ސިފައިންގެ ހިދުމަތުގައި ވަކި ދާއިރާއެއްގައި މަސައްކަތް ކުރުމަށް ބޭނުންވާ ކުދިންނަށް އެ ފުރުސަތު ހޯދައިދިނުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއާއި އެކު މަޝްވަރާ ކުރައްވަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ނަސްރުގެ ދުވަސް ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ، ސިފައިންގެ ކެޕޭސިޓީ އިތުރު ކުރުމަށް ސަރުކާރުން ގިނަ މަސައްކަތް ކުރަމުން ގެންދާކަމަށެވެ. ރައީސް ވިދާޅުވީ ސިފައިންގެ ހިދުމަތަށް ވަންނަ ފަރާތަކީ ކުރިޔަށް އޮތް ތަނުގައި މިހާރަށް ވުރެ ވެސް ބޮޑަށް ގައުމަށް ދިމާވާ ކަންކަމުގައި ހުޝިޔާރު ގައުމަށް ބޭނުންވާ ހުރިހާކަމެއްގައި ތަމްރީނު ލިބިފައިވާ ބަޔަކަށް ހެދިގެން ދާނެކަމަށެވެ. އަދި ސިފައިންގެ ހިދުމަތަށް ވަނުމަކީ ކުރިޔަށް ދިއުމަށް ދާއިރާއެއްގެ ގޮތުގައި ހަދައި، އުފަލާއި އެކު ހިދުމަތް ކުރަން ބޭނުންވާ ތަނަކަށް ހެދުމަކީ އެމަނިކުފާނުގެ އަޒުމްކަމަށް ވިދާޅުވި އެވެ.
އެގޮތުން ސިފައިންގެއަށް ވަދެގެން ވެސް، އެކި ދާއިރާތަކުން ތަމްރީނުތައް ހޯދުމަކީ އޮތް ގޮތެއްކަމަށާއި، ވަކި ދާއިރާއަކުން ކުރިޔަށް ދާން ބޭނުންވާތީ ގިނަ ޒުވާން ކުދިން ފުލުހުންނާއި ސިފައިންގެ ހިދުމަތާއި ގުޅެން ބޭނުން ނުވާކަމަށް ރައީސް ވިދާޅުވި އެވެ. އެހެންކަމުން ބޭނުން ވަނީ އެކަން ބަދަލު ކުރަންކަމަށާއި، ކުރިޔަށް އޮތް ތަނުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ މެދުވެރިކޮށް ސިފައިންނާއި ފުލުހުންނަށް ވަންނަ ޒުވާނުންނަށް ވަކިވަކި ދާއިރާތަކުން ތަމްރީނު ދެވިގެންދާނެކަމަށް ރައީސް ވިދާޅުވި އެވެ.
އެކިކަހަލަ ދާއިރާތަކުން އެކިކަހަލަ ތަމްރީނުތައް، ސިފައިންގެއަށް ވަދެގެންވެސް ހޯދުމަކީ އޮތް ގޮތެއް. ކުރެވޭނެ ކަމެއް. އަޅުގަނޑު ބޭނުން އެކަންކަން ކޮށްދޭން. ފުލުހުންގެ ޚިދުމަތަށްވެސް. ބައެއްފަހަރު މިވާގޮތަކީ، އެކިއެކި ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ކުދިން، މިއިން އެއްވެސް ޚިދުމަތަކަށް ވަންނާކަށް ބޭނުމެއްނުވޭ. އެކަން ބަދަލުކުރަން ބޭނުން. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގައި، މަތީ ތަޢުލީމާ ބެހޭ ވުޒާރާ މެދުވެރިކޮށް، ސިފައިންނަށާއި ފުލުހުންނަށް އެކިކަހަލަ ކެރިއަރ ޕާތްތައް، މިހާރު ޚިދުމަތުގައި ތިބި ފަރާތްތަކަށާއި، ދެން އަލަށް ޖޮއިންކުރާ ކުދިންނަށްވެސް ލިބޭނެގޮތަށް ސްޓްރަކްޗަރ ކުރުމަކީ، އަޅުގަނޑު ނިންމާފައިވާ ކަމެއްކަން ދަންނަވާލަން ބޭނުން.
ރައީސް ވިދަޅުވީ ސިފައިންގެ ކެޕެސިޓީ އިތުރު ކުރުމުގެ ގޮތުން އައްޑޫ ގަމުގައި އެއާބޭސްއެއް ގާއިމު ކުރުމުގެ މަސައްކަތް ކުރިޔަށްދާކަމަށެވެ. އަދި އެ މަސައްކަތް ވަރަށް އަވަހަށް ނިންމާލެވޭނެކަމަށާއި، އުތުރުގައި ވެސް އެފަދަ އެއާބަސްއެއް ގާއިމު ކުރުން ވަރަށް އަވަހަށް ފެށިގެންދާނެކަމަށް ރައީސް ވިދާޅުވި އެވެ.
ނިންމަވާލައްވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި ގައުމަށް އެންމެ މުހިންމީ އެ ގައުމެއްގެ މިނިވަންކަމަށްޓަކައި ގުރުބާންވުމަށް ކެރޭނެ ބައެކެވެ. އަދި ވިދާޅުވީ ދެކޮޅަށް ބަޔަކު މިހާރު އަންނަނީ ކަނޑިއާއި، ބަޑި ހިފައިގެން ނޫންކަމަށާއި ދިފާއީ ބާރު އޮންނަން ޖެހޭނީ ހުރިހާ ހާލަތަކަށް ވެސް ތައްޔާރުވެކަމަށެވެ.
ރައީސް ވިދާޅުވީ ގައުމެއްގެ މިނިވަންކަން ނަގާލަނީ، ކުރީގައި އެކަން ހިނގި ގޮތަކަށް ނޫންކަން ގަބޫލުކޮށް ބަވަނަވެފައިވާ ދުނިޔޭގައި މުޖްތަމައުގެ ލޯތައް ހުޅުވެން ޖެހޭކަމަށެވެ. އަދި ވިދާޅުވީ ގައުމުގެ އެތެރޭގެ ކަންކަން ހިގަމުން ދަނީ ސޯޝަލް މީޑިއާގެ ކެމްޕެއިން ނުވަތަ ޒަމާނީ ވަސީލަތެއްގެ ތެރެއިން ކުރެވޭ މަސައްކަތަކުން ކަމަށެވެ.
މުޖްތަމައުގައި އެމަނަކީ އެކުވެރި އެއްބައި ބަޔަކަށްވުމަށް އިލްތިމާސް ކުރައްވައި ރައީސް ވިދާޅުވީ މިއަދު ވެސް ބޭނުން ވަނީ ނޮވެމްބަރު 3 ގައި ދިވެހިން ދެއްކި އެކުވެރިކަން ކަމަށެވެ. ގައުމު ދެކެ ލޯބިވުމަށް ގޮވާލައި ރައީސް ވިދާޅުވީ، މާތްވެގެންވާ އިސްލާމްދީނަށް ވުރެ މުހިންމު އެއްޗެއް ނެތްކަން ދައްކަން ޖެހޭކަމަށެވެ.

