ތަހުގީގަށް ހިފަހައްޓާ ފައިސާއާއިމެދު އަމަލު ކުރަނީ ގާނޫނުގައި އޮންނަ ގޮތަށްކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރު އިހުސާން ހާޒިރުކޮށް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ސުވާލުކުރީ ފުލުހުންނާއި ކަސްޓަމްސްއިން އެކިއެކި މައްސަލަތަކުގައި ތަހުގީގަށް ހިފަހައްޓާ ފައިސާ ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް އެ މުއައްސަސާތަކުގައި ގާއިމްކުރެވިފައިވޭތޯ ނުވަތަ، މިކަމާއި ގުޅޭ އެއްވެސް ގަވާއިދެއް އެކުލަވާލާފައިވޭތޯއެވެ.
ޖަވާބުގައި މިނިސްޓަރު ވިދާޅުވީ، މިހެން ހިފަހައްޓާ ފައިސާގެ ތެރެއިން ދިވެހި ފައިސާ ޖަމާކުރަނީ މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ގާއިމްކޮށްފައިވާ ވަގުތީ އެކައުންޓަކަށްކަމަށެވެ. އަދި ބޭރު ފައިސާ ބަހައްޓަނީ ގާއިމްކުރެވިފައިވާ ސޭފެއްގައިކަމަށެވެ. ދައުލަތުގެ އެއްވެސް އިސްވެރިއެއް ބޭނުންވެއްޖެނަމަ، މި ފައިސާ އޮޑިޓް ކުރެވި، މައުލޫމާތު ރައްކާކުރެވިގެންދާނެކަމަށެވެ.
ކަސްޓަމްސްއިން ހިފަހައްޓާ ފައިސާވެސް ރައްކާކުރަނީ އެތަނުގައި އިންނަ ތިޖޫރިއެއްގައިކަމަށާއި، ކޯޓު މަރުހަލާއާއި ހަމައަށް ދަންދެން އެފައިސާ ބަހައްޓަނީ އެ ތިޖޫރީގައިކަމަށް ވިދާޅުވިއެވެ. މި ފައިސާވެސް އޮޑިޓްކޮށް ބަލަހައްޓާނީ، ދައުލަތުން އެކަމަށް ހާއްސަކޮށްފައިވާ މަގާމުގައި ހުންނަވާ ބޭފުޅެއްކަމަށް އިހުސާން ވިދާޅުވިއެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްގައިއާއި، ކަސްޓަމްގައިވެސް މި ފައިސާ ވަކި މުއްދަތެއްގެ ތެރޭގައި އޮޑިޓް ކުރެވޭނެކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން މެންބަރު ވަނީ މިނިސްޓްރީއަށް ފޮނުވާ ސިޓީތަކަށް ޖަވާބު ނުލިބި، ލަސްވާތީ އެކަމާއިވެސް ސުވާލު ކުރައްވާފައެވެ. މިނިސްޓަރު ވިދާޅުވީ، ވަކި މުއްދަތެއް ބޭނުންވާފަދަ ސިޓީއެއް ނޫންނަމަ، ވަގުތުން ވަގުތަށްވެސް ޖަވާބުދޭކަމަށެވެ. ސިޓީއަށް ޖަވާބުދިނުމަށް ނަގާ ވަގުތު ރިއާޔަތްވާނީ، ސިޓީގެ ބާވަތުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

