ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ސިޓީގެ މަސްވެރިކަމަށް ތަރައްގީ ގެންނަން ބޭނުންވާ ފައިސާ ވަނީ ހަމަޖެހިފަ، 2026 އަށް ނަތީޖާ ފެންނާނެ: ޝިޔާމް

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް: ފޮޓޯ/ ފިޝަރީޒް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީގެ މަސްވެރިކަމަށް ތަރައްގީ ގެންނަން ބޭނުންވާ ފައިސާ ވަނީ ހަމަޖެހިފައިކަމަށް ހާމަކޮށް، އޭގެ ނަތީޖާ 2026 ވަނަ އަހަރު ފެންނާނެކަމަށް ފިޝަރީސް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީހަށް މިނިސްޓަރ ހާޒިރުކުރީ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ކުރައްވާ ސުވާލަށެވެ. މެންބަރު ސުވާލުކުރެއްވީ އައްޑޫ ސިޓީ، ފިޝަރީސް ކޮމްޕްލެކްސްގެ ކެޕޭސިޓީ ބޮޑުކުރުމަކީ މި ސަރުކާރުގެ ވައުދެއްކަމަށްވާއިރު، އަދި މަސްވެރިން އެކަމަށް ވަރަށް ބޮޑަށް ބޭނުންވެފައިވާކަމަށްވާއިރު، އެ މަސައްކަތް ފެށޭނީ ކޮން ތާރީހެއްގައިތޯއެވެ.

ރާއްޖޭގެ މަސްވެރިކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކެޕޭސިޓީގެ ދަތިކަންކަމަށާއި، މަސް ރައްކާތެރިކުރުމުގެ ކެޕޭސިޓީކަމަށްވީ ނަމަވެސް އަދި އަގު އެއް ކުރުމުގެ ކެޕޭސިޓީކަމަށްވީ ނަމަވެސް ވަރަށް ބޮޑެތި ދަތިތަކެއް އެބައޮތްކަމަށެވެ. ފެލިވަރު އޮޕަރޭޝަނަށް އައި ފަހުން ބައި ގަރުުނު ގުނަން ދާއިރުގައި، ތަން ފަށައިގެން އިރު ހުރި ހާލަތާއި މިއަދާއި މާ ބޮޑު ތަފާތެއް ނެތްކަމަށް ޝިޔާމް ވިދާޅުވިއެވެ.

މި ސިނާއަތް ކުރިއެރުވުމަށްޓަކައި މާ ގިނަ މަސައްކަތްތަކެއް ކުރެވިފައެއް ނެތް، މިފްކޯ ވުޖޫދުވީ ފަހުންވެސް 28 އަހަރުވީއިރުގައި މަސްވެރި ސިނާއަތުގައި ދިވެހިރާއްޖޭގެ މަސްވެރިން ތަރައްގީވެގެން އައި ގޮތަށް މަސްވެރިން އަތުން މަސް ގަންނަ ވަސީލަތްތައް ތަރައްގީ ނުވެ ހުރި ހުރުން، މިއީ ހަގީގަތުގައި މިއަދު އަޅުގަނޑުމެންނަށް އޮތް އެންމެ ބޮޑު ގޮންޖެހުން.

ޝިޔާމް ވިދާޅުވިއެވެ.

މިފްކޯ ވުޖޫދުވީ ފަހުންވެސް 28 އަހަރުވެގެން ގޮސްފައިވާއިރު، މަސްވެރިން ތަރައްގީވެގެން އައި ގޮތަށް، މަސްވެރިން ބާނާ މަހަށް ފައިސާ ދެވޭނެ، އަދި މަސް ގަނެވޭނެ ވަސީލަތްތައް ފަހިވެފައި ނެތުމަކީ ވަރަށް ބޮޑު ގޮންޖެހުމެއްކަމަށް ވިދާޅުވިއެވެ.

އައްޑޫ ހުޅުދޫގައި ގާއިމްކުރެވިފައިވާ ފެސިލިޓީގެ ކެޕޭސިޓީ އިތުރުކުމުގެ އެތައް ވާހަކައެއް 2019 ވަނަ އަހަރުން ފެށިގެންވެސް ދެއްކިކަމަށާއި، ނަމަވެސް މިކަމުގައި އަމަލީ ސިފަ ޖެއްސުމަށްޓަކައި އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަމަށް ޝިޔާމް ވިދާޅުވިއެވެ.

ކުރިއާއި ހިލާފަށް މަސްވެރިކަމުގެ ސިނާއަތުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ރައިސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން އެންމެ ފުރަތަމަވެސް ފެއްޓެވި އެއް މަސައްކަތަކީ މިއީކަމަށް ވިދާޅުވިއެވެ. މިފްކޯ މެދުވެރިކޮށް މި މަސައްކަތް ކުރުމަށް ފަންޑިން އެޖެންސީތަކާއިއެކު، މަސައްކަތް ފެށިކަމަށާއި، އޭގެ ނަތީޖާއަކަށްވީ އައިއެސްޑީބީގެ ފަރާތުން މިފްކޯގެ ތަރައްގީއަށް ކުރަން ހުރި މަސައްކަތްތަކުގެ ތެރެއިން، އައްޑޫގެ ފިޝަރީސް ކޮމްޕްލެކްސް ހިމެނޭހެން، ފައިސާ ހަމަޖެހިގެން ދިޔަކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ފައިސާ ހަމަޖެހުނީ މިދިޔަ ހަފްތާގައިކަމަށާއި، 2025 ވަނަ އަހަރުގެ ކުރީކޮޅު މި މަސައްކަތް ފައްޓަވާ އެންމެ ލަސްވެގެން 2026 ވަނަ އަހަރުގެ ކުރީކޮޅުގައި މި މަސައްކަތް ނިންމާނެކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ގޮތުގައި މިހާރު މި ފެސިލިޓީގައި ރައްކާކުރެވެނީ 1،500 ޓަނުގެ މަސްކަމަށާއި، ބްރައިން ކެޕޭސިޓީ ހުރީ 50 ޓަނުގައިކަމަށެވެ. މިތަނުގެ ތަރައްގީގެ މަސައްކަތް ނިމޭއިރު، އިތުރު 1،000 ޓަނުގެ މަސް ރައްކާކުރެވޭނެކަމަށާއި، ބްރައިން ފްރީޒިންއަށްވެސް 50 ޓަނު އިތުރުވެގެންދާނެކަމަށް ޝިޔާމް ވިދާޅުވިއެވެ. ދުވާލެއްގެ މައްޗަށް 500 ޓަނުގެ މަސް ގަނެވޭނެކަމަށް ވިދާޅުވިއެވެ.

މިކަމަށް ބޭނުންވާ ފައިނޭންސް ހަމަޖެއްސުމަށްޓަކައި އެހީތެރިވެދިން ވުޒާރާތަކަށް މިނިސްޓަރު ޝުކުރު އަދާކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: