އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ދިވެހި އެއްވެސް ރައްޔިތަކު ބާކީނުކޮށް, ހެލްތު އިންޝުއަރެންސްގެ ވަށައިޖެހޭ ނިޒާމެއް އެމްޑީޕީގެ ވެރިކަމުގައި އެކުލަވާލީ އެ ކަމަކީ އެންމެހާ ރައްޔިތުން ޝާމިލް ކުރަންޖެހޭ އަސާސީ ޙައްޤަކަށް ވާތީކަމަށެވެ.
ބޭސްފަރުވާގެ އަސާސީ ޙައްޤުން ދިވެހި ރައްޔިތުން މަޙްރޫމު ނުކުރުމަށް ޝާހިދު ވަނީ ގޮވާލައްވާފައެވެ. އަދި ސިއްޙީ ނިޒާމު ސިޔާސީ ކުރުން ހުއްޓާލުމަށްވެސް އޭނާ ގޮވާލިއެވެ.
ޝާހިދު މިފަދައިން ވިދާޅުވެފައި މިވަނީ ސަރުކާރުން އިންޝުއަރެންސްއަށް ބަދަލުތަކެއް ގެނެސްފައިވާ ދަނޑިވަޅެއްގައެވެ.
އެގޮތުން 2024 ނޮވެންބަރު 1 ވަނަ ދުވަހުން ފެށިގެން އައުޓްޕޭޝަންޓް (އެނދުމަތި ނުކޮށްދެވޭ ފަރުވާ) ޚިދުމަތްތަކަށް އާސަންދައިގެ ޚިދުމަތް ފޯރުކޮށްދިނުމުގައި، ޚިދުމަތް ހޯދާ ފަރާތަކީ އަމިއްލަ އިންޝުއަރެންސެއް އޮތް ފަރާތެއްނަމަ، އެ އިންޝުއަރެންސަށް އިސްކަންދިނުމަށްވަނީ ހަމަޖެހިފައެވެ.

