ބިންވެރިޔާ ސްކީމްގެ ދަށުން މާލޭ މީހުންނަށް ހުޅުމާލެ ފޭސް 2 އިން ލިބިފައިވާ ހުރިހާ ގޯއްޗެއް ހަވާލުކޮށް ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ހުޅުމާލެ ފޭސް 2 އިން ލިބިފައިވާ ގޯތިތައް މިމަސް ނިމުމުގެ ކުރިން ހަވާލުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދެކެވެ. ހައުސިން މިނިސްޓްރީން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ ރައީސްގެ ވައުދުފުޅާއި އެއްގޮތަށް ހުޅުމާލެ ފޭސް 2އިން ދޫކޮށްފައިވާ ހުރިހާ ގޯއްޗެއް އެ ތަނެއްގެ ވެރިފަރާތާއި ހަވާލުކޮށް ނިންމާފައިވާ ކަމަށެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމދު ޞާލިހްގެ ވެރިކަމުގައި ކުރިއަށްގެންދިޔަ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގެ ފޭސް 2އިން ވަނީ 1408 ގޯތި ދޫކޮށްފައެވެ. އެ ގޯތިތަކުގެ ތެރެއިން ގިނަ އަދެއްގެ ގޯތީގައި ކަންމުޑި ޖެހުމުގެ މަސައްކަތްވެސް އެޗްޑީސީން ވަނީ ކޮށްދީފައެވެ.
މީގެއިތުރުން ހުޅުމާލެ ފޭސް 3 އިން 699 ގޯތި ދޭންވެސް ރައީސް ޞާލިހްގެ ސަރުކާރުން ވަނީ ނިންމާފައެވެ. އެހެންނަމަވެސް އަދި އެ ގޯތިތައް ދިނުމަށް ބޭނުންވާ ބިން ހިއްކުމުގެ މަަސައްކަތް އަދި ނިމިފައެއް ނުވެއެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ އާއި ގުޅިފަޅު އަދި ގިރާވަރުފަޅުން މާލޭ މީހުންނަށް 9،000 އަށް ވުރެ ގިނަ ގޯތި ދޭން ވަނީ ނިންމައިފައެވެ. ހުޅުމާލެ 3 އާއި ގުޅިފަޅާއި ގިރާވަރުފަޅުން ގޯތި ދިނުމަށް ބޭނުންވާ ބިން ހިއްކާ އަދިވެސް ނުނިމެއެވެ. އަދި މި ސަރުކާރު އައިފަހުން ވަނީ ހުޅުމާލެ 3 އާއި ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

