މާލޭ އާ ސަހަރާގައި އުސްކޮށް ރާނާފައި ހުރި ވަށާފާރު ބާވުމުން އެ ފާރުގެ އުސްކޮށް ހުރި ބައި ތަޅާލުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ.
ކައުންސިލުން މިއަދު ބުނީ އާ ސަހާރާގެ ވެއްޓެން ކައިރިފައި ހުރި ވަށާފާރުން ބައެއް ތަޅާލައި، ފާރު ތިރިކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
”އާ ސަހާރާގެ ވެއްޓެން ކައިރިފައި ހުރި ވަށައިފާރު ނަގައި، ސަހަރާ ރީތިކޮށް ހުޅުވިފައި އޮންނަ ހިތްފަސޭހަ ސާފުތާހިރު ތަނަކަށް ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ،“
އެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ބައްލަވާލެއްވުމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވެސް އެތަނަށް ވަޑައިގަތެވެ. މި ބަދަލު ގެނައުމުން އާ ސަހަރާގެ ބޭރުގައި ހުންނައިރު، އެތަނުގެ ގަބުރުސްތާނު ބޭރަށް ފެންނާނެއެވެ. އާ ސަހަރާގެ ވަށާފާރު ތަޅާލުމުގެ މަސައްކަތް ފެށި އިރު، އެ ފާރުގެ އެކި ތަންތަނުގައި ހުރީ ވަރަށް ބޮޑަށް ރެނދުލައިފަ އެވެ.
މާލޭގައި ޖަނާޒާގެ ހުރިހާ ކަމެއް ކުރަމުން އައި އާ ސަހަރާ ޖާގަ ކުޑަވުމުން މާލޭ ސިޓީ ކައުންސިލުން މިހާރު ވަނީ ދެ ބުރީގެ އިމާރާތެއް ހަދައި އެތަނުގެ ޖާގަ އިތުރުކޮށްފަ އެވެ. މިދިޔަ އަހަރު މެއި މަހު ފެށި އެ މަސައްކަތް ނިންމައި އާ ސަހަރާ އަލުން ހުޅުވީ މި މަހު ހަތަރެއްގަ އެވެ.
ސިޓީ ކައުންސިލުން ވަނީ އާ ސަހަރާގެ މިސްކިތާއި ހިނަވާގޭގެ ޖާގަ ވެސް ބޮޑުކޮށްފަ އެވެ. މައްޔިތުންގެ މޫނުބަލަން ދާ މީހުންނަށް މަޑުކޮށްލައިގެން ތިބެވޭނެ ޖާގަ ވެސް އެ އިމާރާތުގައި ވަނީ ހަދައިފައެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަ ފާހާނާއަކާއި އާންމުންނަށް ބޭނުން ކުރެވޭނެ ފާހަނާއެއް ވެސް އެ އިމާރާތުގައި ހަދާފައިވެއެވެ. އާ ސަހަރާ ބަންދުކޮށްފައި ހުރި ދުވަސްތަކުގައި މާލޭގައި މަރުވި މީހުންގެ ޖަނާޒާގެ ކަންކަން ކުރީ ހުޅުމާލެ ސަހަރާގައެވެ.

