ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މުއިއްޒުއާއިއެކު އެއް އަހަރު: ދިރޭތަކެތީގެ ދުޅަހެޔޮ ކަމަށް ފިޔަވަޅުތަކެއް އެޅި އެއް އަހަރު

ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާއި ބެހޭ ވުޒާރާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިރޭތަކެތީގެ ދުޅަހެޔޮކަމަށް އަޅާލުމަކީ ހަމައެކަނި އެ ތަކެއްޗަށް ލިބޭ ފައިދާއެއް ނޫނެވެ. މުޅި މުޖުތަމައުއަށްވެސް މީގެ ސަބަބުން ވަރަށް ގިނަ ފައިދާތަކެއް ކުރެއެވެ. ދިރޭތަކެތީގެ ދުޅަހެޔޮކަމަށް އަޅާލުމުން ތިމާވެށި ހިމާޔަތްކުރުމަށް އެހީތެރިވެދެއެވެ. ޖަނަވާރުތަކާއި ދޫނިސޫފާސޫފި ރައްކާތެރިކޮށް ބެލެހެއްޓުމުން، ގުދުރަތީ ވެށީގެ ހަމަހަމަކަން ދެމެހެއްޓުމަށް މަގުފަހިވެއެވެ. މިކަމުގެ ސަބަބުން، އިންސާނުންނަށް ސާފު، ދުޅަހެޔޮ ތިމާވެށްޓެއްގައި ދިރިއުޅުމުގެ ފުރުސަތު ލިބިގެންދެއެވެ. މަގުމަތީގައި އުޅޭ ޖަނަވާރުތަކުގެ އަދަދު މަދުވެ، ބަލިމަޑުކަން ފެތުރުމުގެ ފުރުޞަތު ކުޑަވެގެންދެއެވެ. އަދި ގޭގައި ގެންގުޅޭ ޖަނަވާރުތައް ރަނގަޅަށް ބެލެހެއްޓުމުން، އެތަކެތިން އިންސާނުންނަށް ޖެހިދާނެ ބަލިތައް މަދުވެގެންދެއެވެ. ޕެޓް ކެއަރ ފެސިލިޓީތަކާއި، ވެޓެރިނަރީ ކްލިނިކްތަކާއި، ޖަނަވާރުތަކަށް ބޭނުންވާ ތަކެތި ވިއްކާ ފިހާރަތައް އިތުރުވެ، އާ ވަޒީފާތައް އުފެދިގެންދެއެވެ. މިއީ ޤައުމުގެ އިޤްތިޞާދަށް ވެސް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެކެވެ.

ޕެޓް ސެލްޓާ ހުޅުވުމުގެ ރަސްމިއްޔާތު

މާލޭގެ މަގުތަކުގައި ގިނަވަމުންދާ ބުޅަލުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމުގެ ގޮތުން ، ސަރުކާރުން ޒަމާނީ ޕެޓް ކެއަރ ފެސިލިޓީއަކާއި ވެޓެރިނަރީ ހޮސްޕިޓަލެއް ޤާއިމުކޮށް، ރާއްޖޭގައި ޕެޓްކެއަރގެ ހަރުދަނާ ޤަވާއިދުތަކަކާއި ޢުޞޫލުތައް ތަންފީޒުކުރުމުގެ މަޤުސަދުގައި ޕެޓްކެއަރ ފެސިލިޓީ ވަނީ ޤާއިމުކޮށްފައެވެ. މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ނިންމައިފައިވަނީ 2 ފިޔަވައްސަކަށް ބަލާލައިގެން އެވެ. ފިޔަވަހި 1 ފަށާއިވަނީ 28 މާރޗް 2024 ގައެވެ. އަދި މި މަސައްކަތް ނިންމާލެވިފައިވަނީ 1 ނޮވެންބަރ 2024 ގައެވެ.

