ރާއްޖޭގެ ބާޒާރުގައި ތަކެއްޗާއި ހިދުމަތުގެ އަގުތަކުގެ އިންފްލޭޝަން ރޭޓް މިއަހަރުގެ ސެޕްޓެމްބަރު މަހު މައްޗަށް ގޮސްފައިިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މިކަން ހާމަވީީ ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމުކުރި މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) އިންނެވެ.
މި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މުދަލާއި ހިދުމަތުގެ އަގުތައް 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު މި އަހަރުގެ ސެޕްޓެމްބަރު މަހު ވަނީ 1.14 އިންސައްތަ އުފުލިފަ އެވެ.
މި އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު އިންފްލޭޝަން ރޭޓް ސެޕްޓެމްބަރު މަހު 0.16 އިންސައްތަ މަތިވެފައެވެ.
އަގުތައް އުފުލުނު މުދަލާއި ހިދުމަތްތައް:
- ތަރުކާރީ: 3.95 އިންސައްތަ
- ކަރަންޓު: 1.70 އިންސައްތަ
- އެހެނިހެން އައުޓްޕޭޝަންޓް ކެއާ ހިދުމަތް: 1.24 އިންސައްތަ
- ކިރާއި އެހެނިހެން ޑެއިރީ އުފެއްދުން އަދި ބިސް: 0.83 އިންސައްތަ
- ވައިގެ ދަތުރުފަތުރުތައް: 0.82 އިންސައްތަ
- އެއްގަމު މަސް: 0.82 އިންސައްތަ
ސެޕްޓެމްބަރު މަހު އަގު ހެޔޮވީ ތަކެތީގެ ގޮތުގައި ކަނޑުމަހާއި މޯބައިލް މުވާސަލާތީ ހިދުމަތްތަކުގެ އަގު ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ވަނީ ފާހަގަކޮށްފައެވެ. ކަނޑުމަހުގެ އަގު މިއަހަރުގެ ސެޕްޓެމްބަރު މަހު 2.69 އިންސައްތަ ހެޔޮވެފައިވެއެވެ. އަދި މޯބައިލް މުވާސަލާތީ ހިދުމަތްތަކުގެ އަގު 0.38 އިންސައްތަ ވަނީ ހެޔޮވެފައެވެ. އަދި އަންނައުނުގެ އަގުތައްވެސް ވަނީ 0.29 އިންސައްތަ ހެޔޮވެފައެވެ.

