މަސްވެރިކަމުގެ ދާއިރާއިން ފަރުމަސް ވެރިކަން ކުރިއެރުވުމަށް 7 ލައްކައާއި ހަމައަށް މާލީ އެހީ ތެރިކަން ފޯރުކޮށްދިނުމަށް ނިންމައިފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
މި ސްކީމް އަކީ މަސްވެރިކަމުގެ ސިނާއަތުގެ ދަށުން ފަރުމަސް ވެރިކަން އިތުރަށް ފުޅާކޮށް އިތުރަށް ތަރައްޤީ ކުރުމަށް ހުޅުވާލެވިގެންދާ މުހިންމު ފުރުސަތެއް ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ. މި ސްކީމްގެ ދަށުން 60 އަށް ވުރެން ގިނަ މަސްވެރިންނަށް މި ލޯނުގެ މަންފާ ލިބިގެންދާނެއެވެ.
ފަރުމަސް ވެރިކަން ކުރިއެރުވުމަށް ޓަކައި މަސްވެރިކަމާއި ބެހޭ ވުޒާރާއާއި އަދި އެސް.ޑީ.އެފް.ސީ ކޯޕަރޭޝަނުން ވަނީ ކަނޑުފަޅުގެ ނަފާ ލޯނު ތައާރަފްކޮށްފައެވެ. މި ލޯނަކީ ފަރުމަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ގިނަ އެހީ ތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި ލޯނުގެ ދަށުން ފަރުމަސްވެރިން ކުރާ އައު އުޅަނދު ފަހަރު ބަނުން ނުވަތަ މިހާރު ބޭނުން ކުރަމުންދާ އުޅަނދު ފަހަރު މަރާމާތު ކުރުމާއި އިންޖީނު އެޅުމަށާއި އަދި ފަރުމަހުގެ މަސްވެރިކަމަށް ބޭނުންވާ އެހެނިހެން މުހިންމު ވަސީލަތްތައް ގަތުމަށް ފުރުސަތު ލިބިގެންދާނެ އެވެ.
މީގެ އިތުރުން، ފަރުމަހުގެ މަސްވެރިކަން ތަރައްޤީ ކުރުމަށް މަސްދޯނި ފަހަރުގައި ލޮނުފެން މަސް ފިިނިކުރާ ނިޒާމު ޤާއިމުކުރުމާއި ޖެނެރޭޓަރު ބެހެއްޓުމާއި އަދި ސޯލާ ސިސްޓަމް ހަރުކުރުން ހިމެނިގެން ދެއެވެ. މަސްވެރިކަމުގެ ސިނާއަތުގައި އިސްކަން ދެވޭ ކަންތައްތައްތަކުގެ ތެރޭގައި ކަޅު ބިލަމަހުގެ މަސްވެރިކަމާއި އަދި ފަރުމަސް ވެރިކަން ހިމެނެއެވެ.
މަސްވެރިކަމާއި ބެހޭ ވުޒާރާއިން ބުނެފައިވަނީ، މި މަޝްރޫއު ފެށުމުގެ ގޮތުން ދިރާސާތަކެއް ވަނީ ކޮށްފައެވެ. އަދި ދިރާސާގެ އަލީގައި 700،000 އާއި ހަމައަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށް ވަނީ ނިންމައިފައެވެ. މި ލޯނުގެ އިންޓްރެސްޓް ރޭޓްއަކީ %5 އިންސައްތައެވެ. އަދި ލޯނު އަބުރާ ދެއްކުމަށް ގިނަ ވެގެން 10 އަހަރު ދުވަހުގެ މުއްދަތު ލިބިގެންދާނެ ކަމަށް ވަނީ ބުނެފައެވެ.
ގްރޭސް ޕީރިއެޑް ގޮތުގައި 6 މަސް ދުވަހުގެ މުއްދަތު ވަނީ ހިމަނައިފައެވެ. މި މަޝްރޫއުގެ ދަށުން ހޭދަކުރަން ޖެހޭ އަދަދު، ލޯނުގެ އަދަދަށް ވުރެން ބޮޑުވާ ނަމަ އިތުރަށް ދައްކަން ޖެހޭ ޙަރަދެއް ކުރައްވާނީ ލޯނު އެދޭ ފަރާތުން ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ. އަދި މި ލޯނުން ފައިނޭސް ކުރެވޭ ހުރިހާ އުޅަނދެއް ރަހުމު ކުރެވޭނެކަމަށް ވެސް ވަނީ ބުނެފައެވެ.
ކަނޑު ފަޅުގެ ނަފާ ލޯނު ސްކީމްމަކީ ދިވެހި މަސްވެރިންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް ޤައުމުގެ އިޤްތިސާދީ ދުވެލި އިތުރު ކުުރުމަށް މަގުފަހި ކޮށްދޭ މުހިންމު ފިޔަވަޅެކެވެ. އަދި ދިވެހި މަސްވެރިންނަށް އައު ފުރުސަތެއް ލިބިގެން ދެއެވެ.
ކަނޑު ފަޅުގެ ނަފާ ލޯނު ސްކީމްމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިޤްތިސާދުގެ ތަސަައްވަރުގެ ދަށުން ރާއްޖޭ ފަރުމަސް ކުރިއަރުވާ ދިރުވާ އާލާކުރުމުގެ ގޮތުން ތައާރަފް ކުރެވުނު ލޯނު ސްކީމެކެވެ. ފަރުމަހުގެ މަސްވެރިކަމަކީ ޒަމާނުއްސުރެ ކާބަފައިން ކުރަމުން އައި ތާރީހާއި ސަޤާފަތާއި އިޤްތިސާދަށް ގުޅި ލާމެހިފައިވާ މުހިންމު މަސައްކަތެކެވެ. މި ސްކީމަކީ މި ކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިތުރު ހިއްވަރަކާއި ކުރިއެރުން ލިބިގެންދާނެ ވަސީލަތެއް ކަމަށް ސަރުކާރުން ދެކެއެވެ.

