ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ކައުންސިލުތައް ބާރުވެރި ކުރުވުމަކީ ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި ގިނަ ދުވަސްތަކެއް ވަންދެން ދެކެވެމުން އަންނަ ވާހަކައެކެވެ. ޚާއްޞަކޮށް އިދިކޮޅު މައި ޕާޓީ އެމްޑީޕީން މިކަމުގެ މުހިންމުކަން ފާހަގަކޮށް، އެކަމަށް ގޮވާލަމުން އަންނަތާ އަހަރުތަކެއް ވެއްޖެއެވެ. އެހެންނަމަވެސް، މި މުހިންމު މަޤްޞަދު ހާސިލުކުރުމަށް ހަމައެކަނި ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމުން ފުދޭނެތޯއެވެ؟
އެމްޑީޕީގެ ވެރިކަމުގައި ލާަމުގައި ލާމަރުކަޒީ ނިޒާމާ ގުޅޭ ޤާނޫނުތަކެއް ފާސްކޮށް، ކައުންސިލުތަކަށް އިތުރު ބާރުތަކެއް ދިނުމަށް މަސައްކަތްތަކެއް ކުރެވުނެވެ. ނަމަވެސް، މި އަހަރުގެ ދައުލަތުގެ ބަޖެޓާ ގުޅިގެން އުފެދިފައިވާ ބަހުސްތަކުން ދައްކުވައިދެނީ، ޤާނޫނުގައި ލިޔެފައި އޮތުމަކުން އެކަނި ކައުންސިލުތަކަށް ބޭނުންވާ ބާރުވެރިކަން ނުލިބޭކަމެވެ.
އެމްޑީޕީން ބުނާ ގޮތުގައި، ކައުންސިލުތަކަށް ޤާނޫނުން ކަނޑައަޅާފައިވާ ބަޖެޓުން ބައެއް އުނިކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ހުއްޓުވުމަށް މަސައްކަތް ކުރެވެމުންދެއެވެ. އެހެންނަމަވެސް، ކައުންސިލުތަކުގެ ތަޖުރިބާއިން ދައްކުވައިދެނީ މީގެ ކުރިން އެމްޑީޕީގެ ވެރިކަމުގައިވެސް ޤާނޫނުގައި ލިޔެފައި އޮތް ނަމަވެސް، ޢަމަލީ ގޮތުން ކައުންސިލުތަކަށް އެކަށީގެންވާ ބާރުވެރިކަމެއް ލިބިފައިނުވާކަމެވެ.
ކައުންސިލުތަކުގެ މާލީ ޤާބިލުކަން އިތުރުކުރުމަށް ޢާންމު ގޮތެއްގައި ބަލާއިރު މައިގަނޑު ތިން ގޮތެއް އޮވެއެވެ. އެއީ ހިލޭ އެހީ، ސަރުކާރުގެ ބްލޮކް ގްރާންޓް، އަދި ކައުންސިލުތަކުން އަމިއްލައަށް ހޯދާ އާމްދަނީއެވެ. ނަމަވެސް، ސަރުކާރުން ދޭ ބްލޮކް ގްރާންޓުން ކައުންސިލުތަކުގެ އަސާސީ ޚަރަދުތައް ފޫބެއްދުމަށްފަހު، ތަރައްޤީގެ މަޝްރޫޢުތަކަށް ޚަރަދުކުރާނެ ފައިސާއެއް ނުހުރެއެވެ. އަދި ކޮންމެ އަހަރަކުވެސް ސަރުކާރުން ކަނޑައަޅާ ވަކި ”ސީލިންގ“ އަކަށް ތަބާވާން ޖެހުމަކީވެސް ކައުންސިލުތަކުގެ މިނިވަންކަމަށް ހުރަސްއެޅޭ ކަމެކެވެ.
ކައުންސިލުތަކުގެ ޙަޤީޤީ ބާރުވެރިކަން ހޯދުމަށްޓަކައި، އެމީހުން އަމިއްލަ ފައިމައްޗަށް ތެދުވެ، އާމްދަނީ ހޯދޭނެ ގޮތްތައް ހޯދަން ބޭނުންވެއެވެ. މިގޮތުން، ފާއިތުވި ސަރުކާރުން ފަޅުރަށްތައް ކައުންސިލުތަކަށް ދޫކުރާނެ ކަމަށް ބުނި ނަމަވެސް، އެކަން ޢަމަލީ ސިފައެއް ނުގެނެވުނެވެ. ބައެއް ކައުންސިލުތަކުން އަމިއްލައަށް އިސްނަގައިގެން ބޭރުގެ އަދި ރާއްޖޭގެ އިންވެސްޓަރުންނާ ގުޅިގެން ފަޅުރަށްތަކުގައި މަޝްރޫޢުތައް ހިންގުމަށް ހުށަހެޅި ނަމަވެސް، އެ ފުރުޞަތު އެ ކައުންސިލުތަކަށް ލިބިފައެއް ނުވެއެވެ. މިއީ ގިނަ ކައުންސިލުތަކުގެ ހިތި ތަޖުރިބާއެކެވެ.
