ޞިއްޙީ ޚިދުމަތާއި، އިޖްތިމާއީ ހަމަހަމަކަން ހަރުދަނާ ކުރުމަށް މެޑަމް ސާޖިދާ ގޮވައިލައިފިއެވެ.
މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލޫމިނަރީ ކޮންފަރެންސްގެ 11 ވަނަ އަހަރީ ބައްދަލުވުމުގައި ބޭއްވި ހައިލެވެލް ފަސްޓް ލޭޑީސް ޕެނަލްގެ ޝަރަފުވެރި މެހުމާންގެ ހައިސިއްޔަތުން ކުރެއްވި ކީނޯޓް ތަޤުރީރުގައި ސާޖިދާ ވިދާޅުވީ، ދަރިމައިވުމުގެ މައްސަލައަކީ ރާއްޖޭގައި އަދިވެސް ވަރަށް ހައްސާސް ކަމެއް ކަމަށާއި، މިއާ އެކުގައިވެސް އަންހެނުންނަކީ މުޖުތަމަޢު ބިނާ ކުރުމުގެ ބޮޑު ޒިންމާއެއް ކޮނޑުގައިއަޅައިގެން އުޅެމުންދާ ބައެއް ކަމަށެވެ.
އާސަންދަ ޕަބްލިކް ހެލްތު އިންޝުއަރެންސް ސްކީމްގެ ތެރެއިން ފަރުވާ ފޯރުކޮށްދީ، އައިވީއެފް ފަދަ އެސިސްޓެޑް ރިޕްރޮޑަކްޓިވް ޓެކްނޮލޮޖީސް (އޭއާރްޓީ) އިތުރަށް ފަސޭހަކޮށްދިނުމަށް އަދުގެ ސަރުކާރުން އިސްނަންގަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތެއް ކަމަށް ވަނީ ވިދާޅުވެފައެވެ.
”މޯރ ދޭން އަ މަދަރ“ ކެމްޕެއިން ރާއްޖެއަށް ތަޢާރަފްކުރެއްވުމަށް ބޭނުންފުޅުވާކަމަށާއި، މި ކެމްޕެއިންގެ ސަބަބުން ދަރިމައިވުމާ މެދު މުޖުތަމަޢުގެ ވިސްނުން ހުރި ގޮތް ބަދަލުވެ، ހިތްދަތިކަން ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށް ސާޖިދާ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ކެންސަރުން ރައްކާތެރިވުމާއި ފަރުވާ ދިނުމާއި ތައުލީމު ކުރިއެރުވުމާއި އެންމެންނަށް ހަމަހަމަ ފުރުސަތުތައް ފަހިކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށް ވަނީ ވިދާޅުވެފައެވެ.
ސާޖިދާގެ ވާހަކަފުޅު ނިންމަވާލައްވަމުން، ދުޅަހެޔޮ، ހަމަހަމަ ދުނިޔެއެއް ބިނާކުރުމަށްޓަކައި، މެރކް ފައުންޑޭޝަނާ ގުޅިގެން އިތުރަށް މަސައްކަތްކުރެއްވުމަށް ބޭނުންފުޅުވާކަމަށް ވަނީ ހާމަކުރައްވައިފައެވެ.

