މާރާމާރީގެ މައްސަލައެއްގައި ހައްޔަރުކުރި ބިދޭސީއަކަށް ޤާނޫނީ އިންޒާރު ދީފައިނުވާތީ އޭނާ ބަންދުން ދޫކޮށްލައިފިއެވެ.
މި މައްސަލައިގައި ހައްޔަރުކުރީ ޖޯސް ޖެގަންރާޖް ނަމަކަށް ކިޔާ އުމުރުން 40 އަހަރުގެ އިންޑިއާ ރައްޔިތެކެވެ. އޭނާގެ މައްޗަށް ކޮށްފައިވަނީ މާރާމާރީ ހިންގި ކަމުގެ ކުށުގެ ތުހުމަތެވެ.
އެހެންނަމަވެސް އޭނާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ކޯޓުން އެގޮތަށް އަމުރު ކުރި ސަބަބެއްކަމަށް ބުނެފައިވަނީ އޭނާ ހައްޔަރު ކުރުމަށްފަހު ތަރުޖަމާނެއްގެ ހާޒިރުގައި ޤާނޫނީ އިންޒާރު ދެވިފައިވާކަން ލިޔެކިއުންތަކުން އެނގެން ނެތް ކަމަށެވެ. އަދި ފުލުހުންނަށް އެކަން ޝަރީއަތުގައި ކަށަވަރު ކޮށްދެވިފައިވެސް ނުވާކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.
އެހެންކަމުން އޭނާ އެއްވެސް ޝަރުތެއް ނެތި ދޫކޮށްލުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ކްރިމިނަލް ކޯޓުގައި މި އަމުރު ނެރުއްވީ ގާޒީ އާއިޝަތު ނުޒުހާއެވެ.

