3 ނޮވެންބަރު 1988 ގެ ހަމަލާއާ ގުޅޭ ތަކެތި ދައްކުވައިދޭ މަޢުރަޒު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައި ދެއްވައިފއެވެ.
މިއަހަރުގެ ނަޞްރުގެ ދުވަސް ފެށިގެން ދިޔައީ ބޮޑު ޖަމާޢަތުގައި ކުރެއްވި ފަތިސް ނަމާދުންނެވެ. އަދި އެއަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ 3 ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައެވެ.
ރައީސް މިއަދު ހުޅުވައިދެއްވި ސިފައިންގެ މައުރަޒުން ފެނިގެންދާނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާގައި ލިބުނު ގެއްލުންތަކާއި އެދުވަހު ނަޞްރު ހޯދުމަށް ސިފައިން ދެއްކި ހިތްވަރެވެ. އަދި މި މައުރަޒުގެ މައިގަނޑު އެއް ބޭނުމަކީ ނަޞްރުގެ ދުވަހުގެ މަޢުލޫމާތު އަދުގެ ޖީލަށް ބުނެދިނުމެވެ.
މި މައުރަޒުން ގާތްގަނޑަކަށް 200 އަށްވުރެ ގިނަ ޑިސްޕްލޭ ފެންނަން ހުންނާނެއެވެ. އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ މައުރަޒުގައި ފޮޓޯގެ އިތުރުން ނަޞްރުގެ ދުވަހު ބޭނުންކުރެއްވި ބައެއް އަސްލު ހަތިޔާރާއި ބައެއް ތަކެތި އާންމުންނަށް ދައްކާލުމަށް ބަހައްޓާފައިވެއެވެ.
ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު 2024 ކުރިއަށްދާނީ ނޮވެންބަރު 3 އިން 9 އަކަށް ނެޝަނަލް އާޓް ގެލެރީގައެވެ. އަދި މި މައުރަޒު އާންމުންނަށް ބަލައިލުމަށް ހުޅުވާފައި ހުންނާނީ ހެނދުނު 09:00 އިން 12:00 އަށް، މެންދުރުފަހު 14:00 އިން 18:00 އަދި ރޭގަނޑު 20:00 އިން 22:00 އަށެވެ.
ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު 2024 ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްގެ އިތުރުން ސިފައިންގެ އިސްވެރިންނާއި ވަޒީރުން އަދި ދަޢުލަތުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

