ފަރުމަހުގެ މަސްވެރިކަން ތަރައްގީކުރަން ދޭ ލޯނުން ސްޕޯޓްސް ފިޝިންގްފަދަ އާމްދަނީ ލިބޭ އިތުރު ދޮރުތައް ހުޅުވޭނެކަމަށް ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިފަދައިން ވިދާޅުވީ ފަރުމަހުގެ މަސްވެރިކަމުގެ ސިނާޢަތު ތަރައްޤީކުރުމުގެ ގޮތުން ދޫކުރާ ލޯނު ލިބުނު ފަރާތްތަކާއެކު ބޭއްވި ބައްދަލުވުން ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކައިގައެވެ.
މި ބައްދަލުވުން ބޭއްވީ މިއަދު އިސްލާމީ މަރުކަޒުގެ ހޯލުގައެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ތެރެއިން ފަރުމަސްވެރިކަމާއި ފަރުމަސްވެރިކަމުގެ އުފެއްދުންތައް އުފެއްދުމުގައި ހަރަކާތްތެރިވާ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަސޭހަ އަދި ލުއި ލޯނު ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ހުޅުވާލެވުނު ފުރުސަތެކެވެ.
މި ޙަފްލާގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ މިއަދު ހުޅުވާލެވުނު ލޯނަކީ ކަނޑުރޯދިން ނަފާ ހޯދާ ފަރާތްތަކަށް ފަހި ފުރުސަތުތައް ހޯއްދަވައިދެއްވުމަށް ރައީސް މުޢިއްޒު ވަރަށް ޚާއްސަ އިސްކަމެއް ދެއްވާކަމެއް ކަމަށެވެ. މި ލޯނަކީ އާންމު ފަރުދުންނަށް އަތްލެވޭ ވަރަށް ލުއިކޮށް ފަސޭހައިން ލިބޭނެ ލޯނެއްކަމަށެވެ. އެހެންކަމުން ވީހާވެސް ގިނަ ފަރާތްތަކަށް މި ލޯނަށް އެދުމުގެ މަގުފަހިވެގެން ދިޔަކަމަށް ވިދާޅުވިއެވެ.
މިކަމުގެ ސަބަބުން ފަރުމަހުގެ މަސްވެރިކަން އިތުރަށް ތަރައްޤީކޮށް ސްޕޯޓްސް ފިޝިންގް ފަދަ އާމްދަނީ ލިބޭ އިތުރު ދޮރުތައް އިންޑަސްޓްރީގެ ތެރެއިން ހުޅުވިގެން ދާނެކަމަށެވެ. މީގެ އިތުރުން ފަރުމަހުގެ މަސްވެރިކަން އިތުރަށް ތަރައްޤީކޮށް ސްޕޯޓްސް ފިޝިންގް ފަދަ އާމްދަނީ ލިބޭ އިތުރު ދޮރުތައް އިންޑަސްޓްރީގެ ތެރެއިން ހުޅުވާލެވިގެންދާނެކަމަށް ވެސް ޝިޔާމް ވިދާޅިވިއެވެ.
ފަރުމަހުގެ މަސްވެރިކަން ތަރައްޤީކުރުމަށް މަސްވެރި ވުޒާރާއާއި އެސްއެމްއީ ޑެވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ގުޅިގެން ކަނޑުފަޅުނަފާ ޕްރޮގްރާމްގް ތެރެއިން ފަރުމަހުގެ ލޯނަށް ހުޅުވާލީ މިއަހަރުގެ ފެބްރުވަރީ މަހު 16 ވަނަ ދުވަހު ށ. ކޮމަނޑޫގައި ބޭއްވި ރަސްމިއްޔާތުގައެވެ.
މިލޯނަށް ކަނޑައަޅާފައިވާ އަދަދަކީ 20 މިލިއަން ރުފިޔާ ނަމަވެސް ލޯނަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ އަދަދު ގިނަކަމުން ވީހާވެސް ގިނަ ފަރާތްތަކަކަށް ލޯނު ހަމަޖައްސައިދިނުމަށް އިތުރު 10 މިލިއަން މިލޯނަށް އިތުރުކޮށް 30 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. ފަރުމަހުގެ ލޯނަށް އެދި ހުށަހެޅުމުގެ ސުންގަނޑި 30 އެޕްރީލް 2024އަށް ހަމަވިއިރު 121 ފަރާތަކުންވަނީ ލޯނަށް ހުށަހަޅާފައެވެ.
މިލޯނު ފުރުސަތުގެ ދަށުން 62 ފަރާތެއްގެ ލޯނު ދިނުމަށް ނިންމާ މިއަދާއަހަމަށް 37 ފަރާތެއްގެ ލޯނުވަނީ އެޕްރޫވްކޮށްފައެވެ. އަދި މިއަދާ ހަމައަށް 20 ފަރާތަކަށް ލޯނުގެ ފުރަތަމަ އިންސްޓޯލްޓް ވަނީ ދީފައެވެ.

