ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމަށް މަސައްކަތް ކުރި، ބިދޭސީއެއްގެ މައްޗަށް ކުށް ސާބިތުވެ އޭނާގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފި އެވެ.
ގާނާއަށް ނިސްބަތްވާ އެ މީހާއަކީ މިދިޔަ ޖޫން މަހުގެ ތެރޭގައި، ގަތަރު އެއާވޭސް ފްލައިޓެއްގައި ރާއްޖެއަށް އައި މީހެކެވެ. އަދި އޭނާގެ ފަރާތުން ޝައްކު ކުރެވޭ އަމަލުތަކެއް ފާހަގަކުރެވުމުން، ކަސްޓަމްސްގެ އިންޓެލިޖެންސުން އޭނާ އިތުރަށް ބަލައި ފާސް ކުރީ އެވެ.
ގާނާ މީހާއަކީ އިތުރަށް ބަލައި ފާސް ކުރަން ޖެހޭ މީހެއްކަމަށް ފާހަގަކޮށް، އޭނާގެ ހަށިގަނޑު ސްކްރީން ކުރިއިރު ފޮރިން ބޮޑީސް ހުރިކަމަށް ދެއްކި އެވެ. އަދި އައިޖީއެމްއެޗަށް ގެންގޮސް ސްކޭންތައް ހެދިއިރު، އެއީ މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭތީ ހައްޔަރު ކުރީ އެވެ.
މައްސަލައިގައި އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައި ވަނީ، އޭނާގެ ހަށިގަނޑުން 108 ބުލެޓު ބޭރު ކުރިކަމަށާއި، އަދި އޭގެއިން 1461 ގްރާމްގެ ކޮކެއިން ފެނިފައިވާކަމަށެވެ.
މައްސަލައިގައި ބިދޭސީ މީހާގެ މައްޗަށް ދައުވާ ކުރީ، މަސްތުވާތަކެތި ރާއްޖެއަށް އެތެރެ ކުރުމުގެ ކުށުގެ ދައުވާ އެވެ. އޭނާ ވަނީ ކުށަށް އިއުތިރާފުވެ، ދައުލަތާއި އެކު އިއުތިރާފުގެ އެއްބަސްވުމެއް އެކުލަވާލާފަ އެވެ. އެހެންވެ އިއުތިރާފުގެ މައްޗަށް ބަލައި، އޭނާގެ މައްޗަށް އިއްވާފައި ވަނީ 12 އަހަރުގެ ޖަލު ހުކުމެކެވެ. އަދި 10،000 ރުފިޔާއިން ޖުރިމަނާކޮށް، އެ ފައިސާ 12 މަސް ދުވަހުގެ ތެރޭގައި ދައްކައި ހަލާސް ކުރުމަށް ހުކުމް ކުރި އެވެ.

