މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވާލަދޭ ތިލަމާލެ ބްރިޖުގެ މަޝްރޫއުގެ ޝެޑިއުލްތަކަށް ބަދަލުތަކެއް އައިސްފައިވާކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
ބްރިޖުގެ މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތުތަކާއި ގުޅޭގޮތުން ސުވާލު ކުރުމުން މުއްތަލިބު ވިދާޅުވީ މަސައްކަތް ނިންމާލެވޭނެކަމަށް އެފްކޮންސް ކަނޑައެޅި ތާރީހު ފާސްވެފައިވާކަމަށާއި، މިވަގުތު މަޝްރޫއުގެ ސްޕީޑު ހުރީ ކަނޑައެޅި ތާވަލަށް ވުރެ ދެ އިންސައްތަ ފަހަތުގައި ކަމަށެވެ.
މުއްތަލިބު ވިދާޅުވި ގޮތުގައި މޫސުމީ ބަދަލުތަކާއި، ކަނޑު ގަދަވުމާއި ގުޅުވައި އެފްކޮންސްގެ ފަރާތުން ބައެއް ޝަކުވާތައް އާދެ އެވެ. އަދި މި ސަބަބުތައް ދައްކައިގެން މަސައްކަތުގެ ސްޕީޑު ލަސްވާކަން ފާހަގަކޮށް މުއްތަލިބު ވިދާޅުވީ މިވަގުތު އެންމެ މުހިންމު ބޭނުންތެރި މަސައްކަތްތައް ބޭނުންވާ ސްޕީޑުގައި ކުރިޔަށް ނުދާކަމަށެވެ.
ކޮންޓްރެކްޓަރ އަށް އަޅުގަނޑުމެން ފާހަގަކޮށްފައި ވާނެ ގަބޫލު ނުކުރާކަން ކަނޑުގަދަވެގެން މި އަންނަކަމަކީ އެބޭފުޅުންނަށް ސަބަބެއްގެ ގޮތުގައި ދައްކައިގެން އިތުރު މުއްދަތެއް ހޯދުމަށް އޮތް ފުރުސަތެއްކަމަށް..
ބޭނުބްވާ ސްޕީޑުގައި ކުރިޔަށް ނުދާ އެއް މަސައްކަތެއްކަމަށް މުއްތަލިބު ވިދާޅުވީ، ޑީޕްސީ ޕައިލިން އެވެ. އެހެންކަމުން ކަނޑު ގަދަވުން ފަދަ ބަހަނާތައް ދައްކައިގެން އިތުރު މުއްދަތެއް ހޯދުމަށް ފުރުސަތެއް ނެތްކަން ހިއްސާކޮށްފައިވާނެކަމަށް މުއްތަލިބު ވިދާޅުވި އެވެ.
ބްރިޖުގެ މަސައްކަތް ނިންމަން ވަކި މުއްދަތެއް ދިނީ އެފްކޮންސްކަމަށާއި، އެހެންކަމުން އެ ވަގުތުގެ ތެރޭގައި ކުންފުނިން ދީފައިވާ ޝެޑިއުލްއާއި އެއްގޮތަށް މަސައްކަތް ނިންމަންވާނެކަމަށް ގަބޫލު ކުރާކަމަށް މުއްތަލިބު ވިދާޅުވި އެވެ.
”ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓު“ ނުވަތަ ”ތިލަ މާލެ ބްރިޖު“ގެ ނަމުން ނަންދީ ކުރިޔަށް ގެންދާ މަޝްރޫއުގެ އެކި ސާވޭތައް ކުރިޔަށް ގެންގޮސް ތާރީހުތަކެއް ދިން ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ނިމިގެން ދިޔައީ ބްރިޖުގެ އެއްވެސް ފޭސްއެއް ނިންމާނުލެވި އެވެ.
ބްރިޖަށް ބޮޑު ހަރަދުތަކެއް ހިނގިއިރު 7.7 ބިލިއަން ރުފިޔާ ހަރަދުކޮށްގެން ފަށަން ގަސްތުކުރި އެ މަޝްރޫއަށް ދިވެހި ސަރުކާރުން ވަނީ އިންޑިއާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިފައެވެ. އަދި އިންޑިއާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި 100 މިލިއަން ޑޮލަރުވެސް ހޯދާއިފައި ވެއެވެ.
އެއަށް ފަހު އައު ސަރުކާރުން ވެރިކަމާއި ހަވާލުވުމަށް ފަހު އާންމު ކުރި މައުލޫމާތުތަކުން އެނގުނު ގޮތުގައި، ރައީސް ސޯލިހު ވަނީ ދައުރު ނިމުމާއި ގާތްވެފައި ވަނިކޮށް އެއްބަސްވުން އިތުރުކޮށް 2026، ސެޕްޓެމްބަރ 30 އަށް އެ ދަންމާލާފަ އެވެ. އެހެން ނަމަވެސް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ އެ ތާރީހަށް ވެސް ބްރިޖު ނިމެނޭކެމަަށް ނުބެލެވޭކަމަށެވެ.
މިހާރު ދީފައިވާ ތާރީހުތަކަށް ބަލާއިރު، މާލެ އިން ވިލިމާލެއަށް ގުޅާލެވޭނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ވިލިމާލެ އާއި ގުޅިފަޅާ ދެމެދު ބްރިޖު އަޅައި ނިންމާލެވޭނެ ކަމަށް ލަފާކޮށްފައި ވަނީ މާޗް، 2026 ގައެވެ. އަދި މުޅި މަޝްރޫއު މަޝްރޫއު އެއްކޮށް ފުރިހަމަ ކުރެވޭނީ ސެޕްޓެމްބަރު، 2026 ގައެވެ.

