މަސްތުުވާތަކެތި ބޭނުންކޮށް ވިއްކުމުގެ ވަސީލަތެއްގެ ގޮތުގައި ވޭޕް ބޭނުން ކުރުން އާންމުވެފައިވާއިރު، އެކަން ހުއްޓުވުމަށްވެސް މިހާރު ޤާނޫނަށް ހުށަހެޅިފައިވާ އިސްލާޙު ފާސްކުރަން ޖެހޭކަމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން ވިދާޅުވެއްޖެއެވެ.
އައިފާން އެހެން ވިދާޅުވީ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް އިސްލާޙު ހުށަހެޅުމުގެ ބިލާ ގުޅޭގޮތުން ހޯމަ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އައިފާން ވިދާޅުވީ، މި ބިލަކީ އެތައް ގޮތަކުން މުހިއްމު ބިލެއް ކަމަށާއި، މިއީ އާންމު ސިއްޙަތު ރައްކާތެރިކޮށް ދުޅަހެޔޮ ޖީލެއް ބިނާ ކުރުމުގައިވެސް މުހިއްމު ބިލެއް ކަމަށެވެ.
އޭގެ އިތުރުން، ރާއްޖޭގައި ކެންސަރަށް ފަރުވާ ހޯދާ މީހުންގެ އަދަދުވެސް ދުވަހެއް ދުވަހަކަށް އިތުރުވެފައިވާއިރު، ދުންފަތަކީ ފުއްޕާމޭގެ ކެންސަރާއި ލޭގެ ކެންސަރަށް މަގުފަހިކޮށްދޭ އެެއްޗެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ.
އެހެންކަމުން އަވަސް ފިޔަވަޅުތަކެއް އަަޅައިގެން މެނުވީ ޒުވާން ޖީލު މި ވަބާއިން ސަލާމަތް ނުކުރެވޭނެކަން ފާހަގަ ކުރައްވައި އައިފާން ވިދާޅުވީ، އެހެން ބައެއް ޤައުމުތަކާ އެއްގޮތަށް ރާއްޖޭގައިވެސް ދުންފަތުގެ ބާވަތްތައް ގަނެވޭ އުމުރު 21 އަހަރަށް ބަދަލު ކުރަން ޖެހޭ ކަމަށެވެ.
އައިފާން އިތުރަށް ވިދާޅުވީ، މި އިސްލާޙު މުހިއްމުވާ އަނެއް ސަބަބަކީ ވޭޕް ކުރުމުގެ ނަމުގައި މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ވިއްކުމާއި ބޭނުން ކުރުން ހުއްޓުވުމަށް ކަމަށެވެ.
މި އިސްލާޙު މުހިއްމުވަނީ ވޭޕްގެ ނަމުގައި މަސްތުވާތަކެތި އެތެރެކޮށް އެ ބޭނުން ކުރުން އިތުރުވެފައިވާއިރު، މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނެބިސް ހިމަނައިގެން ވޭޕް ކާޓްރިޖް އެތެރެކޮށް އޭގެ ވިޔަފާރިކޮށް ޒުވާން ޖީލާއި ސްކޫލު ކުދިންނަށް އެތަކެތި ދޭކަން ފާހަގަވެފައިވާތީ
މިހާރުވެސް ހޮސްޕިޓަލުތަކާއި އާންމު އެތައް ސަރަޙައްދެއްގައި މި ބާވަތުގެ ދުންފަތުގެ އިސްތިއުމާލު ކުރުން އާންމުވެފައިވާއިރު، މި އިސްލާޙުތަކަކީ ޤައުމަށް ނުހަނު ބޭނުންތެރި އިސްލާޙުތަކެއްކަމަށް އޭނާ ވިދާޅުވިއެވެ.
ނޮވެމްބަރު 15 އިން ފެށިގެން ރާއްޖޭގައި ވޭޕް މަނާ ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެ ނިންމުމަށް ދުނިޔޭގެ ސިއްޙަތާ ބެހޭ ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިންވެސް ވަނީ މަރުޙަބާ ކިޔާފައެވެ.

