ސަންގު ޓީވީގެ ފުރަމެންދުރު ޕްރޮގްރާމްގައި ޓްރޭޑްނެޓްގެ ފަރާތުން މަޢުލޫމާތު ދެމުން ބުނެފައިވަނީ، މިއީ ރާއްޖެއާއި އޭޝިއަން ޑެވެލޮޕްމެންޓް ބޭންކް (އޭޑީބީ) އާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން އަދި ޓްރޭޑް ފެސިލިޓޭޝަން އާޓިކަލްގެ 10.4 ގެ ދަށުން ހިންގޭ ޤައުމީ ފެންވަރުގެ ޕްރޮޖެކްޓެއް ކަމަށެވެ.
މި ޕްރޮޖެކްޓުގެ ދަށުން ގިނަ އިދާރާތަކެއްގެ ސިސްޓަމްތަކާއި، ސިސްޓަމްތައް ނެތް އިދާރާތަކުގެ ޚިދުމަތްތައް އެއް ޕްލެޓްފޯމެއްގެ ދަށަށް ގެނެވިގެންދާނެއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިވެރިންނާއި، ވިޔަފާރިވެރިންގެ މަސައްކަތްތަކުގައި އޭޖެންޓުކަން ކުރައްވާ ފަރާތްތަކަށާއި، ލޮޖިސްޓިކްސްގައި އުޅުއްވާ ފަރާތްތަކަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ޓްރޭޑްނެޓުން ބުނެފައިވެއެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ ދުވެލި އިތުރުވެގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.
ޓްރޭޑްނެޓުން އިތުރަށް ބުނެފައިވަނީ، ޓްރޭޑިއަންގެ މައިގަނޑު ޚިދުމަތްތަކުގެ ތެރޭގައި އުޅަނދު ރަޖިސްޓްރޭޝަނާއި އުޅަނދު ޑިކްލަރޭޝަން ހިމެނޭ ކަމަށެވެ. މިގޮތުން ރާއްޖެއަށް އަންނަ އުޅަނދުފަހަރުގެ މަޢުލޫމާތު ލިބިގަތުމާއި، އުޅަނދުފަހަރުގެ މަޢުލޫމާތު ހިއްސާކުރަންޖެހޭ އޭޖެންސީތަކުން ހިއްސާކުރުމަށް ބޭނުންކުރެވޭ ގޮތަށް ޓްރޭޑިއަންގެ ޕްލެޓްފޯމުން އެ މަޢުލޫމާތު އެއްކުރުމަށްފަހު، އެކަމާ ގުޅުންހުރި އިދާރާތަކަށް އެ މަޢުލޫމާތު ހިއްސާކުރެވޭނެއެވެ.
މީގެއިތުރުން، ޓްރޭޑްނެޓުން ފާހަގަކޮށްފައިވަނީ މިއީ އައި.އެމް.އޯގެ ފެލް ކޮންވެންޝަނާ އެއްގޮތަށް ދިވެހިރާއްޖޭގައި މި މަޢުލޫމާތުތައް އެއްކޮށް ހިއްސާކުރެވޭ ފުރަތަމަ ފަހަރު ކަމަށެވެ.

