2025 ވަނަ އަހަރަށް ފާސްކުރާ ބަޖެޓަކީ ރައްޔިތުންނަށް ހިދުމަތްކޮށްދެވޭ ވަރުގެ ބަޖެޓަކަށް ވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އިބްރާހިމް ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި ގުޅޭގޮތުން މެމްބަރު މުސްތަފާ ވިދާޅުވީ، ބަޖެޓު އޮންނާނެ ގޮތް ފެނިގެންދާނީ ސަރުކާރުން މަޖިލީހަށް ބަޖެޓު ހުށައެޅުމުންކަމަށާއި އޭގެ ކުރިން މާ ބޮޑު ތަފްސީލުތަކަކަށް ވަޑައިނުގަންނަވާނެ ކަމަށެވެ.
އެހެންނަމަވެސް މީގެ ދުވަސްތަކެއް ކުރިން މި އަހަރުގެ ސަޕްލިމެންޓަރީ ބަޖެޓު ފާސްކުރިއިރު އޭގައި ބޮޑީ މުސާރައިގެ ގޮތުގައި ހަރަދުކުރުމަށް ކަނޑައަޅާފައިވާ އަދަދު ނޫންކަމަށާއި މުސާރައިގެ ގޮތުގައި ކަނޑައެޅިފައިވާ އަދަދު 1 އިންސައްތައަށްވެސް ނާރާކަމަށެވެ. މުސްތަފާ ވިދާޅުވީ އެ ބަޖެޓުގައި ބޮޑު އަދަދުތަކެއް ހިމެނިފައިވަނީ ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ދިނުމަށްކަމަށެވެ. އެގޮތުން އާސަންދައާއި މަތީ ތައުލީމު ހާސިލުކުރާ ކުދިންނަށް ދޭންޖެހޭ ފައިސާއާއި އެހެނިހެން ދޭންޖެހޭ ހިދުމަތްތަކަށްވާ ފައިސާ ހިމަނައިގެން ސަޕްލިމެންޓަރީ ބަޖެޓެއް ސަރުކާރުން ހުށައެޅުމުން އިތުރު ބަދަލެއް ނުގެނެސް ފާސްކުރިކަން ފާހަގަކުރި އެވެ.
މުސްތަފާ ވިދާޅުވީ، 2025 ވަނަ އަހަރުގެ ބަޖެޓަކީ ވަރަށް އުންމީދީ ބަޖެޓަކަށް ވާނެކަމަށާއި ސަރުކާރުން މަޖިލީހަށް ބަޖެޓުގެ ތަފްސީލުތައް ހުށައަޅާ ދުވަހު އެ އުންމީދުތައް ރައްޔިތުންނަށްވެސް ލިބިގެންދާނެކަމަށެވެ. އަދި އިތުރަށް ވިދާޅުވީ، 2025 ވަނަ އަހަރުގެ ބަޖެޓު މީގެ ކުރިން ހުށައެޅިފައިވާ ބަޖެޓުތަކާއި ތަފާތުވެގެންދާނެކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާކަމަށާއި އެންމެ ހާއްސަ ކަމެއްގެ ގޮތުގައި މި ބަޖެޓަކީ ސަރުކާރުގެ ވައުދުތައް ފުއްދުމަށްޓަކައި އެކުލެވިގެންދާ ބަޖެޓަކަށްވުން ހިމެނޭ ކަމަށެވެ. މިއީ ވަރަށް ބޮޑަށް ޕްރޮޖެކްޓު ބޭސްޑް ބަޖެޓަކަށް ވެގެންދާނެކަމަށް މުސްތަފާ ވިދާޅުވި އެވެ.
މުސްތަފާ ވިދާޅުވީ، އެކަމުގެ މާނައަކީ މި ބަޖެޓު ރައީސް ޑރ މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމަށްޓަކައި އަމާޒުކުރެވިފައިވާ ބަޖެޓަކަށް ވުންކަމަށެވެ. އަދި ބަޖެޓު ހުށައެޅުމުން އެކަމުން ކުރެވޭނެ އުންމީދުތައްވެސް އަންދާޒާކުރެވޭނެކަމަށާއި މި އަހަރަށް އެމްޑީޕީއިން ފާސްކޮށްފައިވާ ބަޖެޓެއް 20 ވަނަ މަޖިލީހުން ފާސްނުކުރާނެކަމަށާއި 2024 ވަނަ އަހަރު ސަރުކާރު ހިންގީ ބޮޑެތި ދަތިތައް ހުރި ބަޖެޓަކާއިއެކުކަމަށެވެ.

