ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަކީ އެއްވެސް ތިޖޫރީއަކާއި ނުވަތަ ކުންފުނިތަކުގެ ތަނޅުދަނޑިއާއި ހަވާލުވެ ތިބޭ ބައެއް ނޫން ކަމަށް އޭދަފުށި ދާއިރާގެ މެމްބަރ އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ދިވެހިރަޢްޖޭގެ ޤާނޫނުލްޢިޤޫބާތުއަށް އިސްލާހު ގެނެއުމުގެ ބިލަށް ބަހުސް ކުރައްވަމުން މެމްބަރ ވިދާޅުވީ، މަޖިލިހުގެ މެމްބަރުންނަކީ ތިޖޫރިތަކާއި ހަވާލުވެ ތިބޭ ބައެއް ނޫންކަމަށާއި، އެހެން ކަމުން ނުހައްޤުން މުއްސަދި ވެފައިވާ ބަޔަކު ތިބުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ނަމަވެސް ނުހައްޤުން މުއްސަނދިކަން ހޯދާ ވާހަކަތައް ދައްކާއިރު، މަޖިލިހުގެ ހުރިހާ މެމްބަރުންނަށް ނިސްބަތްވާ ގޮތަށް އެފަދަ ވާހަކަތައް ދެއްކުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް މެމްބަރ ވިދާޅުވިއެވެ. އަދި ދައުލަތުގެ ހުރިހާ ފަރާތްތަކެއްގެ މައްޗަށް އެފަދަ ތުހުމަތުތަކެއް ކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް މެމްބަރ ފާހަގަކުރެއްވިއެވެ.
“ ރައްޔިތުން މަޖިލިހުގެ މެމްބަރުންނަކީ އެއްވެސް ތަނެއްގެ ތިޖޫރީއާއި ހަވާލުވެ ތިބޭ ބައެއް ނޫން، އެއްވެސް ކުންފުންޏަކާއި ބާރު ފޯރުވޭ ބައެއް ނޫން، އެހެންވީމާ އަޅުގަނޑުމެން ތެރޭގައިވެސް ތިބެ ދާނެ ނުހައްޤުން މުއްސަނދިކަން ހޯދާ މީހުންވެސް، އެންމެންގެ މައްޗަށް ބިނާކޮށް އެފަދަ ވާހަކަތައް ދެއްކިގެން ނުވާނެ“ މެމްބަރ ވިދާޅުވިއެވެ.
މެމްބަރ ވިދާޅުވީ، ކޮންމެ ސަރުކާރެއްގައިވެސް ފެނިގެންދަނީ ގިނަ ކުންފުނިތުން ކޮރަޕްޝަންގެ ހިންގާ މަންޒަރު ކަމަށާއި ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންވަނީ ކޮރަޕްޝަންގެ މައްސަލައަށް ހުއްޓުމެއް ގެނެވުމަށް ކަމަށެވެ. ޤާނޫނަށް ގެންޖެހިފައިވާ އިސްލާހުތައް ގެނެވި، ސަރުކާރުގެ ތެރެއިން ކޮރަޕްޝަންގެ މައްސަލަ ހުއްޓުވުމަކީ ރައީސްގެ އަމާޒެއް ކަމަށް ވަނީ ވިދާޅުވެފައެވެ.
މެމްބަރ ވިދާޅުވީ، ދައުލަތުގެ ކުންފުނިތަކުން ކޮރަޕްޝަންގެ ގޮތުގައި ނުހައްޤުން އެތައް ފައިސާއެއް ސަރުކާރާއި ހަވާލުވިއިރު ގެއްލިފައި ހުރި ކަމަށެވެ. އާމްދަނީ އިތުރުކޮށް ޓެކްސްގެ އަގު ބޮޑު ކުރި ނަމަވެސް ކޮރަޕްޝަން ނުހުއްޓުވިއްޖެ ނަމަ، ކުރިއަށް ދެވޭނެ އެއްވެސް މަގެއް ނޯންނާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ކޮރަޕްޝަންގެ މައްސަލަތައް ކުރިގެން ހުއްޓުވަން ޖެހޭނެ ކަމަށް މެމްބަރ ވަނީ ވިދާޅުވެފައެވެ.

