންގ (ޗޮގަމް)ގެ އެގްޒެކެޓިވް ސެޝަންގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުން ނައިބުރައީސް ވިދާޅުވީ ޑިމޮކްރަސީއާއި، އިންސާނީ ޙައްޤުތަކާއި، ޞުލްޙަމަސަލަސްކަމާއި، ތަފާތު ފިކުރުތަކަށް އިޙްތިރާމްކުރުމަކީ، މުޖުތަމަޢުތައް ކުރިއަރައި ދިއުމުގެ މައިގަނޑު ތަނބުތައްކަން ފާހަގަކުރައްވައި، މި އަސާސްތަކުގެ ސަބަބުން، ޤާނޫނީ ވެރިކަން ދެމެހެއްޓުމާއި، ހެޔޮވެރިކަމުގެ މަގަށް މަގުފަހިވެގެންދާކަމަށެވެ.
އަދި މިނިވަންކަމާއި އިންސާފުވެރިކަމާއެކު، ދިވެހިރާއްޖޭގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި އަދި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ހަތަރު ބުރެއް ކާމިޔާބުކަމާއެކު ރާއްޖޭގައި ބޭއްވިފައި ވާކަމީ، ހަރުދަނާ ޑިމޮކްރެޓިކް ނިޒާމެއް ބިނާކުރުމަށް ދިވެހިރާއްޖެއިން މަސައްކަތްކުރާކަން ދަލީލުކޮށްދޭ ކަމެއްކަންވެސް ނައިބުރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މި އިންތިޚާބުތައް އޮބްޒާވްކުރެއްވުމުގައި ކޮމަންވެލްތުގެ ސެކްރެޓޭރިއެޓުން އަދާކުރައްވާފައިވާ މުހިންމު ދައުރަށް ޝުކުރު އަދާކުރައްވައި، ކޮމަންވެލްތުގެ އިންތިޚާބީ އެހީތެރިކަން އިތުރަށް ހަރުދަނާކުރެއްވުމަށާއި، އިންތިޚާބާބެހޭ އޮފިޝަލުންނާއި މުއައްސަސާތައް ތަމްރީނުކުރެއްވުމާއި، މުޅި އިންތިޚާބާބެހޭ ނިޒާމުގެ ފުރިހަމަ ޕްލޭނެއް އެކުލަވާލެއްވުމާއި، އިންތިޚާބާބެހޭ އޮބްޒަރވޭޝަން ރިޕޯޓްތަކުގެ ދުވެލި ހަލުވިކުރެއްވުމާއި، ރިކޮމެންޑޭޝަންތައް ތަންފީޒުކުރުމަށް އޮބްޒަރވޭޝަން ގުރޫޕުތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދެއްވުމަށް ނައިބުރައީސް ލަފާދެއްވިއެވެ.
ނައިބުރައީސް ދެއްކެވި ވާހަކަފުޅުގައި، ޑިމޮކްރެޓިކް މުއައްސަސާތައް ހަރުދަނާކުރެއްވުމަށް، ކޮމަންވެލްތާއެކު ދިވެހި ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. ސަމޯއާގައި ބާއްވާ ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ މިއަހަރުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ރާއްޖޭގެ ވަފުދުގެ އިސް ލީޑަރެއްގެ ގޮތުގައި، މިފަހަރު ވަޑައިގެންނެވީ ނައިބުރައީސްއެވެެ.