ފުރަތަމަ ފިޔަވަހީގެ ދަށުން، ވެޓިނަރީ ކްލިނިކްގެ އިމާރާތް ވަނީ ޤާއިމުކުރެވިފައެވެ. ވެޓިނަރީ ކްލިނިކުގައި ވެއިޓީން އޭރިޔާ، ކަރަންޓީން އޭރިޔާ، ކޮންސަލްޓޭޝަން ރޫމް، ސްޓީރޭޖް ރޫމް، މެޑިސިން ރޫމް، މެޑިސިން ސްޓޮކް ރޫމް، ސާޖަރީ ރޫމް، ޓްރީމަންޓް ރޫމް، 2 ފާހަނާއި އަދި ލޯންޑްރީ ރޫމް ވަނީ ހިމަނައިފައެވެެ. އަދި ކޮށިތައް ހިމެނޭ އިމާރާތްތަކުގައި ކޭޖްތައް އަދި ޕާކް ސްޓައިލްގެ 3 ކޮށި ވަނީ ހިމަނައިފައެވެ.

ފެޓް ފެސިލިޓީ ހުޅުވުމުގެ ރަސްމިއްޔާތު

ޕެޓް ކެއަރ ފެސިލިޓީ ޤާއިމްކުރުމަށްޓަކައި 20,700 އަކަފޫޓުގެ ބިމެއް ހުޅުމާލެ ފޭސް 2 އިން ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ވަނީ ހަމަޖައްސައިފައެވެ. މި ފެސިލިޓީ ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާ އާއި އާރބަންކޯ އާ ދެމެދު، 11 ޖަނަވަރީ 2024 ގައި ވަނީ ސޮއިކޮށްފައެވެ. ޕެޓް ކެއަރ ފެސިލިޓީ ޤާއިމްކުރުމަށް ލިބިފައިވާ ބިމުން 5000 އަކަ ފޫޓުގެ ބިން ވަކިކޮށް، ޕެޓް ކެއަރ ފެސިލިޓީގެ ފުރަމަތަ ފިޔަވަހީގެ އަމަލީ މަސައްކަތް ފެށުމަށް އެ ވުޒާރާއިން ހަވާލުކޮށްފައިވަނީ މާލެ ސިޓީ ކައުންސިލާ އެވެ. މީގެ އިތުރުން، ޕެޓް ކެއަރ ފެސިލިޓީީގައި ޕާކް ސްޓައިލްގެ ކޮށި އެޅުމަށް މާލެ ސިޓީ ކައުންސިލަށް ވަނީ އިތުރު 6000 އަކަ ފޫޓުގެ ބިމެއް ހަވާލުކޮށްފައެެވެ. ކޮށި އެޅުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

މިގެ އިތުރުން، ޕެޓް ކެއަރ ފެސިލިޓީ އަށް ބޭނުންވާ އާލާތާއި، ސާމާނު ހޯދުމަށް ސިޓީ ކައުންސިލްގެ ފަރާތުން ވަނީ އިއުލާން ކޮށްފައެވެ. އަދި އެތަނަށް ފެން ލިބޭނެ ގޮތެއް ހަމަޖެއްސުމަށް އެމް.ޑަބްލިއު. އެސް.ސީ އާއި އެކު ވަނީ އެއްބަސް ވުމެއްގައި ސޮއިކުރެވިފައެވެ. އަދި ޕެޓް ކެއަރ ފެސިލިޓީގެ ކަރްންޓްގެ މަސައްކަތްވެސް މިހާރު ވަނީ ނިމިފައެވެ. ޕެޓް ކެއަރ ފެސިލިޓީއަށް އޮޕަރޭޝަނަށް ގެނެއުމަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާއި ބެހޭ ވުޒާރާއިން ވަނީ ޢިއުލާން ކޮށްފައެވެ. އޭގެ ތެރޭގައި އެ ދާއިރާގެ ޕްރޮފެޝަނަލް ނަރުހުންނާއި ޑޮކްޓަރުން ހިމެނިގެންދާނެ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ. އަދި އެ ފެސިލިޓީއަށް ބޭނުންވާ ކާނާ ގަތުމަށްޓަކައި ބަޖެޓު ހަމަޖައްސައި ދިނުމަށް ރައީސް އޮފީހަށް އެދިފައިވާނެ ކަމަށް ވެސް އެވުޒާރާއިން ވަނީ ބުނެފައެވެ.

