ޕާޓީތަކުގެ ގާނޫނަށް ގެންނަ އިސްލާހުން، ޕާޓީތަކުން ފެންމަތިކުރާ މައްސަލަތަކަށް ޒިންމާދާރު ކުރެވޭނެކަމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ހުށައަޅާފައި އޮތް އިސްލާހަށް ބަހުސް ކުރައްވަމުން އެ ބިލަށް ތާއީދު ކުރައްވާކަން ހާމަކުރައްވާ އިބްރާހީމް މުހައްމަދު ވިދާޅުވީ، މިއީ މިއަދު ރާއްޖެއަށް ވަރަށް ބޭނުންޖެހިފައިވާ އިސްލާހުތަކެއްކަމަށެވެ.
މިއަދުގެ މަޖިލީހުގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވަނީ އެމެރިކާގައި އޮތީ ދެ ފިކުރުކަމަށާއި، އެއަށްވުރެ ގިނަ ފިކުރު އެ ގައުމަށް ބޭނުންވާކަން ރައްޔިތުންގެ ޝުއޫރުތަކުން ހާމަވާކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، މިކަމުންވެސް ގިނަ ސިޔާސީ ޕާޓީތަކުގެ މައްޗަށް އެކުލެވޭ ނިޒާމެއްގެ މުހިންމުކަން ހާމަވާކަމަށެވެ.
މައުރޫފް އަށް ރައްދުދެއްވާ އިބްރާހީމް މުހައްމަދު ވިދާޅުވީ، މި އިސްލާހުތައް ގެނެސް، އެ ކަންކަން ގާނޫނަށް ބަދަލުކޮށް ތަންފީޒު ކުރަން ޖެހެނީ މިފަދަ ވާހަކަތައް ދައްކަވާ ބޭފުޅުންގެ މައްޗަށްކަމަށެވެ. އިސްލާމީ ދައުލަތްތަކާއި ދެކޮޅަށް ޓެރެރިޒަމް އެމެރިކާއިން ހިންގާކަމަށާއި، ރާއްޖޭގައިވެސް ޑިމޮކްރަސީގެ ނަމުގައި، ޑިމޮކްރެޓިކް ޓެރެރިޒަމް ބައެއް ސިޔާސީ ޕާޓީތަކުން ހިންގާކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން ތާރީހުގެ ތެރެއިން ބައެއް ކަންކަން އޭނާ ފާހަގަކުރެއްވިއެވެ.
އަޅުގަނޑުމެންނަށް ފެނިގެން ދިޔަ ޑިމޮކްރެޓިކް ޓެރެރިޒަމް ހިންގި މަންޒަރު މަޖީދީ މަގުގަ، ފުލުހުންނާއި ދެކޮޅަށް އަލިފާން ބޯޅަ އުކި މަންޒަރު، އަޅުގަނޑުމެންނަށް ފެނިގެންދިޔަ 2012 ގައި ފުރުގާން މިސްކިތަށް ނަމާދު ކުރަން ތިބި ބައެއްގެ ބޮލަށް ގާ އުކަމުންދިޔަ މަންޒަރު. އަޅުގަނޑުމެންނަށް ފެނިގެންދިޔަ ސިޔާސީ ހަރަކާތްތަކުގެ ނަމުގައި މާ ބަޑު ފުލުހަކަށް އަނިޔާދެވިގެން ދިޔަ މަންޒަރު.
އިބްރާހީމް މުހައްމަދު ވިދާޅުވިއެވެ.
މިއީ ޖިނާއީ އަދުލުގެ ތެރެއިން ހުއްޓުވެން ޖެހޭ ކަންކަންކަމަށް އޭނާ ވިދާޅުވިއެވެ. ސިޔާސީ މަސައްކަތް ކުރުމުގެ މާނައަކީ ޓެރެރިޒަމް ހިންގުމެއް ނޫންކަމަށް ފާހަގަކޮށް އިބްރާހީމް މުހައްމަދު ވިދާޅުވީ، އަދި ދިވެހިންގެ މުދަލަށް ގެއްލުން ދިނުންވެސް ނޫންކަމަށެވެ.
ސިޔާސީ ލީޑަރުން އިސްވެ ތިބެގެން ރާއްޖޭގެ ރައްޔިތުންނަށް ދަތިކުރުމަށްޓަކައި ކޮށްފައި ހުރި ކަންތައްތަކެއް ތާރީހުގެ ތެރެއިން ފެނިގެން ހިނގައްޖެކަމަށް ފާހަގަކޮށް އިބްރާހީމް މުހައްމަދު ވިދާޅުވީ މި އިސްލާހުތަކުން، މިފަދަ އަމަލުތައް ޒިންމާދާރު ކުރެވޭނެކަމަށެވެ.

