ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމަށް މިވީ މުއްދަތުގެ ތެރޭގައި 25 ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމްކޮށްފައިވާކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރު ހާޒިރުކޮށް، ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވިދާޅުވީ، ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު، ފުލުހުންގެ ހިދުމަތް އެއްވެސް ވަރަކަށް ގާއިމްނުކޮށް އޮތް 72 ރަށެއް އޮތްކަމަށެވެ.
115 ރަށެއްގައި ހުރި ފުލުހުންގެ ހިދުމަތްދޭ ތަންތަން މަރާމާތު ކުރަމުންދާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. މި މަސައްކަތް ކުރަމުން ދަނީ ތަރުތީބެއްގެ ދަށުންކަމަށް ވިދާޅުވިއެވެ. އެގޮތުން ކުޅުދުއްފުށި ފާހަގަކުރެއްވިއެވެ. ފުލުހުންގެ އިންފްރާސްޓަކްޗާ މިހާރަށްވުރެ ރަނގަޅު ފެންވަރަކަށް ގާއިމްކުރުމުގެ މަސައްކަތުގެ ޕްރޮޖެކްޓްތައް ދަނީ އެކުލަވާލާމުންކަމަށް ވިދާޅުވިއެވެ.
މިހާރު 115 ރަށެއްގައި އިންފްރާސްޓަކްޗާތަކެއްގެ ވާހަކަ މި ދައްކަނީ، އެ އިންފްރާސްޓަކްޗާއަކީ ވަކި ތަރުތީބެއް ބަހާލައިގެން ދައުލަތުގެ ބަޖެޓުން ޖާގަ ލިބޭ ވަރަކުން ކުރަމުން އަންނާނެ ކަންކަން.
އިހުސާން ވިދާޅުވިއެވެ.
މި މަސައްކަތް ކުރިއަށް ގެންދާނީ ބަޖެޓު ލިބޭ މިންވަރަކުންކަމަށް ވިދާޅުވިއެވެ. މި މަސައްކަތުގެ ތެރެއިން ތަނުގެ ހާލަތަށް ބަލާ އިސްކަން ދޭނެކަމަށްވެސް ވިދާޅުވިއެވެ.

