ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް ރައީސާއި ނައިބު ރައީސް އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ރައީސުލްޖުމްހޫރިއްޔާ ނަމެއް ފޮނުވަން ޖެހޭ ގޮތަށް އެމްޑީޕީން ވެސް އިސްލާހު ގެނައީ މިހާރު ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ މަގްސަދުގައި ބަޔާން ކުރާ ސަބަބުތަކާއި އެކުކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
އެހެން މުވައްސަސާތަކަށް މެމްބަރުން އައްޔަނު ކުރުމުގައި އަމަލު ކުރާ އުސޫލާއި އެއްހަމަ ކުރުމަށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް އައްޔަނު ކުރުމަށް ނަން ފޮނުވުމުގެ ބާރު ރައީސަށް ލިބިދޭ ގޮތަށް ސަރުކާރުގެ ފަރާތުން ވަނީ ގާނޫނަށް އިސްލާހު ހުށަހަޅާފަ އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި އެ އިސްލާހުގައި ވަނީ، ކޮމިޝަނަށް ރައީސަކާއި ނައިބަކު އައްޔަނު ކުރުމަށް ނަން ފޮނުވާނީ ރައީސް ކަމަށެވެ.
މި އިސްލާހުގެ ދަށުން ކޮމިޝަނުގެ މެމްބަރުންގެ ވޯޓަކުން ދެން، ރައީސާއި ނައިބު ރައީސް ވަކި ނުކުރެވޭނެ އެވެ. އަދި އެބޭފުޅުން މަގާމުން ވަކިވާން ބޭނުންވުމުން، ސަބަބު ބަޔާންކޮށް ސިޓީ ފޮނުވަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.
ބިލު ހުށަހެޅުމުން އަމާޒުވާ ފާޑުކިއުންތަކުގެ ރައްދުގައި އުޝާމް ވިދާޅުވީ ގާނޫނުގައި މިހާރު އޮތީ މިނިވަން މުވައްސަސާތަކަށް ވެރިން އައްޔަނު ކުރުމުގައި އެކި ގޮތަށް އަމަލު ކުރުމަށް ކަމަށެވެ. އެގޮތުން މުވައްސަސާތަކަށް ރައީސާއި ނައިބު ރައީސް އައްޔަނު ކުރުމުގައި އަމަލު ކުރާ ގޮތް އެއްގޮތް ކުރުމަށް، އެމްޑީޕީގެ ވެރިކަމުގައި ސިވިލް ސާވިސް ކޮމިޝަނުގެ ވެރިން އައްޔަނު ކުރުމުގައި ރައީސްގެ ދައުރެއް ގެނައުމަށް ނިންމިކަން އުޝާމް ފާހަގަކުރި އެވެ.
މިނިވަން މުއައްސަސާތަކުގެ ރައީސް އަދި ނައިބް ރައީސް އައްޔަނުކުރުމުގައި އަމަލުކުރުމަށް އެކި ގާނޫނުތަކުގަ ހުރީ އެކިގޮތަށް. މިކަން އެއްގޮތްކޮށް، މިކަމުގައި ރައީސްގެ ދައުރެއް ބޭއްވުމުގެ މަގުސަދުގަ MDP ގެ ސަރުކާރުގަ 2021 ވަނަ އަހަރު ސިވިލް ސަރވިސްގެ ރައީސް އަދި ނައިބްރައީސްއަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މަޤާމްތަކަކަށް ހެދުމަށް ގާނޫނަށް އިސްލާހެއް ގެނެވުނު. އެއިސްލާހު ފާސްކުރުމަށް 29 އެޕްރިލް 2021 ގައި އެކުވެރި ފިރުޝާންވެސް އަޅުގަނޑުވެސް ވޯޓުދިން.
އޭރު އެ އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރުނާއި އެކު، ވިލިމާލެ ދާއިރާގެ މެމްބަރުގެ ހައިސިއްޔަތުން އޭނާ ވެސް ވޯޓު ދެއްވާފައި ވާނެކަމަށް އުޝާމް ވިދާޅުވި އެވެ.
އުޝާމް ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ސީއެސްސީއަށް ހުށަހެޅި އިސްލާހާއި، މަޖިލީހަށް ހުށަހެޅި އިސްލާހުތަކާއި ތަފާތެއް ނެތްކަމަށެވެ. އެހެން ނަމަވެސް އެ ދުވަހު ރަނގަޅުވިކަމެއް، މިއަދު ބައެއް ބޭފުޅުންނަށް ގޯސްވީތީ އެކަމަށް އުޝާމް ސުވާލު އުފެއްދެވި އެވެ.