މާލީ ގޮތުން ބާރުވެރިއެއް ނޫން، އެމްޑީޕީން އެބަބުނޭ ކައުންސިލުތަކަށް ބޮޑު ބަޖެޓެއް ދިނީމޭ، ނަމަވެސް މިދިޔަ ސަރުކާރުގައި ދިން އެހީގެ 80 އިންސައްތަ މުސާރައާ ރިކަރަންޓު ޚަރަދުގެ އިތުރުން ކަރަންޓު ބިލު ދައްކަން ޖެހޭއިރު، އެކަންކަން ނުކުރެވޭ، އޭގެ ބަދަލުގައި ހިލޭ އެހީއާއި އާމްދަނީ ހޯދަން މަސައްކަތް ކުރަނީ. އެހެންވީމާ ކޮބައިތޯ ހަގީގީ ބާރުވެރިކަން، މިހާރުވެސް އޮތް ގޮތަކީ އެއީ، އޭރުވެސް އޮތް ގޮތަކީ އެއީ، އޭރު ކައުންސިލުތައް ބާރުވެރި ކުރުމަށް ކައުންސިލުތަކަށް ފަޅު ރަށްތައް ބޭނުން ކުރެވޭނެ ގޮތް ހަދާނެކަމަށް ބުނަމުން ދިޔަ ނަމަވެސް އެކަން ކޮށް ނުދޭ
ސަންގު ޓީވީއާ ވާހަކަ ދެއްކި ކައުންސިލަކުން ކިޔާދިނެވެ.
އެހެންނަމަވެސް މި ސަރުކާރުގައި މިހާރު ވަނީ އެދިފައިވާ ރަށްތަކަށް ފަޅު ރަށްތައް ދޫކޮށްދޭނެކަމަށް ނިންމައި އެކަން އިއުލާނުކޮށްފައެވެ. ލޯކަލް ގަވަރމަންޓް މިނިސްޓްރީން މިހާރު އެކަމާ ގުޅޭ މަސައްކަތްތައް ކުރަމުންދާއިރު، މިއީ ކައުންސިލުތަކުން އަމިއްލައަށް އާމްދަނީ ހޯދައި، އަމިއްލައަށް ރަށްރަށުގެ ތަރައްޤީއަށް މަސައްކަތް ކުރެވޭނެ މަގަކަށް ވާނެއެވެ.
ކައުންސިލުތައް ހަޤީޤަތުގައިވެސް ބާރުވެރި ކުރުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކުގެ ތެރޭގައި:
1. މާލީ މިނިވަންކަން: ކައުންސިލުތަކަށް އަމިއްލަ އާމްދަނީ ހޯދޭނެ ގޮތްތައް ތަނަވަސްކޮށްދިނުން. މީގެ ތެރޭގައި ފަޅުރަށްތައް ތަރައްޤީކުރުމުގެ ފުރުޞަތު ދިނުމާއި، އިންވެސްޓްމަންޓްތައް ގެނައުމުގެ ބާރު ދިނުން ހިމެނެއެވެ.
2. އިދާރީ މިނިވަންކަން: ކައުންސިލުތަކަށް އެ ސަރަޙައްދެއްގެ ކަންކަން ނިންމުމުގެ ބާރު ދިނުން. މިގޮތުން ސަރުކާރުގެ ތަންފީޒީ އިދާރާތަކުގެ ނުފޫޒު ކުޑަކުރުން މުހިންމެވެ.
3. ޤާބިލުކަން އިތުރުކުރުން: ކައުންސިލު މެންބަރުންނާއި މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށް ތަމްރީނު ޕްރޮގްރާމްތައް ހިންގުން.
4. ޖަވާބުދާރީވުން: ކައުންސިލުތަކުގެ މަސައްކަތްތައް ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމާއި، ރައްޔިތުންނަށް ޖަވާބުދާރީވުމުގެ ނިޒާމެއް ޤާއިމުކުރުން.
5. ރައްޔިތުންގެ ބައިވެރިވުން: ރަށު ފެންވަރުގައި ނިންމާ ނިންމުންތަކުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމުގެ ނިޒާމެއް ޤާއިމުކުރުން.
ދެބަސްވެވެން ނެތް ހަގީގަތަކީ ކައުންސިލުތައް ބާރުވެރި ކުރުވުމަކީ ޤައުމުގެ ތަރައްޤީއަށް ކޮންމެހެން މުހިންމު ކަމެއް ކަމެވެ. ނަމަވެސް މިއީ ހަމައެކަނި ޤާނޫނެއް ފާސްކޮށްލުމަކުން ނުވަތަ ބަޖެޓުގައި ވަކި އަދަދެއް ޖަހާލުމަކުން ޙައްލުވާނެ ކަމެއް ނޫނެވެ. މިއީ ދިގު މުއްދަތަކަށް، ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރަންޖެހޭ ކަމެކެވެ. ސަރުކާރާއި، ކައުންސިލުތަކާއި، ރައްޔިތުން ގުޅިގެން މަސައްކަތްކޮށްގެން މެނުވީ މި މަޤްޞަދު ޙާޞިލެއް ނުކުރެވޭނެއެވެ. އެހެންކަމުން، ހަމައެކަނި ސިޔާސީ ޝިޢާރުތަކުގެ ބަދަލުގައި، ޢަމަލީ ފިޔަވަޅުތަކެއް އެޅުމަކީ މިއަދު ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ.

