10،000 މެމްބަރުން ހަމަވެފައިވާ ކޮންމެ ސިޔާސީ ޕާޓީއަކަށް ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ފައިސާ ދޫކުރާ މިންވަރަށް ގައުމަށް އާމްދަނީ ނުލިބޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ވިދާޅުވެއްޖެ އެވެ.
ރިފާއު މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ އިސްލާހަށް ބަހުސް ކުރައްވަމުންނެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ހިލާފުވުމުން އެ އަމަލު ހިންގާ މީހެއް ޖުރިމަނާ ކުރެވޭ ގޮތަށް ހުށަހަޅާފައިވާ އިސްލާހުގައި އިތުރު ދެ ބައެއް ހިމަނާފައި ވެއެވެ.
އެއީ ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޭންވާނީ ކޮންމެ އަހަރެއްގައި ދައުލަތުގެ ބަޖެޓުގައި އެކަމަށް ކަނޑައެޅި ދޫކުރެވޭ ފައިސާކަމަށް ބުނާ މާއްދާ އެވެ. މި އިސްލާހުގައި ވަނީ ދައުލަތުގެ އަހަރީ ބަޖެޓުގައި އެ އަހަރަކަށް ލަފާކުރާ އާމްދަނީގެ 0.1 އިންސައްތައާއި 0.2 އިންސައްތައާއި ދެމެދުގެ އަދަދަކަށް ބަދަލު ކުރުމަށެވެ.
ގާނޫނުގައި މިހާރު އޮތް ގޮތުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަނީ އަހަރުގެ ބަޖެޓުންނެވެ.
ދެން ހުށަހަޅާފައި ވަނީ ސިޔާސީ ޕާޓީއެއްގެ ޕްރައިމެރީއެއްގައި ވާދަކުރުމަށް ފަހު، ބަލިވާ ހާލަތުގައި ދެން އެ އިންތިހާބުގައި ވާދަ ނުކުރެވޭނެކަމަށް ގާނޫނުގައި ބުނާ މައްދާ ބާތިލު ކުރުން ހިމެނެ އެވެ.
ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ މި އިސްލާހުގެ ބަހުސްގައި ރިފާއު ވިދާޅުވީ ހައްގުތައް ހޯދައިދީ، އެކަމަށް ވާކާލަތު ވެސް ކުރާ ބަޔަކީ ހަމައެކަނި އެމްޑީޕީކަމަށް އެ ޕާޓީ ގަބޫލު ކުރާކަމަށެވެ. އަދި ބަޔަކަށް ލިބެން ޖެހޭ ހައްގެއްގެ ވާހަކަ ހިމަނައި، އިސްލާހެއް ހުށަހެޅުމުން މުޅި ބިލާއި ދެކޮޅަށް އެމްޑީޕީ ވާހަކަ ދައްކާ ސަބަބަކީ ކޮބައިތޯ ރިފާއު ސުވާލު އުފެއްދެވި އެވެ.
އެންމެ މުހިންމު ކަމަކަށް މިއޮތީ ސިޔާސީ ޕާޓީތަކުގެ ޕްރައިމެރީގައި ވާދަކުރާ ފަރާތްތަކަށް، އެ ޕްރައިމެރީން ބަލިވިކަމުގައި ވިޔަސް އެހެން ގޮތްގޮތުން އިންތިހާބުގައި ވާދަކުރެވޭނެ ގޮތް ހަނިކޮށްފައި އޮތް އޮތުން، އަލުން އިޔާދަ ކުރާ ވާހަކަ އެއަށް ވުރެ ބޮޑު ހައްގެއް ކޮބައިތޯ؟؟
ރިފާއު ވިދާޅުވީ ކެންޑިޑެސީއެއް ބަލައިގަތުމުގެ ޝަރުތު ހަމަވާ ހާލަތުގައި، އެ މީހަކަށް އިންތިހާބުގައި ވާދަކޮށް ބައިވެރިވުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް އޮންނާނެ ކަމަށެވެ. އެހެން ނަމަވެސް މި ހައްގު ގާނޫނަކުން ހަނިކޮށްފައި އޮތުމުން، ރައީސް މުއިއްޒު ބޭނުންފުޅު ވަނީ އެ ހައްގު އަލުން އިޔާދަކޮށްދިނުމަށްކަމުގައި ރިފާއު ވިދާޅުވި އެވެ.
މީގެއިތުރުން ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޫކުރާ ފައިސާއަށް ގިނަ މެމްބަރުންގެ ހިޔާލުތައް ހުރިކަން ތަފާތުކަން ފާހަގަކުރެވެ އެވެ. 10،000 ހަމަވާ ކޮންމެ ސިޔާސީ ޕާޓީއަކަށް ފައިސާ ދޫކުރާއިރު، އޭގެ ތެރޭގައި ހިމެނޭ ގިނަ ޕާޓީތަކަކީ އިންތިހާބުތަކުގައި އެދެވޭ ނަތީޖާތަކެއް ނެރެވޭ ޕާޓީތަކެއް ނޫނެވެ.
މިހާތަނަށް އައި އިރު އެންމެ ގިނައިން ފައިސާ ދޫކޮށްފައިވަނީ އެމްޑީޕީ އަށެވެ. އެ ޕާޓީއަށް ޕާޓީ އަށް 2019 ވަނަ އަހަރު އެކަނި ވެސް 12 މިލިއަން ރުފިޔާ ދޫކުރިއިރު، އިދިކޮޅު ޕީޕީއެމަށް ނުވަ މިލިއަން ރުފިޔާ ލިބުނެވެ.
ލިސްޓުގައި ދެން ހިމެނޭ ޕާޓީތަކަކީ ޖުމްހޫރީ ޕާޓީއާއި، އަދާލަތު ޕާޓީ، އެމްއެންޕީ އަދި އެމްޑީއޭ އެވެ. އެހެން ނަމަވެސް މި ހަތަރު ޕާޓީއަށް މަޖިލިސް އިންތިހާބުގައި ލިބުނީ ބޮޑު ނާކާމިޔާބީ އެކެވެ.
މި މައްސަލައިގައި ރިފާއު ވިދާޅުވީ، ގައުމަށް ނުލިބޭ ފައިސާއަކުން ސިޔާސީ ޕާޓީއަކަށް ބަޖެޓުން ވަކި އިންސައްތައެއް ދޫނުކުރެވޭނެކަމަށެވެ. ލިބޭ އާމްދަނީއަކުން ފައިސާ ދޫކުރާ ގޮތަށް ބަޖެޓުގައި ހިމަނާފައިވާ ސަބަބަކީ އެއީކަމަށް ރިފާއު ވިދާޅުވި އެވެ.