މާލެ ސިޓީ ކައުންސިލާއެކު އެއްބަސް ވުމުގައި ސޮއިކުރެއްވުން

ދެވަނަ ފިޔަވަހީގެ ދަށުން، ޖަނަވާރުންނަށް ފަރުވާދޭ ޒަމާނީ ވެޓެރިނަރީ ހޮސްޕިޓަލެއް ޤާއިމު ކުރުމަށް ވަނީ ނިންމައިފައެވެ. އެތަން ކުރެހުމުގެ މަސައްކަތައް ޢިއުލާން ކުރުމަށް ދަނަޑުވެރިކަމާއި ދިރޭ ތަކެއްޗާއި ބެހޭ ވުޒާރާއިން ވަނީ ފިނޭސް މިނިސްޓްރީއަށް ވަނީ އެދިފައެވެ. އެހެން ނަމަވެސް 2024 ވަނަ އަހަރަށް ލިބުނު 9،000،000 ރުފިޔާގެ ބަޖެޓު ފިނޭންސް މިނިސްޓްރީން ކަނޑައިލައިފައި ވުމުން މަސައްކަތް ކުރިއަށް ގެންދިއުމަށް ދަތިތަކެއް ދިމާވެފައިވާ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ. ނަމަވެސް ޕެޓް ކެއަރ ފެސިލިޓީއަށް ބޭނުންވާ ބިން ހަމަޖެއްސުމަށްފަހު އެނިމަލް ވެލްފެއަރ މިނިސްޓްރީއާ، މާލެ ސިޓީ ކައުންސިލް ގުޅިގެން ކެޓްޝެލްޓަރ ބިނާކުރެވޭނެ މާލީ އެހީއާ ވަސީލަތްތައް ސަރުކާރުން ވަނީ ހަމަޖައްސައިފައެވެ.

ޕެޓް ކެއަރ ފެސިލިޓީން ލިބޭނެ ޚިދުމަތްތަކުގެ ތެރޭގައި އާންމު ޗެކްއަޕްތަކާއި، ފަރުވާތަކާއި، އަދި އޮޕަރޭޝަންތަކުގައި ވެޓެރިނޭރިއަނަށް އެހީތެރިވުމާއި ވެޓެރިނޭރިއަން އަންގާ ގޮތުގެ މަތިން ބުޅަލަށް ބޭސް ދިނުން، ކާންދިނުމާއި، ބޭސްއެޅުން ހިމެނެއެވެ. އަދި އިންޖެކްޝަން ޖެހުމާއި، ލޭ ނެގުމާއި، ކުޑަކަމުދާ ތަކެތި ޓެސްޓްކުރުމާއި އެ ނޫން ވެސް ބަލި ދެނެގަތުމަށް ކުރާ ޓެސްޓުތައް ހެދުމުގެ އިތުރުން، އެނެސްތީސިއާ ބެލެހެއްޓުމާއި އޮޕަރޭޝަނަށްފަހު ރިކަވަރީގައި ތިބޭ ބުޅާތަކަށް ބޭނުންވާ ފަރުވާ ދިނުން ހިމެނެއެވެ.

އެޗްޑީސީއާއި އެކު ބޭއްވުނު މަޝްވަރާ ބައްދަލުވުން

ޕެޓް ސެލްޓާ ހުޅުވުމުގެ ރަސްމިއްޔާތުގައި ސަންގު ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ. އައިސަތު ރަމީލާ ވިދާޅުވެފައިވަނީ، ޕެޓް ކެއަރ ފެސިލިޓީއަށް ދިވެހި ނަމެއްގޮތުގައި އޮޅު ހިޔާ ކިޔާފައިވާ ކަމަށާއި އެ ނަމުން ރަމްޒުކޮށްދެނީ އޮޅުކޮށްގެން އެތާގައި ހުރިހާ ޖަނަވާރުންވެސް ގެންގުޅުން ކަމަށެވެ. އެހެން ނަމަވެސް މި ވަގުތު އެތަން ހާއްސަކޮށްފައިވަނީ، މާލެ ސަރަހައްދުތަކުގައި އެއްވެސް ބަޔަކު އަޅާނުލާ އުޅޭ ބުޅާ ތަކަށް ޙިދުމަތް ދިނުމަށް ކަމަށެވެ.

ވަޒީރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މާލޭގައި އުޅޭ ބުޅާތައް އޮޅު ހިޔާއަށް ގެނެސް ކަރަންޓީނު ކުރެވޭނެ ކަމަށެވެ. އަދި ބަލި ޖެހިފައިވާ ބުޅާ ތަކާއި، އަންހެން ފިރިހެން ބުޅާތަކާއި، އުމުރުފުރާތައް ވަކި ކުރެވިގެންދާނެ ކަމަށާއި އަދި އެކި ސަރަހައްދު ތަކުން ގެންނަ ބުޅާތައް ވަކި ކުރަންޖެހޭ ކަމަށެވެ. ސަބަބަކީ އެކި ސަރަހައްދުތަކުގައި އުޅޭ ބުޅާ ތަކުގެ އަމަލު ތަފާތު ވާނެތީ ކަމަށް ވަނީ ފާހަގަކުރައްވައިފައެވެ.

ޕެޓް ފެސިލިޓީ ހުޅުވުމުގެ ރަސްމިއްޔާތު

ޕެޓް ކެއަރ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ވާހަކަފުޅު ދައްކަވައިފައެވެ. ރައީސް ވިދާޅުވީ، މޭޔަރުގެ މަޤާމަށް ކުރިމަތިލުމަށް ކެމްޕޭން ކުރެއްވިއިރު މާލޭގައި ބުޅާތައް ގިނަވުމުގެ ސަބަބުން، ރައްޔިތުންގެ ޝަކުވާ ވަރަށް ބޮޑަށް ލިބުނު ކަމަށާއި އޭރުވެސް އެ މައްސަލައަށް ހައްލު ގެންނަވާނެކަމަށް ވިދާޅުވިކަމަށެވެ.

އޭރުގެ ސަރުކާރުން އެއްބާރުލުން ނުލިބި މިކަން ދިގުލައި ދާން ފެށުމުން، މޭޔަރުކަމުގައި ރައީސް ޑރ. މުޢިއްޒު ހުންނަވައި، މިކަން ޙައްލުކުރެވޭނެ މަގެއް ފެނޭތޯ، ބޮޑުތަކުރުފާނުމަގު، މަސްވެރީންގެ ޕާކު އޮތް ސަރަޙައްދުން އެކަމަށް ޖާގައެއް ޚާއްޞަ ކުރެއްވޭތޯވެސް 2023 ވަނަ އަހަރު ވަނީ މަސައްކަތްވެސް ކޮށްފައެވެ. 2023 ނޮވެމްބަރ 17 ގައި، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމާ ޙަވާލުވެވަޑައިގެން، ދިރޭތަކެއްޗަށް އޯގާތެރިވެ ބެލެހެއްޓުމަށް ޚާއްޞަ އިސްކަމެއް ދެއްވުމަށްޓަކައި ދަނޑުވެރިކަމާބެހޭ ވުޒާރާގެ ނަމާއި މެންޑޭޓްގެ ތެރޭގައި އެނިމަލް ވެލްފެއަރ ވަނީ ހިމަނައިފައެވެ.

ރައީސް ވިދާޅުވީ، ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރާ ކަންތައްތަކުގެ ތެރޭގައި ޕެޓް ކެއަރ ފެސިލިޓީ ހުޅުވުމުގެ މަސައްކަތް ހިމަނައި އެ މަސައްކަތް މިއަދު ފެށިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ޕެޓް ކެއަރ ފެސިލިޓީ ހުޅުވާފައިވާއިރު މިކަމަށް އާންމުންގެ އެހީތެރިކަން ބޭނުންވާނެކަމަށާއި، އެތަނުން ފޯރުކޮށްދެވޭ ޚިދުމަތްތައް ކުރިއަށްއޮތް ދުވަސްތަކުގައިވެސް ފުޅާ ކުރެވިގެންދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އެފަދަ  މައްސަލަތަކަށް ހައްލު ގެނައުމުގައި ރައްޔިތުންނާއި ގާތުން މަސައްކަތް ކުރައްވާނެކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: