ޝަހީދުންގެ ހިޔާގެ ނަމުގައި 50 ހައުސިން ޔުނިޓުގެ އިމާރާތްތަކެއް އަޅާ ނިންމައި މި ދައުރުގެ ތެރޭގައި ޝަހީދުންގެ އާއިލާތަކާއި ހަވާލު ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވީ މިރޭ އޮތް ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ވޭތުވެ ދިޔަ 40 ވަރަކަށް އަހަރުގެ ތެރޭގައި، 29 ސިފައިންނާއި، 2 ފުލުހުންނާއި ޢާއްމުންގެ 11 މީހުން، ޤައުމީ ހިދުމަތާ ގުޅުންހުރި އެކި ހާލަތްތަކުގައި ދިމާވި ހާދިސާތަކުގައި މި ދުނިޔެ ދޫކޮށްފައި ވީ ނަމަވެސް، އެ ބޭފުޅުންގެ އަގުވަޒަންކުރުމަށް، ދެމެހެއްޓެނިވި ގޮތެއްގައި ދައުލަތުން އެއްވެސް ކަމެއް ކޮށްދެވިފައި ނުވާކަމަށެވެ. އަދި އެމަނިކުފާނު އެކަން ފާހަގަކުރެއްވީ ވަރަށް ބޮޑު ބޭއިންސާފެއްގެ ގޮތުގަ އެވެ.
ރައީސް ވަނީ 2025 އިން ފެށިގެން، ޝަހީދުންގެ އާއިލާތަކަށާއި، 3 ނޮވެމްބަރުގެ މެޑަލް ފޯ އެކްސެޕްޝަނަލް ބްރޭވަރީ ލިބިވަޑައިގަތް 5 ބޭފުޅުން އަދި މެޑަލް ފޯ ބްރޭވަރީ ލިބިވަޑައިގެންފައިވާ 10 ބޭފުޅުންނަށް ސަރުކާރުން ހާއްސަ އެލަވެންސެއް ދެއްވާނެކަން އިއުލާނު ކުރައްވާފަ އެވެ. އަދި މި އެލަވަންސް ދެއްވަމުން ގެންދަވާނީ، ކަނޑައެޅޭ، ގެޒެޓްކުރެވޭ އުސޫލެއްގެ މަތިން، ދެމެހެއްޓެނިވި ގޮތެއްގައި ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ދައުލަތުން ކުރާ މި ފަދަ ކަމަކުން، ޝަހީދުންގެ ޖިހާދުގެ އަގެއް ނުދެއްކޭނޭކަމަށާއި، އާއިލާތަކުގެ ހިތާމަތައް ފިލުވައި ނުދެވޭނޭކަމަށް ވިދާޅުވެ، އެމަނިކުފާނު ވަނީ، ދައުލަތުން، ކުޑަމިނުން، މި ވަރު ކޮށްދޭން ވާނޭކަމުގައި ވިދާޅުވެފައެވެ.

