މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ”މިސް ޔުނިވާސް“ މުބާރާތުގައި ދިވެއްސަކު ބައިވެރިވާތީ، އެއީ ރާއްޖެ ތަމްސީލު ކުރަން ދިވެހި ސަރުކާރުގެ ބައިވެރިވުމެއް އޮތްކަމެއްކަމަށް ދޭހަވާގޮތަށް އާންމުވަމުންދާ ޚަބަރުތަކާ ގުޅިގެން ޔޫތް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި އެކަން ހުއްޓާލުމަށް ގޮވާލައިފިއެވެ.
ޔޫތް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ، ދިވެހިންގެ ދީނާއި، އަޤީދާއާއި، ސަޤާފަތާ ނުގުޅޭ ހަރަކާތްތަކާއި މުބާރާތްތައް ބޭއްވުމާއި އަދި އެކިއެކި ފަރާތްތަކުން ބާއްވާ އެފަދަ މުބާރާތްތަކާއި ހަރަކާަރަކާތްތަކުގައި ދިވެހިން ބައިވެރިވުމަކީ ސަރުކާރުން ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ ކަންކަމަކީ ދިވެހިން ޤަބޫލުކުރާ އާންމު އަޚްލާޤީ މިންގަނޑުތަކާއި އުސޫލުތަކާވެސް ޚިލާފު ކަންކަން ކަމަށް ފާހަގަކޮށްފައިވެއެވެ.
”ރާއްޖެ ތަމްސީލު ކުރުމުގެ ނަމުގައި ދިވެއްސަކު އެފަދަ ހަރަކާތްތަކަށް ދިޔުން، ދިވެހި ސަރުކާރުން ކުށްވެރިކުރަމެވެ. އަދި އެ ހަރަކާތުގައި ބައިވެރިވުމަށް މަސައްކަތް ކުރަމުންދާ ފަރާތުން އެކަން ހުއްޓާލުމަށް ގޮވާލަމެވެ،“ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، ރާއްޖެ ތަމްސީލު ކުރުމުގެ ނަމުގައި އެފަދަ އެއްވެސް ހަރަކާތެއްގައި ދިވެއްސަކު ބައިވެރި ކުރުވުމަކީ ސަރުކާރުން ކުރާނެކަމެއް ނޫންކަމަށް ޔޫތް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ. އަދި އެއީ ސަރުކާރުން ކުރުވާކަމެއްކަމަށް ދޭހަވާ ގޮތަށް މަޢުލޫމާތު ނުފެތުރުމަށް އެދިފައިވެއެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އެފަދަ ކަންކަމުގައި ދިވެހިން ބައިވެރިނުވުމަށް އެންމެހާ ރައްޔިތުންނަށް ދިވެހި ސަރުކާރުގެ ނަމުގައި ގޮވާލާ ކަމަށެވެ.

